ފާރަވެރިޔަކު ނެތި އިތުބާރު ނެތް އިދާރާތަކަށް ބާރު ދީގެން ލިބޭނީ ނުބައި ކެއްސެއް

އެނގޭ ކަމަކީ، ސިންގަޕޫރުގައި އޮތް ފަދަ އޭޖެންސީއެއް ގާނޫނުން އުފައްދައި، ބާރު ދޭން ޖެހޭ ކަމެވެ. މަޖިލީހުގައި މިހާރު އޮތް އިސްލާހުތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދު ރައްޔިތުންގެ އިތުބާރާއެކު ހާސިލު ކުރަން ޖެހޭ ކަމެވެ.

ދިވެހި އެސްއޯ ފުލުހުންގެ ފައުޖެއް: ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ފުލުހުންނަށް އާ ބާރުތަކެއް ލިބޭ
  •  ސައިބާ ސެކިއުރިޓީ އިންޑެކްސް ގައި 182 ގައުމު، ރާއްޖެއަށް 177

މަޝްހޫރު ފިލްމީތަރިއެއްގެ ފޯނު ފުލުހުން އަތުލި އެވެ. އޭގެ ފަހުން، އޭނާގެ ޒާތީ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، އެ ތަކެތި ލީކް ކޮށްލިކަމުގެ ތުހުމަތު އަމާޒުވީ ފުލުހުންނަށެވެ. ގިނަ ބައެއްގެ ބޭންކު އެކައުންޓުގައި ހުރި ފައިސާތައް ސްކޭމަރުން ދަމައިގަނެ އެކައުންޓްތައް ދަވަލައިގެން އެންމެން ބީއެމްއެލަށް އެއްޗެހި ކިޔައި ބަވަނީ އެވެ. 

މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ސުރުހީތަކަށް ބަލާއިރު ފާހަގަ ކުރެވޭ ކަންކަމެވެ. ފިލްމީ ތަރީގެ ފޮޓޯތަކުގެ މައްސަލަ ފުލުހުން ނިންމާލީ ވަަރަށް އާދައިގެ ގޮތަކަށެވެ. ބުނިހާވެސް ވާހަކައަކީ އެ އިދާރާއިން އެއްވެސް ހެއްކެއް ބޭރު ނުވާނެ އެވެ. އެހާވަރުން ޖާވާބުދާރީވުމުގެ ވާޖިބު އަދާކޮށްލީ ކަމަށް ބަލައި ނިންމާލީ އެވެ. ފުލުހުންނަށް ބަވާ ބެވުމާއި ކުރާ ތުުމަތު ނަފީކޮށްފައި ބުނި ވާހަކަ ސާބިތެއް ކޮށް ދޭން އިތުރު ކަމެއް ނުކުރެ އެވެ. -- ކުރާކަށް ނުވެސް ޖެހެ އެވެ. އާންމުން އެކަން ގަބޫލު ކުރުމާއި ނުކުރުން އެއީ އެހެން ކަމެކެވެ.

ސްކޭމަރުންގެ މައްސަލައިގައި ބޭންކުން ބުނި ގޮތުގައި ގިނަ އަދަދެއްގެ ކަސްޓަމަރުންގެ މައުލޫމާތު ހާމަވެފައިވެ އެވެ. ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ، ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގަ އެވެ. 

އެއާ ގުޅުވާލައި މޯބައިލް ބޭންކިން މެދުވެރިކޮށް، ކިއުއާރް ކޯޑު ސްކޭން ކޮށްގެން ކުރެވޭ މުއާމަލާތްތައް ބޭންކުން ލިމިޓު ވެސް ކުރި އެވެ.

މި ދެ މައްސަލައިގައި، ބޭންްކާއި ފުލުހުން ވެސް މި އެ ބުނަނީ އެ ދެބައި މީހުންގެ އެތެރޭގެ މައްސަލައެއް ނޫޅޭނެ އޭ އެވެ. އެކަމަކު އެހެން ހަމަ ބުނެލައިގެނެއް، އެވަރަކުން އަދި ނުފުދެ އެވެ. 

މީހަކު އެނާގެ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުނެވެ: "މިފަދަ ފައިސާ އާ ގުޅޭ މައްސަލަތަކުގައި، ވެސް އަދި ފުލުހުންނާ ގުޅޭ މައްސަލަތަކުގައި ވެސް ތުހުމަތު އަމާޒުވާ އިދާރާތަކުގެ އަދި ބޭންކްތަކުގެ އެތެރެ ސާފުކަން ކަށަވަރުކޮަށްދޭން ޖެހޭނެ. ރައްޔިތުންނަށް އެ ޔަގީންކޮށްދޭން ޖެހޭނެ ޝައްކެތް ނެތް މިންވަރަށް މިއީ އާންމުންގެ ޒާތީ މިނިވަންކަމާއި، ސަރުކާރާއި ދައުލަތުގެ ސަލާމަތަށް ކޮންމެހެން ވެސް މުހިއްމު ކަމެއް،" 

އާންމު ގިނަ މީހުން ހީކުރާ ގޮތުގައި ސައިބާ ސެކިއުރިޓީގެ މިފަދަ މައްސަލަތަކުގައި ސަރުކާރުގެ، އިދާރާތަކާއި ކުންފުނިތަކުގެ މައްޗަށް ފާރަވެރިވެ، އޮޑިޓް ކުރަން ޖެހޭނީ އެންސީއައިޓީ އެވެ. އެކަމަކު ހަގީގަތުގައި އެއީ އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫނެވެ. 

އިންފޮމޭޝަން ޓެކްނޮލޮޖީ ސެންޓަރަކީ އީ-ގަވަމެންޓް ނިޒާމު ތަރައްގީ ކުރުމާއި، ސަރުކާރުގެ މަސައްކަތަށް ބޭނުންވާ އެފަދަ ވަސީލަތްތައް ގާއިމުކޮށް، ބަލަހައްޓައި ދިނުމެވެ. އެތާނގެ މެންޑޭޓުގައި ހިމެނޭ ނުވަ ނުކުތާގައި "ސައިބާ ސެކިއުރިޓީ" އެ ބަސް ނުވެސް އޮވެ އެވެ. 

ހުލާސާއަކީ، ރާއްޖޭގެ ތަހުގީގީ އިދާރާތަކުންނާއި، އެހެން މުއައްސަސާތަކާއި، ކުންފުނިތަކުގައި އެކުލަވާލެވިފައިވާ ސައިބާ ސެކިއުރިޓީ ނިޒާމުތަކުގެ މައްޗަށް ފާރަވެރިވެ، އުސޫލުތައް ކަނޑައަޅައި މޮނިޓާ ކުރާނެ އެއްވެސް އިދާރާއެއް ނެތެވެ. އެއީ ހުސްގޮޅިއެކެވެ. އެކަމުގައި އޮތީ އެބަޔަކާ އެބަޔެކެވެ.

މަޖިލީހުގައި އޮތް އިސްލާހުން ފުލުހަށް "އަންޗެކްޑް" ބާރުތައް

ކަންކަން މި ހިސާބުގައި އޮއްވާ، މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހަށް ވަނީ ސައިބާ ކުށާ ބެހޭ އިސްލާހުތަކެއް މުހިއްމު ތިން ގާނޫނަކަށް ހުށަހަޅާފަ އެވެ. އެއަކީ ނުހަނު ބޭނުންތެރި މުހިއްމު އިސްލާހު ތަކެކެވެ. 

ބަރަހަނާ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމާއި ސްޓޯކް ކުރުމާއި ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ފަދަ ބޮޑެތި މައްސަލަތައް ގާނޫނުލް އުގޫބާތަށް ހުށަހެޅުނު އިސްލާހުން ކުށް ކަމުގައި ކަނޑައަޅައި، އަދަބު ކަނޑައަޅައި ދެ އެވެ. ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް ގެނައި އިސްލާހުންނާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނުން މިފަދަ މައްސަލަތަކުގައި ތަހުގީގު ކުރުމަށާއި ހެކި ހޯދުމަށް ފަސޭހަތަކެއް ލިބޭނެ އެވެ.

ނަމަވެސް، ފާއިތުވި މަހެއްހާ ދުވަހު ކަން ހިނގައި ދިޔަ ގޮތާއި ފެނުނު މަންޒަރަށް ބަލާއިރު، މި އިސްލާހުތަކުގައި ދީފައިވާ ފަދަ ބާރުތަކެއް ފުލުހުންނަށް ދިނުމަކީ ބިރު ގަންނަވަރުގެ ކަމެކެވެ. މި އިސްލާހު ތަކުން ފުލުހުންނަށް ކޯޓު އަމުރެއް ހިފައިގެން ގޮސް ތުހުމަތުވާ މީހެއްގެ ޑިވައިސްތަކުގައި ހުރި ޒާތީ މައުލޫމާތު ބެލެއެވެ. ރިއަލްޓައިމް ކޮށް ޓްރެފިކް ޑޭޓާ ނެގެ އެވެ. ކުންފުނިތަކުގެ ޚިދުމަތް ހޯދާ ސަބްސްކްރައިބަރުންގެ މައުލޫމާތު ހޯދެ އެވެ. މައްސަލައަކީ މި ބާރުތައް ފުލުހުންނަށް ދިނުމެއް ނޫނެވެ. އެކަމަކު، އެ ބާރުތައް ބޭނުން ކުރަނީ ރަނގަޅަށްތޯ ބަލާނެ، ފަންނީ، މިނިވަން މުއައްސަސާއެއް ނެތި އެކަން ކުރަން އުޅުމެވެ.

ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ: އަދި ބިލު މަޖިލީހަކަށް ނުގެންދޭ

ރަނގަޅު ގައުމުތަކުން މިކަން ކުރަނީ ކިހިނެއް؟

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖެ އޮތް ހިސާބަަކީ ކޮބައި ހެއްުޔެވެ؟  އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަނުން 2020 ވަނަ އަހަރު އެކުލަވާލި ސައިބާ ސެކިއުރިޓީ އިންޑެކްސް ގައި ދިވެހި ރާއްޖެއަށް ދީފައިވާ ސްކޯއަކީ ސައްތައަކުން 2.95 އެވެ. އެއީ އެ އިންޑެކްސްގައި ރޭންކު ކުރި، 182 ގައުމުގެ ތެރެއިން 177 ވަނަ އެވެ. މި އިންޑެކްސްގައި ރާއްޖެއަށްވުރެ މަތިން ރޭންކް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، އަފްޣާނިސްތާނާއި، ދެކުނު ސޫދާން ފަދަ، ނާމާން ކަމަށް ބޮޑު ދެވަރުގައި ހުރި ގައުމުތައް ހިމެނެ އެވެ. 

ސުވާލަށް ޖަވާބު ހޯދަން ބަލާއިރު ނަމޫނާއަކަށް ނަގާ ސިންގަޕޫރަށް ދަމާ ހެއްުޔެވެ؟ ސައިބަ ސެކިއުރިޓީ އިންޑެކްސްގައި ސިންގަޕޫރު އޮތީ ހަވަނައިގަ އެވެ. އެ ގައުމުގައި، އާންމުކޮށް ފެންނާނެހެން ސައިބާ ސެކިއުރިޓީ ސްޓްރެޓެޖީއެއް ޝާއިއުކޮށްފައި އޮވެއެވެ. ކަމާ ގުޅޭ ގާނޫނެއް ފާސްކޮށް، އެ ގާނޫނުން ބާރު ދީގެން ސައިބާ ސެކިއުރިޓީ އޭޖެންސީގެ ނަމުގައި މުއައްސަސާއެއް ގާއިމުކޮށް ފަންކްޝަނަށް ލާފައި އޮވެއެވެ. އެ އޭޖެންސީގެ ޕޮލިސީ އެކުލަވާލުމުގައި ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ބައިވެރިވި ނަމަވެސް، ހިންގުމުގައި އެ ބާރުތަކުގެ އަތެއް ނުކޮށްޕަ އެވެ. އެތަން ހިންގަނީ މިނިވަން ބޯޑަކުންނެވެ.

ސިންގަޕޫރުގެ ރައްޔިތުންނަށާއި، ސަރުކާރަށް އަންނަ ސައިބާ ސެކިއުރިޓީ ހަމަލާތަކަށް އިޖާބަ ދިނުމަށް، އެމަޖެންސީ ރެސްޕޮންސް ޓީމެއް އެކުލަވާލާފައި ވެއެވެ. އަދި އެފަދަ ހަމަލާތަކަށް ދުރާލާ ތައްޔާރުވެ، ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކާއި، އާންމުންނަށް މައުލޫމާތު ހިއްސާކޮށް، ސަލާމަތް ވެވޭނެ މެކޭނިޒަމްތައް ގާއިމުކޮށްފައި ވެއެވެ.

ޝަރުއީ ދާއިރާގައި އެފަދަ މައްސަލަތައް ބަލާނެ ފަނޑިޔާރުންނާއި، ވަކީލުންނަށް ތަމްރީނުދީ، އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތް އަބަދާއަބަދު ކުރެވެއެވެ. މިއިން އެއްކަމަކީ ވެސް ރާއްޖޭގައި އަދި މިހާތަނަށް ފެންނަން ނެތް ކަންކަމެވެ.

ރާއްޖޭގެ ސައިބާ ސެކިއުރިޓީ ގާނޫނު ކޮބާ؟ - ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ސައިބާ ސެކިއުރިޓީ ގާނޫނެއް އެކުލަވާލެވި މަޖިލީހަށް ފޮނުވާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު ވިދާޅުވިތާ ދޮޅު އަހަރެއްހާ ދުވަސް ވަނީ އެވެ. އެ ގާނޫނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބަލަން "މި" ނޫހުން އެ މިނިސްޓްރީގެ އެކި އޮފިޝަލުންނަށް ގުޅައިގެން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ހަމަ ޔަގީނުން ވެސް މަޖިލީހުގެ މި ދައުރަށް އެ ބިލު ހުށަހަޅާފައެއް ނެތެވެ.

އެނގޭ ކަމަކީ، ސިންގަޕޫރުގައި އޮތް ފަދަ އޭޖެންސީއެއް ގާނޫނުން އުފައްދައި، ބާރު ދޭން ޖެހޭ ކަމެވެ. މަޖިލީހުގައި މިހާރު އޮތް އިސްލާހުތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދު ރައްޔިތުންގެ އިތުބާރާއެކު ހާސިލު ކުރަން ޖެހޭ ކަމެވެ. އާންމުވަމުން އަންނަ ސައިބާ ކްރައިމް ހުއްޓުވުމަށް ގާނޫނުން އުފުލައި ދަމާލާ އަތަކީ ބޭއިންސާފަށް އަމަލު ކުރުމަށް ހުއްދަ ދެވިގެންވާނެ އަތެއް ނޫނެވެ. އެހެން ނޫންނަމަ، މިހާރު ވެސް އެފަދަ ކުށްތަކުގެ ޝިކާރައަކަށް ވަމުންދާ ދިވެހިން އެ ވައްޓާލެވެނީ ވަރަށް ނިކަމެތި ހާލަތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.