އާޒިމާ ވިދާޅުވި ގޮތުގައި ސިޓީއަކުން އެކަން މިނިސްޓަރުގެ ސަމާލު ކަމަށް ގެންނެވީ ކުޑަކުދިންނާއި އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެ އިސް ޒިންމާ ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖެންޑާ މިނިސްޓަރު ކަމުގައިވާތީ އެވެ.
އަރަބިއްޔާ ސްކޫލްގައި ތައުލީމް ހާސިލުކުރަމުންދާ އަންހެންކުދިންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން ނޫނީ މުޖްތަމައުގެ ތެރެއަށް ނިކުތުމަށް އުޒުރުވެރިވާ ކުދިންގެ ތައުލީމްގެ ހައްގު ގެއްލޭ ގޮތަށް ސަރުކާރުން ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރަމުންދާ މައްސަލާގައި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު، މިނިސްޓަރު އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އާޒިމާގެ ސިޓީގައި ވިދާޅުވީ މޫނު ބުރުގާ އަޅާ ކުދީންނަށް ތައުލީމުގެ ހައްގު ގެއްލޭ ގޮތަށް ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރަމުންދިއުމާއި ސަބަބުން ސުކޫލުގެ މާހައުލުގައި އެ ކުދީންނަށް ކުރިމަތިލާން ޖެހިފައިވާ ކަންކަމުގެ ސަބަބުން އެ ކުދިންގެ ތައުލީމަށް އަދި ނަފްސާނީ ދުޅެހެޔޮ ކަމަށް ބޮޑެތި ގެއްލުންތަކެއްވެ މުސްތަގްބަލަށް ފޫނުބެއްދޭނޭ ވަރުގެ ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އާޒިމާ ވިދާޅުވި ގޮތުގައި ސިޓީއަކުން އެކަން މިނިސްޓަރުގެ ސަމާލު ކަމަށް ގެންނެވީ ކުޑަކުދިންނާއި އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެ އިސް ޒިންމާ ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖެންޑާ މިނިސްޓަރު ކަމުގައިވާތީ އެކަން އެކަމަނާގެ ސަމާލު ކަމަށް ގެނައުމަކީ ގާނޫނީ ގޮތުން ކުރަން ޖެހޭނެ ކަމެއް ކަމުގައި ވެފައި އެ ކުދިންގެ މިފަދަ ކަމެއްގައި ކަމެއް ނުކޮށް ހަނުހުރުމަކީ ޒަމީރުތަންދޭ ކަމަކަށް ނުވާތީ އެވެ.
އަދި މިއީ މުޅި ދިވެހިރާއްޖޭގެ އަންހެނުންނާއި އަންހެންކުދިންގެ ތައުލީމާއި މުސްތަގްބަލާއި އަދި މުޅި ދިވެހި މުޖްތަމައުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ މައްސަލައެއްކަމަށް ދެކޭތީ އެކަމުގައި އެދެވޭ ފިޔަވަޅުތަކެއް އަޅުއްވައިދެއްވައި ކުދިންގެ ތައުލީމް ތިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދެއްވުން އެދިގެން ކަމަށެވެ.
އާޒިމާގެ ސިޓީގައި އަރަބިއްޔާ ސްކޫލްގައި ތައުލީމް ހާސިލުކުރާ އަންހެންކުދިންގެ ތެރެއިން މޫނު ކަޝްފުކޮށްގެން މުޖްތަމައަށް ނިކުންނަން ބޭނުން ނުވާ ކުދިން ކޮވިޑްގެ ހާލަތު ބަދަލުވެ މާސްކް އަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުމުން ވެސް މާސްކު ނުނަގާ ސްކޫލަށް ހާޒިރުވަމުން ގެންގޮސްފައިވާ ކަމަށާ ސްކޫލުން ވަނީ އެފަދަ ކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުމުގެ ހުއްދަދީއިވާ ކަމަށެވެ. އަދި ނިގާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ކުދިން ސްކޫލަށް ހާޒިރުވެ ކްލާސްތަކުގައި ބައިވެރިވަމުން ގެންގޮސްފައި ވަނީ މި ހުއްދައިގެ ދަށުން ކަމަށެވެ.
ނަމަވެސް މޫނުބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކުދިންނާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވަކިން ވަކިން ބައްދަލުކޮށް އެ ކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ނާދެވޭނެ ކަމުގައި އަނގަބަހުން އަންގާފައިވާ ކަމަށާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކުދިންގެ ބެލެނިވެރިން ހާޒިރުކޮށް ކުދިންނަށް މޫނު އަޅައިގެން ސްކޫލަށް ހާޒިރު ނުވެވޭނޭ ކަމަށްވެސް އަންގާފައިވާ ކަމަށެވެ.
އަދި މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުމަކީ ޔުނިފޯމް ކޯޑާއި ހިލާފުކަމެއްކަން ތަކުރާރުކޮށް އަންގަން ފެށުމުން ކުދިން ސްކޫލަށް ހާޒިރުވެ ތައުލީމް ހާސިލުކުރުމުގެ ހައްގު ލިބިގަންނަން ޖެހެނީ "ގަވާއިދާ ހިލާފަށް ކަމުގައި" މިހާރު ވެފައިވާ ކަމަށް އާޒިމާގެ ސިޓީގައި ވިދާޅުވެފައެވެ.
"... އަދި ކޮންމެ ދުވަހަކުމެ ގަވާއިދާ ހިލާފުވުމާއި ކިޔެވުން ހުއްޓާލުމާ ދޭތެރެއިން ގޮތެއް ހިޔާރުކުރަން ކުދިންނަށް ވަނީ ޖެހިފައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެއްވެސް ފަރާތަކުން އެއްވެސް ކުއްޖަކަށް ކުރިމަތި ކުރުވައިގެން ވާނޭ ހާލަތެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ނިގާބް އަޅައިގެން މެނުވީ މުޖްތަމައަށް ނިކުންނަން ބޭނުންނުވާ ކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ ސްކޫލަށް ދިޔުމުން އެކަހެރިވާން ފަށާފައެވެ. އަދި ބަލިވުމާއި ސްކޫލަށް ހާޒިރުނުވާ ދުވަސްތައް ގިނަ ވާން ފަށާފައެވެ. އަދި ސްކޫލްގެ ޕާފޮމަންސް އަށް އަދި ނަތީޖާއަށް އަސަރު ކުރަން ފަށާފައެވެ،" އާޒިމާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި އަރަބިއްޔާ ސްކޫލްގައި ތައުލީމް ހާސިލުކުރާ އަންހެންކުދިންގެ ތެރެއިން މޫނު ކަޝްފުކޮށްގެން މުޖްތަމައަށް ނިކުންނަށް ބޭނުން ނުވާ ކުދިން ވަނީ ކޮވިޑްގެ ހާލަތު ބަދަލުވެ މާސްކް ނާޅާ ސްކޫލަށް ދިޔުމުގެ ފުރުސަތު ލިބުމުންވެސް މާސްކު ނުނަގާ ސްކޫލަށް ހާޒިރުވަމުން ގެންގޮސްފައި ކަމަށާ ސްކޫލުން އެ ކުދިންނަށް ނިގާބު އަޅައިންގެ ސްކޫލަށް ހާޒިރުވުމުގެ ހުއްދަ ދީފައެވެ.
ނަމަވެސް މިދިޔަ ދިރާސީ އަހަރުގެ ފަހު ކޮޅުން ފެށިގެން މި ކުދިންނަށް ސްކޫލްގެ ތެރޭގައި ތަފާތުކޮށް ކަންކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ކުދިން ވަކިން ކައުންސެލާގެ ރޫމަށް ގެންގޮސް ގޭގެ ދިރިއުޅުމުގައި ކަންކަން ހުންނަ ގޮތާއި ގޭގެ އިޖްތިމާއީ ކަންކަމުގެ ވާހަކަ އާއި ޒާތީ ވާހަކަތައް އަހަމުން ގެންގޮސްފައިވެއެވެ. މިކަމުގެ ސަބަބުން މިވާހަކަތައް ސްކޫލް ކުދިންގެ މެދުގައި ދައްކަން ފަށައި އެ ކުދިންނަށް އެކުދިން ބޭނުން ނުވާ ކަހަލަ ސަމާލު ކަމެއް ސްކޫލްތެރެއިން ލިބެން ފަށާފައިވާ ކަމަށެވެ.
".. މީގެ އިތުރުން ކުދިން އިމްތިހާނު ހަދަން ތިއްބައި ހޯލަށް ވަދެ ކުދިންނަށް މާސްކު ނަގަން އަންގައި އެ ކުދިން މޫނު ކަޝްފުވުމުން އިސް ދަށަށް ޖެހުމުން އިސް އުފުލަން އަންގައި އިސް އުފުލަން މަޖުބޫރު ކޮށްފައެވެ. މިއީ ކުދިން އިމްތިހާނު ހަދަން ތިއްބައި ކުދިންނާ ދޭތެރޭ ކަންކުރެވިފައިވާ ގޮތެވެ. އަދި ހަމައެއާއެކު ބައެއް ކުދިންގެ ނިގާބު އެކުދިންގެ ނުރުހުމުގައި ނެގުމަށްފަހު މާސްކު އަޅުވުން ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.،"
"މީގެ އިތުރުން ބައެއް ކުދިންނާ ދިމާލަށް މޫނު ނިވާކުރުމަށް ނިސްބަތްކޮށް 'އަތަކީ އައުރައެއް ނޫންހޭ، އަތް ހާމަކޮށްގެން އުޅެނީ ކީއްވެހޭ' އަދި 'ތިޔަ ކުދިން ބޭނުންވަނީ ބޮޑުވެގެން ޓެރަރިސްޓަކަށް ވާންހޭ' މި ފަދަ ވިޔާނުދާ އަދި ކުދިންނާ މުހާތަބު ކޮށްގެން ނުވާނޭ ބަސްމަގު ބޭނުންކޮށްގެން މުހާތަބުކޮށް ކުދިންގެ އަގުދަށް ކޮށްލާފައި އެބަހުއްޓެވެ،"
އާޒިމާގެ ސިޓިގައި ސްކޫލްތަކުގެ ޔުނިފޯމް ކޯޑަކީ އޮންނަން ޖެހޭ އެއްޗެއް ކަމަށާ އަދި ޔުނިފޯމް ކޯޑަކީ އަދި އެހެން ގަވާއިދުތަކަކީ އެއާ އެއްގޮތަށް ކުދިން އަމަލުކުރަން ޖެހޭ ތަކެތި ކަން ފާހަގަކޮށް ސްކޫލްގައި ހުރިހާ ކުދިން އެއް ހެދުމެއް -- ޔުނިފޯމް ލުމުގެ މަފްހޫމަކީ ކުދިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި ގަވާއިދަށް އިހްތިރާމް ކުރަން ދަސްކޮށްދިނުމާއި އަދި ސްކޫލްގެ ގަޑިތަކުގައި ވަކި ހަމަތަކަކާ އެއްގޮތަށް ކަންކުރަން ދަސްކޮށް ދިނުން ކަމަށް ވިދާޅުވެފައެވެ. އެއީ އެކަމަނާ ގަބޫލުކުރާ / ތަރުހީބުދޭ ކަމެއް ނަމަވެސް އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑު މިހާރު އޮތް ގޮތުން އަދި މިހާރު ސްކޫލުން މި ޔުނިފޯމް ކޯޑު ތަރުޖަމާ ކުރާ ގޮތުން ބޮޑެތި ގާނޫނީ އަދި އިޖްތިމާއީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދިވެހި އަންހެން ދަރިންތަކެއްގެ ތައުލީމްގެ ފުރުސަތުތައް ގެއްލިގެންދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ވެއްޖެނަމަ ދެން ދިމާވެދާނެ ވަރަށް ގިނަ މައްސަލަތައް އާޒިމާގެ ސިޓީގައި ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ.
އެކަމަނާގެ ބަންޑާރަ ނާއިބު ކަމުގައި ހައިކޯޓުން ވަނީ މިފަދަ މައްސަލައެއްގައި ކުއްލިޔާގައި މޫނު ބުރުގާ އެޅުން މަނާ ނުކުރެވޭނެ ކަމަށް ނިންމާފައެވެ. ބަންޑާރަ ނާއިބު ކަމަށް އާޒިމާ ވަޑައިގެންނެވިއިރު ދައުލަތުގެ ސްޓޭންޑަކީ ކިޔަވަން ދާއިރު މޫނު ނޭޅޭނެ ކަމަށެވެ. ނަމަވެސް އެ ނިންމެވުން އާޒިމާގެ ބަންޑާރަ ނާއިބު ކަމުގައި ދައުލަތުން ބަދަލު ކުރިއެވެ.
މި ފަހަރުގެ މައްސަލާގައި ވަކި ގޮތަކަށް ނިމެންދެން އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅާ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.