އެމީހެއްގެ ތޮބީއަތާއި ޒާތުގައި އެދުމެއް ނުވާނަމަ ދުނިޔެ އުޅުމުގެ ބޭނުމެއް ވެސް ނުވާނެތާ އެވެ. އިންސާނާ އުފަންވެ ފުރާ ފުރިހަމަ ވަނީ ވެސް އެދުމަކަށްޓަކަ އެވެ.
މީގެ ތިރީހަކަށް އަހަރު ކުރީން ބައެއް ދުވަސް ދުވަހު، ސިޔާސީ ވިސްނުން ގެންގުޅޭ، އަދި އޭރު އޮތް ސަރުކާރާމެދު އެހައި ހިތާ ނުވާ ބަޔަކު، ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމް ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ސިޔާސީ ވާހަކަ ދައްކަވާ ސައި ބައްްލަވާ ސަމާސާ ކުރައްވާ އެކުއެކީގައި އުޅެތެވެ. އެފަދަ ބޭފުޅުންނާ ބައްދަލުވެ ވާހަކަ ދައްކާލާނެ ފުރުސަތެއް މަދުން ނަމަވެސް އަޅުގަނޑަށް އޭރު ލިބިފައި ވެއެވެ.
އުމުރުން އޭރު ހަގު ނަމަވެސް ވިސްނުމާއި ފިކުރު ހުންނަނީ އެ ބޭފުޅުންގެ ވާހަކައިގެ ތެރޭގައި އޮންނަ "ސިޔާސަ" އަދި "ސިޔާސީ" ވިސްނުމާއި ފިކުރެވެ. އެއީ މިއަދު ވެސް ބަޔަކު އެ ބުނާ ފިކުރުގެ ދިރުމޭ ބުނެވި ދާނެ އެވެ. އެހެން ނުކިޔަންޏާ އެއީ އިސްލާހީ އެޖެންޑާއެކޭ، ރިފޯމް މޫވްމެންޓެކޭ ވެސް ކިޔާންވީ އެވެ. އެކަން އަމިއްލަފުޅު އިހުތިޔާރަށް ދޫކޮށްލަމެވެ.
އެކަމަކު އެ ފިކުރުން ވިސްނާލާއިރު އަޅުގަނޑަށް ގާސިމް ފާހަގަ އެބަ ކުރެވެ އެވެ. ގާސިމަކީ ސިޔާސީ ގޮތުން މަންތިރިވެފައި އިން ހަމައެކަނި މަނާ ކަމަށް ވެސް ވެދާނެ އެވެ. އޭރުން ފެށިގެން ގާސިމް "އެދެމުން" އެ ދިޔައީ މިއަދުގެ މަންޒަރަށް ވުމަކީ ވެސް ކައިރި ގޮތެކެވެ. އެހެންވާކަށް ކޮންމެހެނަކު ލާޒިމެއް ނޫނެވެ.
މީގެ ކުރީން ވެސް ގާސިމް ދެ ފަހަރެއްގެ މަތީން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފި އެވެ. މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ފޯރި ހިފާފައި ވާއިރު ގާސިމް އެ ވަނީ ރިޔާސީ ރޭހަށް ކުރިމަތިލައްވާން ނިންމަވައި އެކަމުގެ އިއުލާނު ޖައްސަވާފަ އެވެ.
ހިނގައި ދިޔަ ހާލަތުތައް ނިއުޅައިލާއިރު ބައެއް މީހުނަށް އިއްޔެ ގާސިމް ވަރެއް ނެތެވެ. "މަނީ މަނީ ޔެސް ސާ" އިން ފެށިގެން "އައިނީޑް ސަމް ކޭޝް" މީ ބައެއް މެންބަރުން ގެ ސިޔާސީ ކުޅިގަނޑު ބައްޓަންވެފައި ހުރި ގޮތެވެ. މިއަދާ މާދަމާ ގާސިމަށް ހަޖޫ ޖެހުމާ ފާޑު ކިޔުމާ އައިބު ގޮވުން ނޫން ކަމެއް ވެސް ފެނިގެނެއް ނުދާނެވެ. ސޯޝަލް މީޑިއާ ބަންޑުން ކުރަމުން ގެންދާނީ "ތެންކިޔޫ ދަ ލައުރާ" ނުވަތަ މިނޫން ވެސް ހަޖުލަށް ވާނެ ފުރައްސާރައިން ނެވެ.
ނަމަވެސް އަޅުގަނޑުގެ ވިސްނުން މުޅީން ތަފާތު ވެއެވެ. ގާސިމަކީ ހިންގުންތެރި ކާމިޔާބު ވިޔަފާރިވެރި އެކެވެ. ފީފާ ފުރޮޅަމުން ގޮސް އެންމެ ފަހުން މުޅި ފަތުރުވެރިކަން ވެސް ފުރޮޅައިލެއްވީ މުޅީން އެހެން ދިމާލަކަށެވެ. ރާއްޖޭގައި ތިރީހަކަށް ކޮޓަރި އަޅައިގެން ގެންގުޅުނު ފަތުރުވެރިކަން 1000 އެނދަށް ބަދަލު ކޮށް މާސް ޓޫރިޒަމްގެ ބާނީ ކަމަށް ގާސިމް ވެވަޑައިގަތެވެ. އަޅުގަނޑު މިހެން ބުނުމުން ފަހަރުގައި މީހަކަށް / ބަޔަކަށް ގޯހަކަށް ވިޔަސް މިއީ ކަން ހިނގައި ދިޔަ ގޮތެވެ.
ގާސިމަކީ އެތަކެއްހާސް ދިވެހި މުއައްޒަފުންނާއެކު ފަތުރުވެރިކަން ވެސް ހިންގިދާނެ ކަން ކަށަވަރު ކޮށްދެވި ހިދުމަތްތެރި އެކެވެ. މިހާރު ވިސްނަވާނީ ގައުމުގެ ހުންގާނުގައި ހިއްޕަވައި ރިޔާ ހޭރިޔާ ކޮށްލައްވައި ދީލައިލައްވާނެ ދިމާއަކަށެވެ. އެއީ "ޖަބަލްއަލީ ބަނދަރުން ސްއޭޒްކެނަލް ހުރަސް ކޮއްލައި" ގައުމުގެ ދަރަނި ހަމަ މަގަށް އަޅުވައ ލައްވަން ކަމަށް ވެސް ވެދާނެ އެވެ.
އަޅުގަނޑަށް ގާސިމް ސިފަ ކުރެވެނީ މިހެނެވެ. އެއީ އަމިއްލަ އެދުން ބޮޑު ހަރުދަނާ ވިޝަނަރީ ވިޔަފާރި ވެރިއެއް ގޮތަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ވިޔަފާރީގަ އާއި ޒާތީ ދިރިއުޅުއްވުމުގައި އަމިއްލަ އެދުމެއް ނެތްނަމަ އެއީ ދެން ބަލި މީހެކެވެ.
އެމީހެއްގެ ތޮބީއަތާއި ޒާތުގައި އެދުމެއް ނުވާނަމަ ދުނިޔެ އުޅުމުގެ ބޭނުމެއް ވެސް ނުވާނެތާ އެވެ. އިންސާނާ އުފަންވެ ފުރާ ފުރިހަމަ ވަނީވެސް އެދުމަކަށްޓަކަ އެވެ. އެއީ އާހިރަތުގެ އެދުމަށާއި ދުނިޔަވީ އެދުމަށެވެ. ތައުލީމާ ސިނާއީ މަސައްކަތް ދަސްކޮށް އިންސާނާ ކުރިއަރައި ދަނީ ވެސް ހަމަ އެދުމަކައްޓަކަ އެވެ. ކައިވެނި ކޮށް ދިރިއުޅުމެއް ފަށަނީ ވެސް ހަމަ އެދުމަކައްޓަކަ އެވެ.
މިފަހަރު ގާސިމް ރިޔާސީ ރޭހަށް އެ ކުރިމަތި ލެއްވީ ވެސް ހަމަ އެދުމަކައްޓަކަ އެވެ. ފަހަރުގައި އޮތް އެދުމަކީ ގަައުމު ތަރައްގީ ކުރުމުގެ އެދުން ކަމަށް ވެސް ވެދާނެ އެވެ. ރައްޔިތުން ނަށް މަންފަޔާ ލާބައެއް ހޯދައި ދޭން އެދޭ ކަމައް ވާނަމަ އެވެސް ހަމަ އެދުމެކެވެ.