އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނުކުންނައިރު އެ ޕާޓީއާ ގުޅިގެން ފިކުރެއްގެ ދިރުމުން ދަނީ މެނިފެސްޓޯއެއް އެކުލަވާލަން މަސައްކަތް ކުރެ އެވެ.
އެމްޑީޕީގައި ދެ ފެކްޝަން އުފެދި، ރައީސް މުހައްމަދު ނަޝީދު ލީޑަރުކަން ކުރައްވާ "ފިކުރެއްގެ ދިރުން" ފެކްޝަން (އެފްޑީ) އަކީ ޕާޓީއަށް ޖެހުނު ޝިފާއެއް ނެތް ކެންސަރެއް ކަމަށާއި އެއީ ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމްގެ ހަލާކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގައި ދެ ފެކްޝަން އުފެދުމަށް ފަހު ޝަރީފު ނިސްބަތްވެ ވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށެވެ. އަދި އޭނާވެ ވަޑައިގެންފައި ވަނީ ހުއްޓާ ނުލައި ރައީސް ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރު ދިފާއުކޮށް ޓްވީޓް ކުރެއްވުމުގައި އުޅުއްވާ މަޖިލިސް މެންބަރަކަށެވެ.
ޝަރީފް ވިދާޅުވީ ނިމިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުން އޭގެ ބަދަލު ހިފަން ބޭނުންފުޅުވެ ވަޑައިގެން އެ މަސައްކަތް ކުރައްވާ ކަމަށެވެ.
އެއްވެސް ގައުމެއްގައި ސިޔާސީ ޕާޓީއެއްގެ ތެރޭ ފެކްޝަން ހަދައި އެ ޕާޓީ ހަލާކު ކޮށްލަން އުޅޭތޯ ސުވާލު ކުރައްވައި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ވުޖޫދުން ފުހެލަން މަސައްކަތް ކުރާ ފެކްޝަނެކެވެ. އަދި އެއީ އެމްޑީޕީއަށް ޖެހިފައި އޮތް ބޭހެއް ނެތް ކެންސަރެކެވެ.
ފިކުރެއްގެ ދިރުމަކީ ސިޔާސީ ފެކްޝަނެއް ނޫން ކަމަށާއި އެއީ ޕާޓީއެއް ބައި ބައިކޮށް ރޫޅާލާ ފެކްޝަނެއް ކަމަށް ވެސް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ގުޅުވައި ވިދާޅުވީ އޭނާއަކީ ގާސިމަށް ހެޔޮ އެދޭ ރައްޓެއްސެއް ކަމަށާއި އެކަމަކު ފިކުރެއްގެ ދިރުން ވެގެން ދާނީ ގާސިމް ގެ ހަލާކަށް ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނުކުންނައިރު އެ ޕާޓީއާ ގުޅިގެން ފިކުރެއްގެ ދިރުމުން ދަނީ މެނިފެސްޓޯއެއް އެކުލަވާލަން މަސައްކަތް ކުރެ އެވެ.