މި ރިސޯޓް ހުޅުވަނީ ރާއްޖޭގެ މާލެ އަތޮޅުގަ އެވެ. މި ބިޔަ އިންވެސްޓްމަންޓުގެ އަގު އެތައް ސަަތޭކަ މިލިއަން ޑޮލަރަށް އަރަ އެވެ. ރިސޯޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނިންމަން ކަނޑައަޅާފައި ވަނީ 2025 ގަ އެވެ.
މިހާރު ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓަކީ މާލެ އަތޮޅުގައި ހިންގާ ހިލްޓަންގެ ވޮލްޑޯފް އެސްޓޯރިޔާ އިތާފުށި މޯލްޑިވްސް އެވެ. މި ރިސޯޓު ހިންގާ ކުންފުނީގެ އޯނަރުންގެ ހިއްސާ އޮންނަ ދުނިޔޭގެ އެންމެ މަތީ އަލްޓްރާ ލަގްޒަރީ ފެންވަރުގެ ޓޫރިޒަމް ބްރޭންޑް ރޯސްވުޑްގެ އާ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ އަތޮޅުގައި ތަރައްގީ ކުރާ ރޯސްވުޑްގެ މި ރިސޯޓު ތަރައްގީ ހަދަނީ ރޯޔަލް ރިސޯޓް ކުންފުނިންނެވެ. މި ކުންފުންޏަކީ ގަތަރުގެ އެސްތިމާރު ހޯލްޑިންގްސްގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އެސްތިމާރު ކުންފުނިން ވަނީ ރާއްޖޭގައި އެންމެ މަތީ ފަންތީގެ ރިސޯޓެއް ހުޅުވަން ނިންމާފައިވާކަން ރަސްމީކޮށް ދުނިޔެ އަށް އިއުލާނު ކޮށްފަ އެވެ. އެ ކުންފުނިން "މި" ނޫހަށް ހިއްސާކުރި މައުލޫމާތު ތަކުގައިވާ ގޮތުން މި ރިސޯޓު ވެގެން ދާނީ ރާއްޖޭގައި މިހާތަނަށް ހުޅުވާ އެންމެ ފެންވަރުމަތީ އެއް ރިސޯޓަށެވެ. މި ރިސޯޓު ބްރޭންޑްކޮށް މެނޭޖު ކުރާނީ އަލްޓްރާ ލަގްޒަރީ ގްލޯބަލް ހޮސްޕިޓަލިޓީ ބްރޭންޑް ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.
މާލެ އަތޮޅުގައި ހުޅުވާ ރޯސްވުޑްގެ ހިތްގައިމު ރިސޯޓު ހުޅުވުގެ މަސައްކަތް އަމަލީ ގޮތުން ފަށައި އެކަމަށްޓަކައި ފަޅު ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެ ކުންފުނިން "މި" ނޫހަށް ހިއްސާ ކުރި ފޮޓޯތަކުގައިވާ ގޮތުން މަސައްކަތް ހަލުއި ކަމާއެކު ދަނީ ކުރިއަށެވެ. އަގު ބޮޑު އަދި މާސްޓަ ޕީސް މި މަސައްކަތް ކުރުމުގައި ދިވެހިންގެ ބޮޑު ބައިވެރިވުމެއް ވެސް ހިމެނެ އެވެ. މިއީ އިތާފުށި ތަރައްގީ ކުރަން ހެދި އިންވެސްޓްމަންޓާ ގާތްގަނޑަކަށް އެއްވަރުގެ ބިޔަ އިންވެސްޓްމަންޓެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އެއީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެކެވެ.
އެސްތިމާރު ހޯލްޑިންގް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ރޯސްވުޑް ރިސްޓް ހުޅުވަން ތައްޔާރު ވަމުން ދަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކްއާޓަރުގަ އެވެ. މި ރިސޯޓުގައި އެންމެ މަތީ ފަންތީގެ 120 ބީޗް އޯވަވޯޓާ ވިލާ އާއި އެއް ކޮޓަރީގެ ވިލާ އަދި ފަސް ކޮޓަރީގެ ވިލާތައް ހުންނާނެ އެވެ. މި ހުރިހާ ވިލާތަކެއްގައި ވެސް އަމިއްލަ ޕޫލް ހުންނާނެ އެވެ. އެހެންވެ މި ތަނަށް އަންނަ މީހަކަށް އަމިއްލަ ގޭގެ އިހުސާސް ކުރެވޭނެ އެވެ.
ބިޔަ މި އިންވެސްޓްމަންޓް ރާއްޖޭގައި ކުރުމާ ބެހޭ ގޮތުން އެސްތިމާރު ހޯލްޑިންގްގެ ޗެއާމަން މައުތާޒް އަލް ޚައްޔަތު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި ފުރުސަތު ތަކެއް އޮތް އިންވެސްޓްމަންޓަށް ފުރިހަމަ މާހައުލެއް އޮތް އެކަމަށް ހިތްވަރު ލިބޭ ގައުމެކެވެ.
ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި ފުރުސަތުތަކެއް އޮތް ގައުމެއް، ފުރިހަމަ މާހައުލެއް އޮތް ގައުމެއް
އެސްތިމާރު ހޯލްޑިންގެ ޗެއާމަން | މައުތާޒް އަލް ޚައްޔަތު
ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ ރައީސް ރާދާ އަރޯރާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ މި ބްރޭންޑުގެ ރިސޯޓަކަށް އެންމެ ހިތްގައިމު އެއް ގައުމެވެ.
"ރާއްޖެ އަކީ ރޯސްވުޑް ޕްރޮޕަޓީއަކަށް ރަނގަޅު ތަނެއް. އަޅުގަނޑުމެންގެ 'އޭ ސެންސް އޮފް ޕްލޭސް ފަލްސަފާ' ދިރުވައި އާލާ ކުރުމަށް ކެތްމަދުވެފައި މިތިބީ... މި ގަބޫލު އަދި މި މަގުބޫލު މަންޒިލް [ރާއްޖޭ] ގައި،" ރާދާ އަރޯރާ ވިދާޅުވި އެވެ. "ރާއްޖޭގައި ރިސޯޓު ހުޅުވައި އަލްޓްރާ ލަގްޒަރީ ތަޖުރިބާ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް. މި ބޮޑު މަޝްރޫއުގައި އެސްތިމާރު ހޯލްޑިންގްސްއާ ޕާޓްނަރޝިޕް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް."
ރަނގަޅު އިސްވެސްމަންޓެއް އެހެނަސް މީގެ ބޮޑުބައު ފޭދިގެން ރާއްޖެއިންބޭރަށް ރައްޔިތުންނަށް ފައިދާއެއް ނުވާ ގޮތަށް ދިއުމަކީ ވަރަށްދެރަ ކަމެކެވެ. ހުރިހާރިސޯޓުތަކެއް ރަނގަޅަށް ބެލެހެއްޓޭނެ ދައުލަތުގެ ނުންފުޏަކާ ހަވާލު ކުރަންޖެހެއެވެ. އެފަދަ ވެރިއަކު ވެރިކަމަށް އަންނަން ޖެހެއެވެ. ހިތާމައަކީ އެކަމަށް އުފެއްދި ރައްޔިތުންގެ ކުންފުނި ވެގެންދިޔައީ ރައްޔިތުންގެ އެންމެހައްގު މުދާކަމުގައިވާ ފަޅުރަށްތައް މަދުބަޔަކަ ޖަހައިގަތުމަށް މެދުވެރުކުރި މަޅިފައްޗަކަށެވެ!!