މީގެ ކުރީން 1980 އިގެ އަހަރުތަކާއި 1990 އިގެ އަހަރުތަކުގެ ކުރީކޮޅު 10،000 މީހުން މަރުވި އަނިޔާވެރި ހާދިސާތައް އިއާދަ ވެދާނެ ފަދަ ބިރެއް އުފައްދާފައިވާ މީހެއް ކަމަށް ތުހުމަތު ކުރެއެވެ.
ކެނެޑާގައި ސިކުންގެ އެތައް ސަތޭކަ ބަޔަކު އެއްވެ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަނާއި ކޮންސިއުލޭޓްތަކުގެ ސަލާމާތީ ސެކިއުރިޓީ ބްރީޗް ކުރުމަށް ފަހު މުޒާހާރާ ކުރި މައްސަލާގައި އެކަން އެހެން މެދުވެރިވާން ފުރުސަތު ލިބުނު ސަބަބާމެދު ކަންބޮޑުވުން ފާޅު ކުރުމާއެކު އިންޑިއާއިން ކެނެޑާގެ ހައި ކޮމިޝަނަރު ހާޒިރުކޮށް ސުވާލު ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިކުންގެ މިނިވަން ސްޓޭޓެއް ގާއިމް ކުރަން ޑިމާންޑްކޮށް ހޮނިހިރު ދުވަހު ވެންކޫވާގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓް ކުރިމައްޗަށް އެތައް ސަތޭކަ ބަޔަކު އެއްވި އެވެ. މިއީ ދިގު ޒަމާންތަކަށް ފަހު އުފެދި އުފުލޭން ފެށި މައްސަލައެކެވެ.
އިންޑިއާގެ ޕަންޖާބު ސްޓޭޓަށް ފަހު ގައުނުން ބޭރުގައި ސިކުންގެ އާބާދީ އެންމެ ގިނައީ ކެނެޑާގަ އެވެ.
"އަޅުގަނޑުމެންގެ ޑިޕްލޮމެޓުންގެ އާންމު ޑިޕްލޮމެޓިކް މަސައްކަތްތައް އަދާކުރެވޭނެ ގޮތަށް އަދި އަޅުގަނޑުމެންގެ ޑިޕްލޮމެޓުންގެ ސަލާމަތާއި ޑިޕްލޮމެޓިކް ތަންތަނުގެ ސަލާމަތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކެނެޑާ ސަރުކާރުން އަޅައިދޭނެ ކަމަށް ބަލަނީ،" އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ނެރުނު ބަޔާނުގައިވެ އެވެ.
މި މައްސަލަ ދިމާވެފައިވާއިރު ސިކުންގެ މިނިވަން ވަޒަނެއްގެ ވާހަކަތައް އަލުން އާލާ ކުރަން ސިކުންގެ ހައްދުފަހަނަ އަޅާފައިވާ ދިނީ އިސްވެރިއެއް ކަމަށްވާ އަމްރިތުޕަލް ސިންގް ހޯދުމަށް މާޗް 21 ވަނަ ދުވަހު އިންޑިއާ ފުލުހުން މަސައްކަތް ފަށާފައި ވެއެވެ. މިދިޔަ ހަފްތާއިން ފެށިގެން އޭނާ ފިލައިގެން އުޅޭ ކަމަށް ވެއެވެ.
އޭނާއަކީ މިނިވަން ސިކުން ވަޒަނެއްގެ ވާހަކަތައް އަލުން ދިރުވައި، މީގެ ކުރީން 1980 އިގެ އަހަރުތަކާއި 1990 އިގެ އަހަރުތަކުގެ ކުރީކޮޅު 10،000 މީހުން މަރުވި އަނިޔާވެރި ހާދިސާތައް އިއާދަ ވެދާނެ ފަދަ ބިރެއް އުފައްދާފައިވާ މީހެއް ކަމަށް ތުހުމަތު ކުރެއެވެ.