ދުވާފަރު ކައުންސިލުގައި ހިމެނޭ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެ ރަށު ޑަބްލިޔުޑީސީގެ ބައެއް މެންބަރުން އަމިއްލަ އެކައުންޓުތަކަށް ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް ބޭނުން ކޮށްފައިވާ ކަމަށް އެލްޖީއޭގެ ރިޕޯޓުން ދައްކަ އެވެ.
ރ. ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން އެކުވެގެން ވި ބޮޑު ހިޔާނާތުގެ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި މިއަދު އެދިއްޖެ އެވެ.
ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ދުވާފަރު ކައުންސިލުން ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކޮށްފައިވެ އެވެ. އެ މައްސަލަ އޭސީސީން ވަނީ ތަހުގީގު ކޮށްފައެވެ. މި ހިޔާނާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 އިގެ ދުވަސްވަރު އެވެ.
ދުވާފަރު ކައުންސިލުގައި ހިމެނޭ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެ ރަށު ޑަބްލިޔުޑީސީގެ ބައެއް މެންބަރުން އަމިއްލަ އެކައުންޓުތަކަށް ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް ބޭނުން ކޮށްފައިވާ ކަމަށް އެލްޖީއޭގެ ރިޕޯޓުން ދައްކަ އެވެ. އުސޫލުން ބޭރުން އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއިން މައްޗަށް އުފުލިފައި ވެއެވެ. މިއީ ރަށެއްގެ ކައުންސިލް ތެރެއިން އައި މިފަދަ އެންމެ ބޮޑު ހިޔާނާތެވެ.
އޭސީސީން މިއަދު ބުނީ ލޯކަލް ގަވާމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ އަށް ފަހު ދައުވާ ކޮށްދިނުމަށް ނިންމާފައިވާ އަށް މީހުންގެ ތެރޭގައި އެ ކައުންސިލްގައި އޭރު ތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.
މި އެންމެންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދިފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނި ގޮތުގައި އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް ދެ މަސްދުވަސްތެރޭގައި މައްސަލައިގެ ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިއަދު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހުން އިސްލާހު ކުރުމަށް އެންގި ކަންކަން އިސްލާހު ކުރުމަށް ފަހު ކަމަށެވެ.