މީހެއް ވިއްޔާ އަމިއްލަ ބުއްދިއަށް ވިސްނާ ފިކުރު ކުރަން ޖެހޭނެ އެވެ. ރާއްޖެ އޮތް ހިސާބުން ކޮންމެ ރައްޔިތަކަށް މިހާރު އެކަން އެބަ ވާޖިބު ވެއެވެ. ވެެރިކަން ކުރެއްވި ވެރިން ކޮށް ދެއްވި ކަންކަން ތިލަފަތުގެ ދެ ފަޅިޔައްލައި ކިރާން ވެސް ޖެހެ އެވެ.
މިއީ ރާއްޖޭގެ ސިޔާސީ މާޒީން އެންމެ ދަންނަ ވާހަކަ އެކެވެ؛ "ނުރުހޭނަމަ ކުޑަ ކާފެކެވެ. ރުހޭ ނަމަ ބޮޑު ކާފެކެވެ!" މީ ކުރީގެ ބައެއް ސަރުކާރުތަކުގެ ސިޔާސީ ފަލްސަފާ ބައްޓަން ކޮށްފައި އޮތް ގޮތެކެވެ. ކަތީބުންނާއި އަތޮޅުވެރިން ތަންފީޒު ކުރި ސިޔާސަތެކެވެ. އެ ސަރުކާރުތައް ލައްވާލަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދިގު ތިރީހަށެވެ.
އެ ފަހަށް ވެސް ސަރުކާރަކަށް ފަހު ސަރުކާރެއް އެބަ އުފެދެއެވެ. އެކަމަކު މިހާރު ވެސް ދައުރެއް ނިމި ވެރިކަމުގެ އާ ދައުރަކަށް ކުރިމަތިލާއިރު ރައްޔިތުންނަށް ވިސްނައިދޭ ސިޔާސަތަކީ ކުޑަކާފާއި ބޮޑު ކާފުގެ ސިޔާސަތެވެ. ތަފާތީ އެކަން ވިސްނައިދީ އެ ސިޔާސަތު ހިނގާ ގޮތެވެ. އެކަމަކު ނަތީޖާ ނެރެނީ އެއްގޮތަކަށެވެ. -- މި ވަގުތަކީ ވެސް ދައުރެއް ނިމޭން ދާ ވަގުތެއް އަދި އާ އިންތިހާބަކަށް ގޮލާ ދަނޑިވަޅު އަންނަ ވަގުތެކެވެ.
ތިމާމެން ނޫނީ ވެރިކަން ކުރެވޭނެ ގާބިލު ބަޔަކު ނެތްކަމައް ސަރުކާރުތައް ތަކުރާރުކޮށް އަބަދު ވެސް ބުނެ ހަދާނެ އެވެ. އެއީ ސިޔާސީ ކަންކަން ހިނގާ ގޮތް ވެސް މެ އެވެ. އެކަމަކު ސިޔާސަތުތައް އެހެން ގެންދާއިރު ގައުމު ހިންގާން ސަރުކާރުތައް ނުކުޅެދިފައިވާ "ކަން" މީހުނަށް ވެސް އެނގެ އެވެ. އަދި މިއަދު އެކަން ގަބޫލު ކުރާ ރައްޔިތުން މާ ގިނަ އެވެ.
ތަރައްގީ ގެނައުމަށް ކުރީން ޖެހި ކަޑަ މިއަދު ވެސް ޖަހަނީ ހަމަ އެއްގޮތަކަށެވެ. އެ ކަޑަ ޖަހައި މިކަޑަ ޖަހައި މި މަގުޗާޓް އެ މަގުޗާޓް ހަދައި ދަޅަ ދައްކަމުން ދާއިރު ދެ ވަޒީރަކު ފިޔަަފާ ގަޑިނުޖެހި ވުޒާރާއަށް ދެވެނީ ވެސް މަދު ބޭފުޅަކަށެވެ.
ވަޒީރުން ގަޑިޖައްސާކަށް ނުޖެހެ އެވެ. ދެއިރު ދެ ދަޅައަށް ކާރު އާ ނުކުރެވި ހައިބަތު ބޮޑު ކުރާން އިންނަވާ ކޮޓަރި ކޮޅު ބޮޑުކޮށް ޖަރީ ކުރުން ނޫން ކަމެއް ކުރައްވާކަށް ވަޒީރަކަށް ޖެހިވަޑައެއް ނުގަންނަވަ އެވެ. އެ ނޫން ވަޒީރަކު ހުންނެވިއްޔާ ލައްކަ ސާބަހެވެ. ކަންކަން ބައްޓަން ކޮށްފައި އޮތް ގޮތުން ހަގީގަތުގައި ވާނީ ވެސް އެހެނެވެ. އެއީ އެކަން ހިނގާނެ ވެސް ގޮތެވެ.
ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންނާމެދު ވިސްނާލަމާ ހެއްޔެވެ؟ ރަނގަޅު އޭ ގްރޭޑްގެ ކުންފުންޏެއްގެ އެމްޑީ ކަމަށް ކުފޫ ހަމަވަނީ އެއިރެއްގެ ރައީސަކު ވިދާޅުވާ ގޮތަށް ބަޖެޓް ބަހާ ހުސް ކުރާން ދަންނަ، އެކަން ކުރަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. ވެރިޔާ "ރުއްސުންލައްވާ" މެންބަރެއްގެ އާއިލީ އެންމެންނާއި މެންބަރަށް ތާއީދު ކުރާ ދާއިރާ އައުވާނުންނަށް އެ ކުންފުންޏާއި މި ކުންފުނިން އެ ވަޒީފާ އާއި މި ވަޒީފާ ހަމަ ޖައްސާ ދެވެންޏާ އެވެ.
ހަރުދަނާ ގޮތަކަށް އަދި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުންފުންޏެއް ހިންގޭނެ ޝަރުތު މުހިންމެއް ނުވެ އެވެ. ގާބިލް ކަމާ ޝަރުތަކީ ހަމަ އެކަނި ވެރިޔާއަށް ތާއީދު ކޮށް ރަށުތެރެ އާއި މީޑިއާގައި އަޑުގަދަ ކުރާން ކެރުން ކަމަށް ވަންޏާ ރަނގަޅު ކުންފުންޏެއްގެ އެމްޑީ ކަމަށް ޝަރުތު ހަމަވީ އެވެ.
މިއީވެސް ހިތަށް އަރާ ގޮތެކެވެ: މިޔަންމާ އާއި ކެންބޯޑިޔާ ނޯތް ކޮރެ އާއި އެފްރިކާގެ ފަގީރު ގައުމު ތަކުގައި ވެރިން ކަން ކުރާ ގޮތަށް ގައުމު ބައްޓަން ކޮއްލުމަށް ވެސް ކިޔާންވީ ހަމަ ހަމަކަމާ އިންސާފުން ކަން ކުރުން ހެއްޔެވެ؟ ޒަމާން ބަދަލު ވިއަސް ވެރިކަން ހިންގާ ނިޒާމަށާއި ސިޔާސަތަކައް ބަދަލެއް ނާދެ އެވެ. ގެންނާކަށް ބޭނުމެއް ނުވެ އެވެ. އެހެންވާ ހައްސަ ސަބަބު ވާނެ ނޫން ހެއްޔެވެ؟
ނުރަނގަޅު ގޮތުގައި މުޑުދާރުކޮށް ތަނަވަސް ކަން ހޯދާން އޮތް ހަމަ އެކަނި ކުރު މަގަކަށް ވަދެވެނީ ސަރުކާރުގެ ކޮންމެ ވެސް އިސް ވެރިއެއްގެ ރުހުން ލިބި / ލިބޭ ސަރުކާރުގެ ސިޔާސީ މަގާމަކުން ކަމަށްް ވާނަމަ ތައުލީމާއި ތަރުބިއްޔަތާ ފަންނީ ތަޖްރިބާ އަކީ އަގެއް ނެތް އެއްޗެކައްވީ އެވެ. އޭގެ ނަތީޖާއަކީ ގައުމު ހާލާކުވެ އިޖްތިމާއީ ފޭރާން ކަފާސް ވެގެން ދާން ފެށުމެވެ.
މީހެއް ވިއްޔާ އަމިއްލަ ބުއްދިއަށް ވިސްނާ ފިކުރު ކުރަން ޖެހޭނެ އެވެ. ރާއްޖެ އޮތް ހިސާބުން ކޮންމެ ރައްޔިތަކަށް މިހާރު އެކަން އެބަ ވާޖިބު ވެއެވެ. ވެެރިކަން ކުރެއްވި ވެރިން ކޮށް ދެއްވި ކަންކަން ތިލަފަތުގެ ދެ ފަޅިޔަށްލައި ކިރާލާން ވެސް ޖެހެ އެވެ. ވެރިން ކުރި ނުރަގަޅު ކަން ކަން ވެސް މިނެ ކިރައިލާން ޖެހެ އެވެ. ވެރިންގެ ފުށުން އައި ނުރަނގަޅާއި އައި ރަނގަޅާއި ލުއި ފައިސޭހަތަކާއި ތަނަވަސް ކަން އަޅާކިރާލުން އެހައި މުހިންމު ވެއެވެ.