މި އަހަރުގެ މެރިން އެކްސްޕޯ އޮންނާނީ މިމަހުގެ 15 އިން 18 އަށް ސެންޓްރަލް ޕާކުގަ އެވެ. މި އަހަރު އޮންނަ އެންމެ ހާއްސަ ބަޔަކީ އެޑެކްސްގެ ކޮންފަރެންސެވެ.
ރާއްޖެއަކީ ކަނޑު ވަށައިގެން އޮންނަ ގައުމަކަށް ވުމަކީ މެރިން އެކްސްޕޯ މުހިންމުވާ އެއް ސަބަބެވެ. ގައުމީ ބޯޓިން ޖަމިއްޔާ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާ ފަށަން ތިން ދުވަހަށް ވެފައިވާއިރު، ހުރިހާ ސްޓޯލެއް ވިކި ހުސްވެ ފެއާ ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވަނީ ފެށިފަ އެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މެރިން އެކްސްޕޯ އޮންނާނީ މި މަހުގެ 15 އިން 18 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި އަހަރުގެ ފެއާގެ އެއް މީޑިއާ ޕާޓްނަރަކީ "މި" ނޫހެވެ.
މި ފެއާގައި މި އަހަރު ވެސް އޮންނާނެ އެންމެ ހާއްސަ ބަޔަކީ އެޑެކްސް އިންތިޒާމު ކުރާ ޔޫޑަބްލިއު-360 އިން ބާއްވާ އޭޝިއަން ޑައިވް އެކްސްޕޯ (އެޑެކްސް) ގެ ބޮޑު ކޮންފަރެންސް މި ފެއާގައި ބޭއްވުމެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި މި ދާއިރާގެ އެންމެ ފުންނާބު އުސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މާހިރުންނާއެކު އޮންނަ ޕެނަލް ޑިސްކަޝަން ތަކެވެ. މި ފެއާ އިންތިޒާމުކުރާ މީޑިއަމް ކުންފުނިން މިދިޔަ އަހަރު ވަނީ އެޑެކްސް ކޮންފަރެންސް ރާއްޖެ ގެންނަން އެ ކުންފުންޏާއެކު ސޮއިކޮށްފަ އެވެ.
މި އަހަރުގެ އެކްޕޯގައި 15 ވަނަ ދުވަހުގެ ހަވީރު 17:00 ގައި އޮންނަ ބްލޫ އިކޮނޮމީ ކޮންޒަވޭޝަން ޕެނަލް ޑިސްކަޝަންގައި ޕާލޭ މޯލްޑިވްސްގެ އެކްޒެކެޓިވް ޑިރެކްޓަރު ޝާހިނާ އަލީ އާއި މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަންގެ ރައީސާ އަދި ކޯފައުންޑަރު އައިމިނަތު ފައްރަތު އަލީގެ އިތުރުން މޯލްޑިވްސް ބްލޫ މެރިން ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު ޝަހާ ހާޝިމްގެ އިތުރުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސީނިޔަ ސައިންޓިފިކް އޮފިސަރު އަހުމަދު ރިޔާޒު ޖައުހަރީގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިހާމް އާދަމް ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ފެއާގައި 16 ވަނަ ދުވަހު އޮންނަ ދުވަހު އޮންނާނީ ޑައިވް ސެޓިފިކޭޝަން އެންޑް އެޑިއުކޭޝަން ޕެނަލް ޑިސްކަޝަން އެކެވެ. މި ޕެނަލްގައި ތިއްބަވާނީ މޫދު ބުޅާ ޑައިވް ސެންޓަރުގެ ކޯފަރުންޑަރު އަދި އޯނަރު ޒޫނާ ނަސީމްގެ އިތުރުން މެރިން އިންޑަސްޓްރީގެ އެކްސްޕާޓެއް ކަމަށްވާ ހުސެއިން ރަޝީދު (ސެންޑީ) އާއި ޑައިވް ޑެސްކުގެ އެމްޑީ އާދަމް އަޝްރަފު އަދި ފްރީޑައިވް މޯލްޑިވްސްގެ އެމްޑީ ފަހަދް ފާއިޒު އެވެ.
މީގެ އިތުރުން ޑައިވް ގިއާ އިކްއިޕްމަންޓަށް ހާއްސަކޮށް ބާއްވާ ޕެނަލްޑިސްކަޝަން އޮންނާނީ 17 ވަނަ ދުވަހުގެ ހަވީރު 17:00 ގަ އެވެ. މި ޑިސްކަޝަންގައި ޕެނަލިސްޓުގެ ގޮތުގައި ތިއްބަވާނީ ޑައިވްލޮޖްގެ ކޯފައުންޑަރު ފައްޔާޒު އިބްރާހިމް އާއި ޑައިވްކްލަބް މޯލްޑިވްސްގެ އެމްޑީ އަބްދުﷲ ހަސްރަތު އަދި އޯޝަން ވޯރިއާ އިންސްޓިޓިއުޓްގެ ފައުންޑާ ޑރ. ޝަންމާ އަބްދުﷲ ހަމީދުގެ އިތުރުން އިންޓަނޭޝަނަލް ބިޒްނަސް ޑިވްލޮޕްމަންޓް އައިއެސްއެސް ވޯލްޑް ވައިޑްގެ ވައިސް ޕްރެޒިޑެންޓް ޖީން ގްލޫޑް ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
މެރިން އެކްސްޕޯގައި 18 ވަނަ ދުވަހު ހަވީރު 17:00 ގައި އޮންނަ މެރިން ޓޫރިޒަމް ޕެނަލްޑިސްޝަންގައި ޕެނަލިސްޓުގެ ގޮތުގައި ބައިވެރިވަޑައިގަންނަވަނީ ދަފިޝް ޕީޕަލްސްގެ ކޯފައުންޑަރު ކަމީލާ އާއި ވަން އޯޝަންގެ އެމްޑީ މޮނިކާ އަދި ޕްލެނެޓް ސްކޫބާގެ ޑިރެކްޓަރު މަދްހަވާ އަދި އޯޝޭނިއާ ކޮންސެލްޓެންސީގެ ޗެއާމަން އަދި އެމްޑީ އަޖޭ އެވެ.
އަދި ކިޔާލަން - މެރިން އެކްސްޕޯގެ ޕާޓްނަރުން ސޮއި އަޅައިފި