އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލައަށް ފާހަގަޖެހޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ލޯފަންކުދިންގެ ޖަމިއްޔާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވޯޓު ކަރުދާހަށް އެއްވެސް ބަދަލެއް ނުގެނެސް، ލޯފަން މީހުންނަށް ވޯޓު ލުވޭނެ ގޮތެއް ބްލައިންޑް އެސޯސިއޭޝަނުން ދައްކާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި، ހިއުމަން ރައިޓްސް ކޮމިޓީ އާއެކު އެ އެސޯސިއޭޝަނުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ނާއިބު ރައީސް ހުސައިން ޝަރީފް ވިދާޅުވީ މިހާރު އުސޫލުތައް ކަނޑައެޅިފައި އޮންނަ ގޮތުން، ލޯފަން މީހުންގެ ވޯޓު ސިއްރު ނުވާ ކަމަށެވެ. އެ ކަންބޮޑުވުން ފާޅު ކުރުމުން ކޮންމެ ފަހަރަކު ވެސް ވަގުތު ނެތުމުން، ނުވަތަ ބަޖެޓު ނެތުމުން އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ.
"ބަޖެޓުގެ ވާހަކަ އަޅުގަނޑުމެންނަށް އަބަދު ވެސް އަޑުއިވޭ، ނަމަވެސް އަޅުގަނޑުމެން މިފަހަރު މިއައީ މިކަމަށް ހައްލަކާ ވެސް އެކުގައި،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ހައްލުގެ ގޮތުގައި އެ އެސޯސިއޭޝަނުން ހުށަހަޅަނީ ވޯޓު ކަރުދާހާ އެއްވަރަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ޝީޓެކެވެ. އޭގައި ވޯޓު ކަރުދާހުގެ ގޮޅިތަކާ ދިމާވާގޮތަށް ހެޔޮފާހަގަ ކަނޑާނަގާފައި ހުރެ އެވެ.
"އަޅުގަނޑުމެންގެ ކުދިންނަށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ [ފާހަގަ ޖަހަންވާ ތަންތަން] މީގައި އަތްލައިގެން" ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކަމާ ގުޅިގެން މިހާތަނަށް ބައްދަލުކުރި އެއްވެސް އިދާރާއަކުން އެއީ ނުވާނެ ކަމެއް ކަމަށް ބުނެފައި ނުވާ ކަމަށެވެ. އަދި މަޖިލީހާއެކު ބޭއްވި ބައްދަލުވުމުން ވެސް އެކަމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ފާހަގަވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުން ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ޖަމިއްޔާއިން ފާހަގަކުރާ ކަންކަން ކުރުމުގައި ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި މިކަން ނުކުރާންވީ އެއްވެސް ސަބަބެއް ނެތް. އަދި ހުރަހެއް ވެސް ދައްޗެއް ވެސް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލައަށް ފާހަގަޖެހޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ލޯފަންކުދިންގެ ޖަމިއްޔާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނާއި، އެހެނިހެން މިނިވަން މުއައްސަސާތަކުގެ އިތުރުން ޕާޓީތަކާއި ވެސް ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.