މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ 1017 މީހަކަށް އެންޑީއޭއިން ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު ކޮމިއުނިޓީ ސާވިސް ސެންޓަރުން 317 މީހުން ރަޖިސްޓްރީވެ ފަރުވާ ހޯދައެވެ.
ރާއްޖޭގެ ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަ ނުކޮށް އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. މިހެން ބުނެފައި ވަނީ މަސްތުވާތަކެއްޗައް ފަރުވާ ދޭ ތަންތަނާއި ފަރުވާގެ ކަންކަން ހިނގާ ގޮތް ބަލަން ހެދި ދިރާސާއަކާ ހަވާލާ ދީ އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމާއު ޝަރީފް ސަރުކާރު ޓީވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ ޖަލުތަކުގައި ފަރުވާ ޕްރޮގްރާމް ހިންގަންޖެހޭ 300 މީހަކަށް އެ ޕްރޮގްރާމް ހިންގާފައި ނުވާ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ޖަލުގެ އާބާދީގެ 80 ޕަސެންޓް ގައިދީންނަކީ އެންޑީއޭގެ ފަރުވާ ނުލިބި ތިބި އަދި އެ ފަރުވާ ބޭނުންވެފައި ތިބި މީހުން ކަމަށެވެ.
"ފާހަގަވެފައި ވަނީ އެއް ދޮރުންވަދެ އަނެއްދޮރުން ނެރެ ފަރުވާއިން ވަކިކޮށް ޖަލުހުކުމަށް ފޮނުވާލާފައިވާކަން،" ސަރުކާރު ޓީވީގެ ޕްރޮގްރާމްގައި ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑުރަގް ކޯޓުން ފަރުވާގެ ހުކުމެއް އައިސްގެން ފަރުވާ ހޯދާ މީހުން ގިނަ އެވެ. އެކަމަކު އަމިއްލައަށް ބޭނުން ވެގެން ފަރުވާ ހޯދާ މީހުން މަދެވެ. އަދި ދިރާސާއިން އެނގުނު ގޮތުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު ވެސް މަސްތުވާތަކެތީގެ ތެރެއައްދާ މީހުން ގިނަ އެވެ.