އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން އޭޕްރީލް އެކަކުން ފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދަ ދީފައިވާތީ އެކަން އެގޮތަށް ކުރާނެ ކަމަށެވެ.
ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ އަންނަ މަހުން ފެށިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ވެމްކޯ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ހިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލަ ކަމަށާ މިހެން މިކަން ދިމާވުމުން ކުންފުނީގެ ކޭޝްފްލޯ ދަތިވެ ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ ހުރި ނަމަވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީއިން ކަމަށްވެސް ބުންޏެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދިނުމަށާއި އަދި ކުނި މެނޭޖް ކުރުމަށް ގެނެވޭ ބޮޑެތި ބަދަލުތަކުގެ ހަރަދު ބެލެހެއްޓޭނީ ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމަށް ވުމުން އެންމެ ފަސޭހައިން ހަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓް ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހިދުމަތަށް ފީ ނެގުމުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގިދާނެ ކަމަށް ގާނޫނުގައި މިހާރު ހިމަނާފައިވާ ކަމަށްވެސް ބުންޏެވެ.
އަދި ވެމްކޯގެ ފީ ސްޓެލްކޯގެ ބިލުގައި ހިމަނާއިގެން ނެގުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅާ ފާސްކޮށްފައިވާ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން އޭޕްރީލް އެކަކުން ފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދަ ދީފައިވާތީ އެކަން އެގޮތަށް ކުރާނެ ކަމަށެވެ. މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ހިދުމަތް ދެމުންގެންދާ ތަންތަނުން ނަގަމުން އަންނަ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާ މިގޮތަށް ފީ ނަގަން ފެށުމުން ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރި ނަމަވެސް މާލޭ ސަރަހަދުގެ ހުރިހާ ގޭބިސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަމުންގެންދާނެ ކަމަށެވެ. ނަމަވެސް މީގެ ތެރޭގައި ގެތަށް ސާފުކޮށްފަ އުކާލާ ބޮޑެތި ކުނި (ބަލްކީ ވޭސްޓް) ނުހިމެނޭނެ އެވެ.