ދިވެހިރާއްޖޭގެ ޓޫރިޒަމަކީ ޔުނީކް ޕްރޮޑަކްޓެކެވެ. ދިވެހިންގެ އަމިއްލަ ވަންތަ އުފެއްދުން ތެރިކަމުގެ ލާމަސީލު މިސާލެއްކަން މުޅި ދުނިޔެވެ ސް ބަލައިގެންފައިވާ އޭގައި ބަރުދަނާއި ބުރަދަން ހުރި ބްރޭންޑެކެވެ.
ދިވެހިން އަބަދުވެސް ސިލޯނާ / ސްރީލަންކާއާމެދު ދެކޭ ގޮތަކީ ހިތާ އެންމެ ކައިރިން ހާއްސަ އިހުތިރާމަކާއި ލޯތްބެއް އޮންނަ ގައުމުގެ ގޮތުގަ އެވެ. ރޯނާ ހިކި މަހާއި ބޮއްޔާއި ކުފުރާ އާއި ބޮނޑި، ކާއްޓާއި ރިހާކުރު ސިލޯނަށް އެކްސްޕޯޓްކޮށް ސައިފަތާއި ހަނޑޫ ފަދަ ބާވަތްތައް ދިވެހިން ގަނެ އުޅުނީ ސިލޯނު މީހުން އަތުންނެވެ. އެ މީހުން ވެސް ދެކެނީ ހަމަ އެހެނެވެ. ތިބެނީ އެކުއެކީގަ އެވެ. ދޭދޭ މި ދެ ގައުމުގެ މެދުގައި އޮންނަނީ ހިތާއި ހިތުގެ ގުޅުމެކެވެ.
އެކަމަކު ދިވެހިން ވެސް ދިވެހިރާއްޖެ އަބަދުވެސް ހާސްބައި ސިލޯނާ ތަފާތު ވެގެން އެބަ އޮވެ އެވެ. ސިލޯނަށްވުރެ ދިވެހި ރާއްޖެ މާ ބޮޑަށް ވެސް ހިތްގައިމު ވެގެން އެބަ އޮވެ އެވެ. އަދި މެހުމާންދާރީ އަދާ ކުރުމުގައި ދިވެހިންނަކީ ދެވަނައެއް ނެތް ލާމަސީލު މިސާލަކަށް ވެގެން ހިނގަ ހިނގައި ވެސް އެބަ އޮވެ އެވެ.
މާޒީގެ ލޯ ކަނެއް ނުވާނެ އެވެ! ތާރީހު ވަނީ އެތަން ދައްކައިދީ ތާރީހު ޖަހައިދީފަ އެވެ. ތާރީހުޖައި ލިޔުއްވެވި އިބުނު ބަތޫތާ އާއި ތޮއިހައިދާލާއި ސިލޯނުގެ އެޗްސީޕީބެލް ފަދަ ބޭބޭފުޅުން ގެ ގަލަމުން ވެސް ދިވެހިންނާއި މި ރާއްޖެ ސިފަ ކުރަނީ ރީތި ކަމުގެ ލާމަސީލުގެ ގޮތުގަ އެވެ. އިންޑިއާ ކަނޑުގެ "ފެހިމުތުގެ ހާރު" ގެ ސިފައިގަ އެވެ.
ހަގީގަތް ގަބޫލު ކުރާން ޖެހޭނެ އެވެ. އަންދުވަހުއްސުރެ ކަންކަމުގައި އަވައްޓެރިޔާ ސިލޯނަށް ވުރެ ދިވެހިންގެ ވިސްނުމާއި ހިޔާލާތާއި ދެކޭ ގޮތާއި ބަދަލު ގެންނަ ގޮތާއި ނަތީޖާ ނެރޭ ގޮތް ތަފާތެވެ.
މަސްވެރިކަމަަށް ބެލި ނަމަވެސް ދިވެހިންނާއި ދިވެހި ރާއްޖެ ކުރިއަރާ ދިޔަ ގޮތް މާ ބޮޑަށް ވެސް ތަފާތެވެ. ދިވެހިރާއްޖެ ދުނިޔެއަށް ދައްކުވައި ދިނީ މަސްވެރިން ކަން ވެސް ކުރާންވީ ދެމެހެއްޓެނިވި އަދި ވެށީގެ ރަހުމަތްތެރި ގޮތެކެވެ. މަސް ބާނަނީ ވެސް އެހެނެވެ. ކައްކާ ހިއްކައި ފައްލަވަ ކުރަނީ ވެސް އެހެނެވެ. އެކުވެރި ސިލޯނުގެ ކާ މޭޒު ސުފުރާ ތަކަށް ރަހައިގެ ތާޒާކަން ގެނެސްދޭ އުންބަޅަކަޑަ އުފައްދާ ދިވެހި "މެޝިނަ" ކީ އޭގެ ކޮލިޓީ ހިފަހައްޓައިގެން އެކަން ކުރާ "މެޝިން" ތަކެކެވެ.
ދިވެހި ރާއްޖޭގައި ދިވެހިން ތަރައްގީ ކުރި ފަތުރުވެރިކަމަށް ބަލަމާ ހެއްޔެވެ؟ ސިލޯނަށް ވުރެ އެތައް ތަނަކުން ދިވެހި ރާއްޖެ، ފަތުރުވެރިމުގެ ސިނާއަތުގައި ކުރިއަރައި ގޮސް ދުނިޔޭގެ އެއް ނަމްބަރަށްވީ އޮތްތަނަކު އޮތް ގޮތަކަށް އޮވެގެނެއް ނޫނެވެ. ރާއްޖެއަށް ޓޫރިޒަމް އޮސްކާ ލިބެނީ ހުސް އަނގައެއް ތަޅައިގެނެއް ވެސް ނޫނެވެ. އެހެން ބައެއްގެ ވާހަކައެއް ވެސް ނުވިއްކަމު އެވެ. އަމިއަލަ ހުދު ފަހާއި ދޮންފަޅުގެ ރީތި ވާހަކަ ދުނިޔެއަށް ކިޔައިދީ ދިވެހި ރާއްޖެ ދުނިޔެއަށް ދައްކައިދިނީ އެވެ. އެއީ ދިވެހިން ކުރި މިންނަތް ބުރަ އެހައި ރީތި މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމަކީ ޔުނީކް ޕްރޮޑަކްޓެކެވެ. ދިވެހިންގެ އަމިއްލަ ވަންތަ އުފެއްދުން ތެރިކަމުގެ ލާމަސީލު މިސާލެއްކަން މުޅި ދުނިޔެވެ ސް ބަލައިގެންފައިވާ އޭގައި ބަރުދަނާއި ބުރަދަން ހުރި ބްރޭންޑެކެވެ.
ދިވެހި ރާއްޖެ އާއި ދިވެހި ރައްޔިތުން އެކަމަށް ނުހަނު ފަހުރުވެރިވެ އެވެ. އެކަމާ އަޅުގަނޑުމނެން ބޮޑާއެއް ނުވަމު އެވެ. މި ރާއްޖެ އާއި މި ރާއްޖޭގެ ރައްޔަތް އަބަދުވެސް ވިސްނަނީ މަދާމައްޓަކައި އިތުރަށް މަސައްކަތް ކޮށް މާދަމާގެ ޖީލަށް މިއަދު ރައްކާ ކޮށްދޭށެވެ. އަޅުގަނޑުމެނަށް އޮތް އިތުރު ބާރަކާއި ހިއްވަރަކައް ވެގެންދަނީ އެކުވެރި ރަހުމަތެރި އަވަށްޓެރިޔާ، ސިލޯ އަޅުގަނޑުމެނާ ދިމާއަށް ކައިރިން ބަލާން އޮތުމެވެ. އެންމެ އެކުވެރި ގައުމުގެ ވަޒީރަކު ވަރުން އަޅުވައި ދިވެހިންނަށް ވިދާޅުވި ދެރަބަހުން ވެސް އަޅުގަނޑުމެން އިބުރަތް ލިބި ގަންނާނީ އެވެ. އޭރަށް ވާނީ ރަނގަޅެކެވެ.