ކަރުނަޔާއެކު ގާސިމް ކިޔައިދެއްވީ ނަޝީދާއެކު ޑިމޮކްރަސީއަށް ކުރި ދަތުރު

ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަދެއްކެވި އިރު ރައީސް ނަޝީދުވެސް ވަނީ ދާދި ފަހުން ގާސިމަށް ތާރީފުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމް ވާހަކަދައްކަވަނީ

ސިޔާސީ މަސައްކަތުގައި ދިމާވި އަނިޔާތައް ހަނދާން އާ ކުރައްވައި، އެ މަސައްކަތުގައި ވެދެއްވި އެހީތެރިކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޝުކުރުއަދާ ކުރައްވައިފިއެވެ.  

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާސިމްގެ ވާހަކަފުޅު ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، 2018ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުވުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ގޮތުގެ ވާހަކައިންނެވެ.

"އެ ދުވަސްވަރު ތަފާތު އެކި ބާވަތްތަކުގެ، ހުކުމްތަކާ ބޮޑެތި އަދަބުތައް ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަހަތުން ދިޔައީ ފުމެ ނަގަމުން" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝީދުއާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ޚުދު ގާސިމަކީ ވެސް "އޭގެ ވިކްޓިމުން" ކަމަށެވެ.

އެގޮތުން އޭނާ ވެސް ހުންނަވަން ޖެހުނީ ސިޔާސީ މައްސަލައެއްގައި ދޫނިދޫގައި ހައްޔަރުކުރުމުން، ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްވި ހުކުމެއްގެ ދަށުން ހައްޔަރުގައި ކަމަށެވެ. އަދި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން އުޅުއްވަން ޖެހިވަޑައިގަތީ ސިންގަޕޫރާއި، ޖަރުމަނުގައި ކަމަށެވެ.

އަދި ވަކި މުއްދަތަކަށް ފަހު، ޕާސްޕޯޓު ހިފެހެއްޓިކަމަށާއި ކަމަށާއި، ބަލިހާލަތު ހުރި ގޮތުން ދަތުރުނުކުރެވޭނެ ކަމަށް ހުރި ލިޔުންތައް ހުށަހެޅުމުން ވެސް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ސިންގަޕޫރު ރައްޔިތުންގެ ހުރި ހަރުދަނާ އުސޫލުތަކާ ގަވާއިދުތަކުގެ ތެރެއިން އަދި މަނިކުފާނުގެ [ރައީސް ނަޝީދުގެ] އެހީތެރިކަމާ އެއްބާރުލުމާ އެކީގައި، މާތް ﷲގެ ވާގިފުޅުން އަޅުގަނޑު ހުރީ ސިންގަޕޫރުގައި އެއްވެސް ކަހަލަ ލިޔެ ކިޔުމެއް ނެތި" އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން ޖަރުމަނަށް ވަޑައިގެން، އެތަނުގައި ހުންނެވުމަށް ރައީސް ނަޝީދު ވެދެއްވި އެހީތެރިކަމަށް ވެސް ގާސިމް ޝުކުރުއަދާކުރެއްވިއެވެ. އަދި، 2008ގައި އާ ގާނޫނު އަސާސީ އެކުލަވާލުމާ ހަމައަށް ކުރެއްވި މަސައްކަތުގައި ނަޝީދާއެކު ހޭދަކުރެއްވި ދުވަސްތައް ވެސް ގާސިމް ހަނދާން އާ ކުރެއްވިއެވެ.

"އޭރު އެއީ ރައީސް ނަޝީދެއް ނޫން. އެއީ ކެނެރީގޭ މުހައްމަދު ނަޝީދު. އަޅުގަނޑު މިއީ ބުރުމާ ގާސިމް" އެ ވާހަކަ ފައްޓަވަމުން ގާސިމް ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތް މިކަމުގައި ކޮށް، ވަރަށް ބޮޑެތި އަނިޔާއާ ވޭން، ވަރަށް ބޮޑެތި ނިކަމެތިކަމާއި، އިހްސާސްތައް އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް. މިވާހަކަދައްކާއިރު އަޅުގަނޑުގެ ލޮލުން ކަރުނަ ފޭދިގެން ދިޔަޔަސް އެއްޗެކޭ ހީނުކުރައްވާތި" ފެންކަޅިވެ ހުންނަވައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެފަދަ ކަމަކާ ހުރެ އެއްވެސް ބޭފުޅަކަށް ހިތްބުރަ ކަމެއް ނެތް ކަމަށާއި، ނަމަވެސް ތާރީހަށްޓަކައި ވެސް އެ ވާހަކަތައް ދެއްކުމަކީ މުހިއްމު ކަމެއްކަމަށް ދެކިވަޑައި ގަންނަވާކަމަށެވެ. އަދި، 2008ވަނަ އަހަރު އާ ގާނޫނު އަސާސީ ހެދުމުގެ މަސައްކަތް ފަހިކޮށްދެއްވި ކަމަށްޓަކައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.

ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަދެއްކެވި އިރު ރައީސް ނަޝީދުވެސް ވަނީ ދާދި ފަހުން ގާސިމަށް ތާރީފުކުރައްވާފައެވެ. އަދި މިއަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަކީ ގާސިމަށް އޮތް އެންމެ ރަނގަޅުގޮތް ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަދައްކަވާފައިވެއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަނުން ވެސް އަންނަނީ ގާސިމުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.