ތޮއްޑޫން ވަނީ ބިން އަމިއްލަ ކުރަން ނަގާ އަގު ބޮޑު ކުރަން ނިންމާފަ އެވެ. މި ނިންމުމާއެކު ތޮއްޑޫ ބިންތަކުގެ އަގު މަތިވެ ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ އެވެ.
ރާއްޖޭގެ ދެވަނަ އަށް އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ހިންގާ އއ. ތޮއްޑޫ ބިމުގެ ޕްލޭން ފާސްކޮށް ރައްޔިތުންނާ ހިއްސާ ކުރިއިރު އެރަށަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަންތައް ތަކެއް ހިމަނައިިފި އެވެ.
"މި" ނޫހަށް ވާހަކަ ދައްކަވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި ރަށުގެ ލޭންޑް ޔޫސް ޕްލޭން - ބިން ޕްލޭން ހެދުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ ރަށުގެ އިގްތިސޯދީ ހާލަތު މިހާރަށްވުރެ މައްޗަށް ޖައްސާލައި ހިތް ފަސޭހަ ގުދުރަތީ ރީތި ރަށެއްގެ ގޮތުގައި ރަށް ބޭއްވުމެވެ.
"ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުންނަށް ގޯތި ދޭނެ ބައެއް ވެސް ހިމެނޭނެ. އެކަމަކު ބީޗު ސަރަހައްދުން ގޯތި ނުދޭން ނިންމީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ،" ކުރިން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވި ކަރަމް ވިދާޅުވި އެވެ.
ތޮއްޑޫ ބިން ޕްލޭންގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ރަށުގެ ބިމެއް ގަންނަ މީހަކު ބިން އަމިއްލަ ކުރަން ދައްކަން ޖެހޭ ފައިސާ އަކަފޫޅެއް 50ރ. ގައި އޮތް އޮތުން 200ރ. އަށް ބަދަލު ގެނައުމެވެ. މި ބަދަލާއެކު އެރަށުގެ ބިންތައް ގަންނަން އަމިއްލަ ކުރަން ކުރިން ދެއްކި ފައިސާގެ އަދަދު މަތިވެ ބިންތަކުން ރައްޔިތުންނަށް ލިބޭ މަންފާ ބޮޑު ވެގެންދާނެ އެވެ.
ކަރަމް ވިދާޅުވީ މީގެ އިތުރުން ރަށުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ވެސް މި ބިން ޕްލޭންއާއެކު ހަދާފައިވާނެ ކަމަށެވެ.
"ޕްލޭންގައިވާ ގޮތުން އިމާރާތް ކުރެވޭނެ އެންމެ އުސް މިނަކީ 60 ފޫޓު. އޭރުން ރަށުގެ ލޭބަލް ނުގެއްލޭނެހެން ދުރުން ފެންނައިރު ވެސް ރީތިކޮށް ރަށް ފެންނަން ހުންނާނެ،" ކަރަމް ވިދާޅުވި އެވެ.
ތޮއްޑޫ ކައުންސިލުން ވަނީ މި ހުރިހާ މަސައްކަތްތަކާއެކު ރަށުގައި ހިދުމަތް ދޭން ކުންފުންނެއް ވެސް ހަދާފަ އެވެ. ރާއްޖޭގައި ރަޖިސްޓްރީކުރި ލޯކަލް ގަވަމަންޓް ފުރަތަމަ ކުންފުނީގެ މަސައްކަތް ކުރުމަށް ރާވާފައިވަނީ ރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުނި ކަމަށްވާ އެޗްޑީސީގެ ޓެކްނިކަލް އެހީރެރިކަމާއެކުގަ އެވެ.
ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ ގެސްޓްހައުސް ހުންނަ ދަނޑުވެރި ރަށުގައި ގާއިމް ކުރާ ފެސިޓީސްތަކުން އެ ރަށަށް ދާ ޓޫރިސްޓުންގެ އަތުން ފީއެއް ނަގައިގެން ހިދުމަތް ދޭން އެ ރަށު ކައުންސިލުން މަސައްކަތް ކުރާނެ އެވެ. އެ ރަށުގެ ތާރީހީ ވާހަކަތައް ހިމެނޭ ގޮތަށް މިއުޒިމެއް ވެސް ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން ތޮއްޑޫ ކައުންސިލުން ވަނީ އެ ރަށުގެ މަގު ބަލަހައްޓަން ވެހިކަލް ވެސް ހޯދާފަ އެވެ. މި ވެހިލްތައް ވިޔަފާރީގެ ބޭނުމަށް ދޫކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ވެސް މި ކައުންސިލަށް ލިބޭނެ އެވެ.