ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް އެމްއާރްއެމް އިން އަދި ގޮތެއް ނުނިންމަ އެވެ. އެމްއާރްއެމްގެ ތާއީދަށް ރައީސް ސޯލިހް ކުރީން ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ އެދިވަޑައިގަތުމަށް އަދިވެސް ގޮތް ނުނިންމަވަ އެވެ.
ދިވެހި ރާއްޖެ ކުރިއަށްދާ ގޮތާމެދު އެންމެވެސް ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް / މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ސަޕޯޓަރުންނަށް ރޭ ދެއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ގާތް ބޭފުޅުންނާއި އެމްއާރްއެމްގެ އިސް ބޭފުޅުން އަދި އެންމެ ވަފާތެރި ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ގައުމުގައި ހަމަޖެހުން އޮތުމާއި ކުރިއެރުން ލިބުމަށެވެ.
"ރާއްޖޭގައި އެއްވެސް ކަހަލަ މައްސަލައެއް ޖެހޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން އެމްއާރްއެމް އަކީ އެގޮތަށް މަސައްކަތް ކުރާ ޕާޓީއެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި އެންމެން ވެސް ބައިވެރިވެ ތިއްބެވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް އަދި ވަރަށް ބޮޑު ބާރެއް ކަމަށެވެ.
"އެމްއާރްއެމްގެ މާނައަކީ ވެސް ރާއްޖެ އިސްލާހު ކުރާ ހަރަކާތެއް. އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގެ ކަންކަން އެއް ދުވަހުން އަނެއް ދުވަހަށް އިސްލާހު ކުރެވޭތޯ ބެލުން. މި މަސައްކަތަކީ އަޅުގަނޑުމެން އެކަނި ކުރާ މަސައްކަތެއް ނޫން. އަޅުގަނޑުމެންނާއި އެކުގައި އެކި ރައްޔިތުން ބައިވެރިވެވަޑައިގަންނަވާ،" މައުމޫން ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް އެމްއާރްއެމް އިން އަދި ގޮތެއް ނުނިންމަ އެވެ. އެމްއާރްއެމްގެ ތާއީދަށް ރައީސް ސޯލިހް ކުރީން ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ އެދިވަޑައިގަތުމަށް އަދިވެސް ގޮތް ނުނިންމަވަ އެވެ.
ރައީސް ސޯލިހާއެކު ރައީސް އޮފީހުގައި ރައީސް މައުމޫނާއި ފާރިސް މައުމޫން ވަނީ މަޝްވަރާ ބައްދަލްވުމެއް ބާއްވަވާފަ އެވެ. އެ ބައްދަލު ވުމުގައި ކޯލިޝަން ހެދުމަށް އެއްބަސްވުމަކަށް ނާދެވުނެވެ. އަނެއް ކޮޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ވެސް މައުމޫނާއި ފާރިސް ވަނީ މައުމޫންގެ އޮފީސްކޮޅުގައި ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލްވުމަށް ފަހު ގާސިމް ވަނީ ފާރިސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
އެމްއާރްއެމް އިންވެސް ވަނީ އެ ޕާޓީން އެދޭ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކެންޑިޑޭޓަކު ނެތް ނަމަ ވަކީން ވާދަ ކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެ ޕާޓީގެ ރަައީސް ފާރިސް މައުމޫން ވަނީ އެ ފަދަ ހާލަތެއްގައި ޕާޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވަން ޝައުގުވެރިވާކަން ހާމަ ކުރައްވާފަ އެވެ.