ސްޕެޝަލް އެޑްވައިޒަރަށް ހަމަޖެއްސެވީ ކުރީގެ ނައިބު ރައީސް ޖިހާދެވެ. އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ މަޖިލީސް މެންބަރުން ކަމަށްވާ ރިޔާޒް ރަޝީދާއި ނިހާނާއި އިލްހާމާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީނ ކުރީގެ ސީޕީ ނަވާޒެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ އައްޔަން ކުރައްވައިފި އެވެ.
މިރޭ ނިމޭ، ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުގައި ޖޭޕީގެ ލީޑަރަށް ވަނީ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި ފަަސް ބޭފުޅަކު އައްޔަަން ކުރުމުގެ ބާރު ދީފަ އެވެ.
ގައުމީ ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވަނީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި ފަަސް ބޭފުޅަކު އައްޔަަން ކުރައްވާ އެކަމުގެ ލިޔުން ހަވާލު ކޮށް ދެއްވާފަ އެވެ. އެގޮތުން ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވާ ލިޔުން ހަވާލު ކުރައްވާފައި ވެއެވެ.
މީގެ އިތުރުން އެޑްވައިޒަރުންގެ ގޮތުގައި ފަސް ބޭފުޅަކު ވަނީ ހަމަޖައްސަވާފަ އެވެ.
މި ބޭފުޅުންގެ ތެރެއިން އިލްހާމާއި ރިޔާޒް އަދި ނިހާން ކުރީން ވެސް ތިއްބެވީ ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގަ އެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި މުޅީހެން ހަމަޖައްސަވާފައި ވަނީ ކުރީން ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. އިލްހާމާއި ރިޔާޒް އަދި ނިހާނަކީ ޕީޕީއެމްގެ އިސް މަގާމުތައް ފުރުއްވާ އެ ޕާޓީގައި ވަރަށް ދިގު މުއްދަތު މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
އަޒްލީނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ނަވާޒް ފުލުސް ހިންގެވީ ވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.
ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވި އަބްދުﷲ ޖިހާދު، ނާއިބު ރައީސްކަން ކުރެއްވީ ވެސް ރައީސް ޔާމީންގެ ދައުރުގަ އެވެ. އެ މަގާމަށް ވަޑައިގަތުމުގެ ކުރީން ހުންނެވީ ފިނޭންސް މިނިސްޓަރު ކަމުގަ އެވެ.
މި ބޭފުޅުން މަގާމަށް އައްުޔަން ކުރެއްވުމަށް ފަހު ގާސިމް ވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެ އިންތިހާބުގައި ވާދަކުރަން ގައުމީ ކޮންފަަރެންސް އިން ލަފާ ދީފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށައެޅުއްވި ގަރާރު ފާސް ކޮށްފައި ވަނީ ކޮންފަރެންސްގެ ބައިވެރީންގެ އިއްތިފާގުންނެވެ.
ގަރާރު ފާސް ކުރުމުން ގާސިމް ވަނީ އެ ގަރާރު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެ ގަރާރު ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ގާސިމްގެ އެ އިޝާރާތަކީ ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމުގެ އިޝާރާތަކަށް ފުދެއެވެ. ޖޭޕީގެ ކޮންގްރެސްގައި މިފަދަ ގަރާރެއް ފާސްކޮށްފައި މިވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާ އެމްޑީޕީން އުފައްދާ ކޯލިޝަންގައި ބައިވެރިވާން އެ ޕާޓީއަށް ދައުވަތު ދީފައި ވަނިކޮށެވެ.