ކޮލަމް

ޝާޒު ވަލީދުގެ ލިޔުމެއް: މުޒާހަރާގެ މެދަށް މޮޓޯކޭޑް ބީހެން ދިމާވީ ކީއްވެ؟

އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ޒިންމާ ނަންގަވާފައި އަމިއްލަފުޅަށް ދިފާއީ ވަޒީރާއި ދާހިލީ ވަޒީރު ފަހަތަށް ޖެހި ވަޑައިގެން ގެއަށް ވަޑައިގަންނަވަން ޖެހެ އެވެ.

ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ދަތުރު ކުރެއްވި ރިޔާސީ ކާރުކޮޅު ހިމެނޭ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާއިން ބަޔަކު ހުރަސް އަޅައި އެ ކުރިމައްޗަށް އަރައި ހެދީ އެވެ؛ އަޅުގަނޑު އަހައިލާން ބޭނުންވާ ސުވާލަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާން ގޮވާލައި ކުރާ އިމޯޝަނަލް މުޒާހަރާއެއްގެ މެދަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ދަތުރު ކުރެއްވި ރިޔާސީ ކާރުކޮޅު ހިމެނޭ މޮޓޯކޭޑް ބީހޭން ދިމާވީ ކީއްވެގެން ހެއްޔެވެ؟ 

މި ސުވާލަށް ޖަވާބެއް ދެނިކޮށް ރައްޔިތު އެންމެ މީހެއްގެ ގޮތުގައި އަޅުގަނޑަށް ފުދެ އެވެ. ރައްޔިތެއްގެ ގޮތުގައި މި ސުވާލު ކުރުމުގެ ހައްގު އަޅުގަނޑަށް ލިބެ އެވެ. މިއަށް ޖަވާބެއް ދިނަސް ނުދިނަސް އެއް ކަމެއް ޔަގީނެވެ. އެއީ ވިސްނާ ފިކުރު ކުރާ ބަޔަކަށް ފިލާވަޅަކަށް ފުދޭ ވަރުގެ ބިރުވެރި ދެ ހާދިސާއެއް ރާއްޖޭގެ މި ފަހުގެ ދެ ރައީސަކަށް ދިމާވެ އެކަންކަން ކޮޅެއްގައި ނުޖެހި އޮއްވާ އަނެއް ހާދިސާ ލައިގެނެ އަނެއްކާ މެސެޖެއް ލިބިއްޖެ ކަމެވެ. 

ރޭ މިހިނގައި ދިޔައީ ހައިރާންވެ އަންތަރީސް ވެއްޖެވަރުގެ ކަމެކެވެ. ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސް ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރާނަފުޅަށް އަޅުގަނޑު ހިމެނޭ ގޮތަށް ދިވެހި ރައްޔިތުން ދޭން އޮތް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން، ސާބިތުކަން މަތީގައި ނެތްކަން މިއަދު އެ ކަށަވަރު ވެގެން ދިޔައީ އެވެ. 

އިއްޔެ އަވަހާރަ ކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ގާނޫނު ހަދާ މަޖިލީހުގެ ރައީސަށެވެ. އޭގެ ކުރީން އަވަހާރަ ކޮށްލަން ގޮއްވާލީ ރައީސްޖުމްހޫރިއާ އިންނެވި ލޯންޗުކޮޅެކެވެ. އެ ދެ ބޭފުޅުންގެ ފުރާނަ ސަލާމަތްވީ އިލާހީ އެއްކައުވަންތަ މަދަދަކުންނެވެ. 

އޭގެ ތެރެއިން މިފަހުން މި ސަރުކާރު އޮއްވާ އައި "ހައެއްފަހެއް" ގެ ބޮމުގެ ހަމަލާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ފެއިލްވެ ދައްކުވައި ދިނީ ސަލާމަތީ ބާރުތަކުގެ ނުކުޅެދުން ތެރިކަމެވެ. ދާހިލީ ވުޒާރާ އާއި ފުލުހުންގެ ހިދުމަތުގެ ވެސް ނުކުޅެދުންތެރި ކަމާއި ނާގާބިލު ކަމެވެ. 

ވެރިޔާއަކީ ހަސަނަކަސް އަދި އެއީ ހުސޭނު ކަމަށް ވިޔަސް ފުރާނަ ނުރައްކަލަށް އެ ދުއްވާލީ ދައުލަތުގެ ބާރުތަކުގެ ވެރިންގެ އެވެ. / ވެރިޔާގެ އެވެ. އެގޮތް އައީ މުޒާހަރާއެއްގެ ތެރެއިން ވިޔަސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ހާލަތު މެދުވެރީ ދާހިލީ ވަޒީރާއި ދިފާއީ ވަޒީރުގެ ނާގާބިލު ކަމާ ހެދި އެވެ. އެ ދެ މުއައްސަސާގެ ހިންގުންތެރިންގެ ނުކުޅެދުން ތެރިކަމާ ހެދި އެވެ. 

މި ގައުމުގެ ވެރި މީހާއަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ނުވެ ރައީސުލްޖުމްހޫރިއްޔާ "ހަވަރަ"ށް ދެވޭ ނަމަ ދެން އާންމު ރައްޔިތުމީހާ އަށް ދެވޭނެ ސަލާމަތަކާއި ރައްކާތެރި ކަމެއް އޮވެދާނެ ހެއްޔެވެ؟ އަޅުގަނޑަކަށް ހަމަ ހީއެއް ނުވެއެވެ.

މިހާރު ދެން ކަށަވަރުވެ ޔަގީން ވަނީ ގައުމިއްޔަތު ނެތި ދަނީ އެވެ. ގާނޫނުތަކާ ގަވައިދު އަމިއްލަ ޒާތަށް ބާރުކެނޑި އެއްވެސް އުރަތްޕެއް ނުވާ އަމުރަކަށް ވަނީ އެވެ. ރޭ ފެނުނީ ދައުލަތް ހިންގުން ހަރުދަނާ ނުވެ އެއްބާރު އަނެއްބާރާއި އަރާރުންވާ ކަމުގެ ނުބައި ކުލަވަރެކެވެ. ސަރުކާރުގައި ތިބި ވަޒީރުންތަކެއްގެ ނާގަބިލު ކަމެވެ. 

މިއަދު ރައީސް ސޯލިހު ވިޔަސް ކުރީ ރައީސް ޔާމީނާއި ރައީސް ނަޝީދު ވިޔަސް އެއީ މި ގައުމުގެ ވެރިންނެވެ. ގައުމުގެ ބާރުތަކުގެ އިސް ޒިންމާ ނަންގަވައިގެން ގައުމު ހިންގާން ރައްޔިތުން ހަވާލު ކުޅަ ބޭފުޅުންނެވެ. ބަޔަކު މީހުން ހަމަ ބޭނުން ވުމުން ރައީސްގެ މޮޓޯކޭޑަށް ހުރަހެއް ނޭޅޭނެ އެވެ. އެ ބޭބޭފުޅުން ނުރައްކަލާ ކުރިމަތިލައްވާން ޖެހި ވަޑައިގަންނަވާނަމަ މިއަދު ރައްޔިތު މީހާއަށް އޮތް ސަލާމާތާ ރައްކައުތެރި ކަން އެދަނީ ފައިދޮށަށެވެ. 

އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ޒިންމާ ނަންގަވާފައި އަމިއްލަފުޅަށް ދިފާއީ ވަޒީރާއި ދާހިލީ ވަޒީރު ފަހަތަށް ޖެހި ވަޑައިގެން ގެއަށް ވަޑައިގަންނަވަން ޖެހެ އެވެ. މާފަށް އެދިވަޑައިގަންނަވާން ޖެހޭނެ އެވެ. އޭރަށް މޮޓޯކޭޑަށް ހުރަސް އެޅި ބަޔަކަށް ދޭން ޖެހޭ އަދަބެއް ދީފައި ދެން އެހެން ގޮތެއް ހޯދައިގެން ނިޒާމު ހަމައަކަށް އެޅުވޭނެ އެވެ. އެހެނެއް ނުވާނެތޯ އެވެ؟ 

އެޑިޓަރުގެ ނޯޓް - މި ލިޔުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވަރަށް މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ޝާޒް ވަލީދު އޭނާ އަމިއްލަފުޅަށް ލިޔުއްވާފައިވާ ކޮލަމެކެވެ. ހަޔާތުގެ ބޮޑު ބައި ވިޔަފާރިއަށް ހާއްސަ ކުރައްވައިގެން އުޅުއްވެވި ނަމަވެސް ރާއްޖޭގެ ކަންކަމާބެހޭ ގޮތުން ހޯދައި ބަލައި ދިރާސާ ކުރެއްވުމާއި ހިންގާ އަދި ހިނގާ ކަންކަމަށާއި ސިޔާސަތުތަކުގައި ހުންނަ މައްސަލަތަކަށް ފާޑުކިޔައި ލިޔުއްވުމަކީ ޝާޒު ކުރިންސުރެ ކުރައްވާ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.