އުމަރު ވިދާޅުވި ގޮތުގައި ސިޔާސީ މައިދާނުގައި މިވަގުތު އޭނާއަކީ އެއްވެސް މީހެއްގެ ފޮލޯވަރެއް ނޫނެވެ. އެހެން ކަމުން އެއްވެސް ބޭފުޅެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ އެވެ.
ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޖުމްްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ދައުވަތެއް ލިބިވަޑައިގެންފައި ނެތް ކަަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެންބަރު ނުވަވަަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ އުމަރެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރަކީ މި އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ރަސްމީ ކުރެއްވި ކެންޑިޑޭޓްވެސް މެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ގާސިމް އިބްރާހިމް ވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން އެމްއާރްއެމް އާއި އެމްއެންޕީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރަށް ދެއްވާފައެވެ.
އެކަމާއި ގުޅޭގޮތުން "މި" ނޫހާ ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެފަދަ ދައުވަތެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އެފަދަ ދައުވަތެއް އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން ލިބިވަޑައިގަތަސް ރިޔާސީ ރޭހުގައި ވާދަކުރެެއްވުމަށް ނިންމެވި ނިންމެވުން ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ސިޔާސީ މައިދާނުގައި މިވަގުތު އޭނާއަކީ އެއްވެސް މީހެއްގެ ފޮލޯވަރެއް ނޫނެވެ. އެހެން ކަމުން އެއްވެސް ބޭފުޅެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑަކީ އެއްވެސް މީހެއްގެ ފޮލޯވަރެއް ނޫން. ރިޔާސީ އިންތިހާބުގައި އެއްވެސް ބޭފުޅެއްގެ ފަހަތަށް އަޅުގަނޑެއް ނާރާނެ. އަޅުގަނޑު މި ނިކުތީ ރާއްޖެ ބަދަލު ކުރަން. އެގޮތުގައި އަޅުގަނޑު ދެމި ހުންނާނަން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އޭނާ މި ފަހަރު ނިކުންނަވަނީ ވަރަށް ބޮޑު އުންމީދަކާއި ޔަގީން ކަމަކާއެކު އެވެ.
ގައުމުގެ ހާލަތު އޮތީ ރައްޔިތުން ވަރަށް ކަންބޮޑުވާ ދަރަޖައެއް ކަމުން މިހާރު އޮތް ހާލަތު ބަދަލު ކުރަން ގިނަ ރައްޔިތުން ބޭނުންވެ އެވެ. އޭނާއަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯއްދެވޭނެ ކަމަށްވެސް ދެކެވަޑައިގަންނަވައެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ލިބޭ ވޯޓް ކަރުދާސް ކޮޅުގައި އުމަރުގެ ނަން އޮންނާނެ ކަން ތަކުރާރުކޮށް ފާހަގަ ކުރައްވާ ވިދާޅުވީ ދެވަނަ ބުރަށް ދަތުރު ކުރައްވާނެ ކަމުގެ އިތުބާރުވެސް އެބައޮތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެވަނަ ބުރުގައި އަޅުގަނޑުގެ ނަން އޮންނާނެ،" ވަރަށް ޔަގީން ކަމާއެކު އުމަރު ވިދާޅުވިއެވެ.
ރާއްޖެއަށް މުހިންމު / ބޮޑު 50 ބަދަލެއް ގެނައުމުގެ ވައުދާއެކު އުމަރުގެ ކެމްޕެއިން ރަސްމީ ކުރެއްވީ ފެބްރުއަރީ ހަތަރެއްގައެވެ.
"އައު މިސްރާބަކަށް" ނަމުގައި ފެއްޓެވި ކެމްޕެއިންގެ ދަށުން އުމަރު ގެންދަވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަމުންނެވެ. އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެ މުހިންމު ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. ވިދާޅުވީ ބޮޑު 50 ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މައިގަނޑު އެންމެ ބޮޑު ބަދަލަކީ ރާއްޖެއަކީ ފުރިހަމަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ބަދަލު ކުރުމެވެ.
އަދި ގާނޫނީ ހުކޫމަތު ހިނގާ ގައުމެއްކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި މީހުން މަރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަދި ރޭޕް ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހުކުމް ތަންފީޒު ކުރައްވާނެ އެވެ.
"ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ. ސިންގަޕޫރުގައި އޮންނަ މޮޑެލް އޮންނާނީ. ދިވެހިރާއްޖެ ހުރަސްކޮށް ޑްރަގް ނުއުފުލޭނެ އެއްވެސް ބަޔަކަށް. ކަނޑުމަތިން ޑްރަގް އުފުލާނަމަ އެ ބޯޓްތަކަށް ސިފައިން ބަޑި ޖަހާ ބޯޓްތައް ފައްތާލާނެ،" އުމަރު ވިދާޅުވިއެވެ.
ރާއްޖެ، ފުރިހަމަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ގިނަ ގޮތްގޮތުން ގޮންޖެހުންތައް ކުރިމަވާނެކަން އެނގިވަޑައިގަންނަވާ ކަމަށާ ނަމަވެސް އެއްވެސް ކަމަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"ދިވެހިރާއްޖެ އަޅުގަނޑާއެކު އާ މިސްރާބަކަށް މި ކުރާ ދަތުރުގައި ކޮރަޕްޝަން އަޅުގަނޑު ފިތާލާނަން، ކޮރަޕްޝަން އަޅުގަނޑު ފުނޑުފުނޑު ކޮށްލާނަން. އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާ މީހުންނާމެދު ހުރި ހުކުމް ދައުލަަތުން ވައްކަން ކުރާ މީހުންގެ މައްޗަށް އަޅުގަނޑު ގާއިމު ކުރާނަން،" އުމަރު ވިދާޅުވިއެވެ.