ސައުުދީން ސުލްހަވުމުން ރާއްޖޭންވެސް އިރާނާ ގުޅުން ގާއިމު ކުރަނީ

"މި ހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފީމެވެ،" ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސައުދީ އަރަބިއްޔާ އާއި އީރާނުން އަލުން ސިޔާސީ ގުޅުން ގާއިމު ކުުރުމަށް ނިންމުމާއެކު ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރަން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޗައިނާ މެދުވެރިވެ ސައުދީ އަރަބިއްޔާ އާއި އީރާނުން އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާހީލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރު ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އެ ނިންމުމާއެކު ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާ އާއި އީރާނާ އަލުން ގުޅި ދެ ގައުމުން އެކަން ހާމަކޮށް އަދި އެ ދެ ގައުމާއި އެ މަަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަަމަށެވެ.

"އަދި މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފީމެވެ،" ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމީ މެއި 17، 2016 ގައެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ގުޅުން ކަނޑާލީ "އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވާތީ އާއި ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއްކަމަށްވާތީ" ކަމަށް ބުނެ އެވެ. 

ރާއްޖެއިން އޭރުވެސް އެ ނިންމުން ނިންމީ ސައުދީ ސަރުކާރުގެ ނުފޫޒުގައި ކަމަށް އޮތީ ބެލެވިފައެވެ. ރައީސް ޔާމީންގެ ސަރުކާރާއި ވަރަށް ގާތް ގުޅުން ސައުދީން ބޭއްވެވި އެވެ. އެކަން ފާހަގަކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔެއެވެ. ހަަމަ އެ ދުވަސްވަރު ސައުދީން ވަނީ ގަތަރާވެސް ގުޅުން ކަނޑާލާފައެވެ. އެއާއެކު ރާއްޖެއިންވެސް ގަތަރާ ގުޅުން ކަނޑާލި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔާ އޭރުގެ އިދިކޮޅު ފަރާތްތަކުން -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި އިރާނާއި ގަތަރާ އަލުން ގުޅުން ގާއިމު ކުރުން ހިމެނުއްވި އެވެ. ޖެނުއަރީ 6، 2021 ދިވެހި ދައުލަތުން އަލުން ގަތަރާއެކު ގުޅުން ގާއިމު ކުރި އެވެ. ނަމަވެސް އެކަން ކުރީ ސައުދީން ގަތަރާ ގުޅުން ގާއިމުކުރުމުންނެވެ. މި ފަހަރު އިރާނާ ގުޅުން ގާއިމު ކުރީވެސް ސައުދީގެ ފަހަތުންނެވެ. އެހެން ކަމުން އިރާނާ - ގަތަރާ ގުޅުން ކަނޑާ އަލުން ގާއިމު ކުރުމުގައި ސައުދީގެ ނުފޫޒާއި ވިސްނުން ދެ ސަރުކާރުގެ މައްޗަށްވެސް ވަރަށް ބޮޑަށް އޮތް ކަމަށް ޔަގީން ކުރެވެއެވެ.

ރާއްޖެއިން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރީ ޖޫން 2، 1975 ގައެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދާ އިދިކޮޅު ޕާޓީތަކުން ވާހަކަ ދައްކައެވެ. ހާއްސަކޮށް އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވެފައި އޮތް އޮތުން ފާހަގަ ކުރެއެވެ. މީގެ އިތުރުން ސަރުކާރުން މިހާރު ދަނީ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ސައުދީއާވެސް ގާތް ގުޅުމެއް އުފެއްދޭތޯ ބަލަމުންނެވެ. އެ މަަސައްކަތުގައި ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.