އިކަލު ބުރު ކޮންމެ ދުވަހަކު ހަވީރު އޮންނާނެ އެވެ. އަދި ތަރާވީސް ނަމާދަށް ފަހު 9:30 އިން 11:30 އަށް ޕީޕީއެމް އޮފީސް ކުރިމަތީ އިހުތިޖާޖު ކުރުން އޮންނާނެ އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާފުށީ ޖަލަށް ގެންދިއުމާއެކު އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ ފެށި ސިލްސިލާ މުޒާހަރާ ރޯދަ މަހުވެސް ކުރިއަށް ގެންދާނެ ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިހުތިޖާޖު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ފެށި ސިލްސިލާ އިހްތިޖާޖު ރޯދަ މަހުގެ ފުރަތަމަ ދުވަހަށް މެދުކަނޑާލުމަށް ފަހު މިއަދު ފަށާފައިވާ ކަމަށެވެ.
އެ ގޮތުން މިއަދު ހަވީރު ވަނީ ސައިކަލު ބުރެއް ބާއްވާފައެވެ. އަދި މިރޭ ވަނީ މަގުމަތީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ. މުހައްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި ސައިކަލު ބުރު ކޮންމެ ދުވަހަކު ހަވީރު އޮންނާނެ އެވެ. އަދި ތަރާވީސް ނަމާދަށް ފަހު 9:30 އިން 11:30 އަށް ޕީޕީއެމް އޮފީސް ކުރިމަތީ އިހުތިޖާޖު ކުރުން އޮންނާނެ ކަމަށެވެ.
އިހުތިޖާޖު ކުރާ މީހުން ރައީސް ޔާމީނަށް ކުރީ "ހަރާމް" ހުކުމެއް ކަމަށް ބުނެ ކޮންމެ ރެއަކުވެސް އަޑު އުފުލައެވެ. އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށްވެސް ގޮވާލާ އަޑުއުފުލައެވެ. ހުކުމް އިއްވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަހުމަދު ޝަކީލަށްވެސް ފާޑުކިޔާ އަޑުއުފުލިއެވެ.