ދިވެހި ރައްޔިތުންގެ ވިންދާއި އެއް ގޮތަށް ރައްޔިތުންގެ މަޖުލީހުގެ ހުރިހާ މެމްބަރުން މިވަގުތު ތެދުވާން ޖެހެއެވެ. ޕާރޓީ ރޫހަކަށް، މޫނަކަށް ބެލުމެއް ނެތި، ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، އަބްދުﷲ ޝާހިދާއި، މާރިޔާ އާއި، ޝަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިހުރިހާ ޤައްދާރުންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކޮށްދިނުން ލާޒިމެވެ.
ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓާއި އެކުގައި ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް މަޑުއްވަރީ ދާއިރާގެ މަޖުލިސް މެމްބަރ އާދަމް ޝަރީފް އާދީއްތަ ދުވަހު ވިދާޅުވުމަކީ ބޮޑުކަމެއްގެ ފެށުމެވެ. އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވުމާއި އެކު ރައީސް ނަޝީދަށް ތާއިދު ކުރައްވާ މަޖުލިސް މެމްބަރެއް ކަމުގައިވާ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމަށް ސަރުކާރު ފެކްޝަނުން ހުށަހަޅާނަމަ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމަށް ވޯޓުދޭނެ މެމްބަރުން އެމްޑީޕީ ތެރޭގައިވެސް ތިބޭނެ ކަމަށެވެ. އިދިކޮޅު މެމްބަރަކު ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ގޮވާލުމާއި އެކު ނަޝީދު ފެކްޝަނުގެ މެމްބަރަކު އެކަމަށް ތާއިދު ކުރެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާން އުޅޭކަމުގެ ވަރުގަދަ ސިގްނަލެކެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކޯޅުން އެމްޑީޕީ ތެރޭގައި ހޫނުވެފައިވާ މިދަނޑިވަޅުގައި ރައީސް ސޯލިހު މިއަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގެތެރެއިން ތިލަމާލެ ބްރިޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައެވެ. މިއީ ދުނިޔޭގެ ތާރީހުގައި ވެސް ބިނާއެއްގެ ބިންގާ އެޅުން، އެބިނާ ހުރި ގައުމެއް ނޫން އެހެން ޤައުމެއްގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވެދާނެއެވެ. އެމްޑީޕީ ސަރުކާރުން ކުރާ ދެކޮޅު ނުޖެހޭ ކަންކަމަށް ބަލާއިރު މިފަދަ ދެއުޅިއެއްނުވާ ކަމެއް ކުރުމަކުން ހައިރާން ވާކަށް ނުޖެހެއެވެ. ހީވާ ގޮތުގައި ދެން އެންމެ އަވަހަށް އަޑުއިވޭނީ ތިލަމާލެ ބްރިޖަކީ މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖެއްގެ ބަދަލުގައި ރާއްޖޭގެ ތުރާކުނުން އިންޑިއާގެ މަލިކަށް އަޅާ ބްރިޖަކަށް ބަދަލުކުރި ވާހަކައެވެ. އެއީ ރާއްޖެއާއި އިންޑިއާ އެއްފަސް ކޮށްލާށެވެ. އެމްޑީޕީ އާއި ބީޖޭޕީ އިން ބޭނުންވަނީ ދިވެހި ރާއްޖެއަކީ އިންޑިއާގެ ބަޔަކަށް ހަދާށެވެ. ތުރާކުނުން މަލިކަށް ބްރިޖް އަޅައި، ރާއްޖެއާއި އިންޑިއާ އެއްފަސް ކޮށްލުމުން ރާއްޖެ އިންޑިއާގެ ބަޔަކަށްވެ ނިމުނީއެވެ. މިއީ އެމްޑީޕީ ހާޑްކޯ މީހުން ބޭނުންވާ އަނެއް ދިވެހިރާއްޖެއެވެ.
ނަމަވެސް ކުރީީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ވިސްނުންފުޅު ހުރީ އަނެއް ދިވެހިރާއްޖެއަށް ނުފޯރަނީސް ދިވެހީންގެ ދިވެހި ރާއްޖެ އަލުން އަނބުރައި ހޯއްދަވައި ދެއްވުމަށެވެ. ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމުގެ އަޑު ފެތުރުނު ދުވަހު ރައީސް ޔާމީން މިވަނީ 2023 ގެ ރިއާސީ އިންތިހާބްގައި ވާދަ ކުރައްވާނެކަން ރަސްމީ ކޮށް އިއުލާން ކުރައްވާފަ އެވެ. މިއީ ކޮންމެހެން ޔާމީނަށް ތާއީދު ނުކުރިއަސް ދިވެހި ޤައުމާއި ދިވެހީންގެ ދީނަށް ތާއިދުކުރާ ދިވެހީންނަށް ރަގަޅު ހަބަރަކަށް ވާނެއެވެ.
ކޮންމެ މީހަކު ނިކުމެެގެން ކަމުގައި ވިއަސް އިންޑިއާގެ އަޅުވެތިކަމުން މި ގައުމު ސަލާމަތް ކުރަން އެބަޖެހެއެވެ. އިންޑިއާ އާއި ދިވެހި ރާއްޖެ އެއްފަސް ކުރުން ހުއްޓުވަން އެބަޖެހެއެވެ. ދިވެހި ޤައުމުގެ ވަލީއުލް އަމްރާއި، ދިފާއީ ވަޒީރާއި، ހާރިޖީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސް އަކީ އިންޑިއާ އިން ބުނާއިރަށް ބިރުން ދުވެފަ އިންޑިއާއަށް ދާންޖެހޭ ބައެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ. ދިވެހީންނަކީ އިންޑިއާ ކުރިމަތީގަ ކުޑަ ކަކޫ ޖަހަން ޖެހޭވަރުގެ ނިކަމެތި ބައެއް ނޫނެވެ. އިތުބާރު ނެތީ ހަމައެކަނި ރައީސް ސޯލިހުގެއެއް ނޫނެވެ. ދިފާއީ ވަޒީރު މާރިޔާ އާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްގެ އިތުބާރު ވެސް ރައްޔިތުންނަށް ވަނީ ގެއްލިފައެވެ.
ރައީސް ނަޝީދަކީ މާކުރީންވެސް ރައްޔިތުންގެ ގިނަބަޔަކު އިތުބާރު ކުރި ބޭފުޅެއް ނޫނެވެ. އެކިފަހަރު މަތީން އިސްލާމް ދީނަށް ގޮން ޖައްސަވައި ދައްކަވާ ވާހަކަ އާއި، ފާހިޝް އަމަލުތަކަށް ހިތްވަރު ދެއްވައި ދައްކަވާ ވާހަކަތަކުގެ ސަބަބުންނެވެ. މިއަދަކު އެކަންޏެއް ނޫނެވެ. މާކުރީންވެސް ނަޝީދު ގޮވާލައްވަމުން ވަޑައިގަތީ ބިރަކާ ނުލާ މަޖާ ކުރުމަށާއި، ބޯން ޖެހޭނެ ކަމަށާއި، ބޯންދޭނެ ކަމަށާއި، ތިމަންނާމެންނަކީ "ހޯމޯ ފޯބިކް" (އެއްޖިންސުން ގުޅުން ހިންގާ މީހުނަށް ނަފްރަތުކުރާ ބައެއް) ނޫން ކަމަށާއި، ސަލާމަތްވާން އޮތީ ދޮން މީހުން އުޅޭހެން އުޅެގެން ކަމަށެވެ.
ނުފެތޭނެކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި (ޕައިރެޓް) އޮޑި މިއޮއްގެން ފެތެނީއެވެ. އަނެއް ދިވެހި ރާއްޖެއަކަށް ނުފޯރިއެވެ. ކަނޑުމަތި އަޅައިފިއެވެ. ދޮންމީހުން އުޅޭގޮތަށް އުޅެގެން ސަލާމަތެއް ނެތްކަން ދިވެހީންނަށް ވިސްނިއްޖެ އެވެ. ހަމައިން ނެއްޓެން ޖެހޭ ހިނދުކޮޅުތައް އަންނާކަށް ނުޖެހޭކަން ދިވެހީންނަށް ވިސްނިއްޖެއެވެ. ކޮންމެހެން ބޯކަށް ނުޖެހޭނެކަންވެސް ވިސްނިއްޖެއެވެ. މަޖާކުރުމުގައިވެސް ޙުދޫދެއް ވާކަމާއި، ބިރަކާނުލާ، އެއްވެސް ޙުދޫދެއް ނެތި، މަޖާކުރުމަކީ ޖަނަވާރުންގެ ގޮތެއްކަން ދިވެހީންނަށް ވިސްނިއްޖެއެވެ.
ވީމާ ދިވެހި ރައްޔިތުންގެ ވިންދާއި އެއް ގޮތަށް ރައްޔިތުންގެ މަޖުލީހުގެ ހުރިހާ މެމްބަރުން މިވަގުތު ތެދުވާން ޖެހެއެވެ. ޕާރޓީ ރޫހަކަށް، މޫނަކަށް ބެލުމެއް ނެތި، ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، އަބްދުﷲ ޝާހިދާއި، މާރިޔާ އާއި، ޝަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިހުރިހާ ޤައްދާރުންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކޮށްދިނުން ލާޒިމެވެ. އެމެމްބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާ ކަމުގައި ވަނީނަމައެވެ. ޤައުދާރުންގެ ވެރިކަން ދަމަހައްޓައި، ޤައުމާއި ރައްޔިތުން ބިކަކޮށް، އަޅުވެތި ކޮށް، ދީނާއި ޤައުމު ފުނޑާލުމުގެ ޒިއްމާ ނަންގަވަން ބޭނުންފުޅު ނޫންނަމަ މިކަން މިހެން ކުރުމަކީ މަޖުލީހުގެ ކޮންމެ މެމްބަރެއްގެ ވެސް ވާޖިވެބެކެވެ. ވަކި ޕާޓީއެއް ނޫނެވެ. ހުރިހާ ޕާޜޓީ އެއްގެ ހުރިހާ މެމްބަރުންނެވެ.