މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި ވަނީ މާދަމާ 11:00 އަށެވެ.
އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ދައުވާކޮށްފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލަށް ލައިފި އެވެ.
މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި ވަނީ މާދަމާ 11:00 އަށެވެ.
ޑިސެމްބަރު 22، 2022 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އައްބާސް އާދިލް ރިޒާ ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް އައްބާސް ހިތްވަރު ދީފައިވެ އެވެ.
މީގެ އިތުރުން އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން ރާއްޖާގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ އޭނާ ޓްވީޓް ކޮށްފައިވެ އެވެ.
މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.