ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެންނަން ޖެހޭ: ރައީސް

"އަޅުގަނޑުމެން ދެން ދައްކަންވީ ކަންކަން ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަ. ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ

ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުހަލާއަށާއި ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލު ކުރުމަށް މަސައްކަތް ރޭވުމާއި މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު އަންހެނުންނާއި ފިރިހެނުންގެ މަސްލަހަތަށްވެސް ހަމަހަމަ ގޮތެއްގައި ރިއާޔަތް ކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭކަމުގައި ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެން ދެން ދައްކަންވީ ކަންކަން ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަ. ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް. ސަރުކާރުގެ ތެރެއިން ވެސް އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާ އެއްގައި އަންހެނުންގެ ހިޔާލާއި މަޝްވަރާ ބޭނުން ކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަ ކަމަށް ރިއާޔަތް ކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް މިހާރު ވަނީ ކަނޑައެޅިފައި ކަމަށެވެ. އަދި އެކިއެކި އިދާރާތަކުން ކުރާ މަސައްކަތްތައް ވަޒަން ކުރެވޭނެ މިންގަނޑުތަކެއްވެސް ވަނީ ކަނޑައެޅިފައި ކަމަށް ވިދާޅުވިއެވެ.

"އެހެން ކަމުން މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި ރާއްޖޭގައި މިންތީ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން،"

އަދި މިފަދަ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އީޖާދީ ވަސީލަތްތަކާއި ޒަމާނީ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އެކިއެކި ދާއިރާތަކުގައި ޒަމާނުއްސުރެ އޮތް މިންތީ ތަފާތުތައް ކުޑަކުރުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށް ވިދާޅުވިއެވެ.

ކިޔެވެނި ޕޯޓަލް ފަދަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ތައުމީ ފުރުސަތުތައް ފަހިކޮށްދެވި ސައިންސް އާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އެންޑް މެތަމެޓިކްސްގެ ދާއިރާ ގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްވެސް ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގައި ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

" މިފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށްވެސް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ތެރޭގައި ވަރަށް ގިނަ ފުރުސަތުތައް އެބަހުރި. ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވާ ކުދިންގެ 67 އިންސައްތަ އަކީ އަންހެނުން. އަދި ސްޓޫޑަންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ 58 އިންސައްތަ އަކީ ވެސް އަންހެނުން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.