ކޮންގްރެސްއަށް ހުށައެޅި ގަރާރުގައި އޮތީ ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ވާދަކުރުމާމެދު ގޮތް ނިންމުމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަކުރާނެ ކަމުގެ އިޝާރާތެއް އެ ޕާޓީ އިސް ބޭފުޅުން މިއަދު ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ އެޕާޓީގެ ގައުމީ ކޮންގްރެސްގައި އެއްވެސް ވަރަކަށް ސަރުކާރާ އެކީ ކޯލިޝަން ހަދަން މަޝްވަރާ ނުކުރާނެ ކަމަށެވެ.
ހުކުރު، ހޮނިހިރު ދެ ދުވަހު އޮންނަ ޖޭޕީގެ ކޮންގްރެސްއަށް ރިޔާސީ އިންތިހާބާމެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމަން ގަރާރެއް ވަނީ ހުށައަޅާފަ އެވެ. އެ ގަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދެވެ.
އިލްހާމް ވިދާޅުވީ އެ ގަރާރުގައި އޮތީ ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށެވެ.
ގަރާރަށް ބަހުސްކުރުން އެޖެންޑާ ކޮށްފައިވާ ވަގުތު ރިޔާސަތުގައި އިންނަވާނީ ގާސިމެވެ. އިލްހާމް ވިދާޅުވީ ބަހުސަށްފަހު ވޯޓަށް އެހުން ވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން ކޮންގްރެސްގައި ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ނަތީޖާ ނިކުންނާނީ އެ ޕާޓީ އިން އިންތިހާބުގައި ވާދަކުރާ ގޮތަށެވެ.
އެހެން އެކަން އޮތް ނަމަވެސް، އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރުމާއި ނުކުރުން ނިންމާނީ ޕާޓީގެ ލީޑަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނިންމުމަށް ޕާޓީގެ ލީޑާޝިޕުން އިހުތިރާމް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައުލޫގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރާ ކޯލިޝަން ހެދިޔަސް ޕާޓީގެ މެމްބަރުންނަށް ސަރުކާރު ތެރެއިން ކުރިއެރުން ނުލިބޭ ކަމަށެވެ. ވަކި ވަރަކަށް ޕާޓީތަކަށް ސަރުކާރުގެ ސްލޮޓްތައް ދޭން ބުނި ނަމަވެސް، ކޯލިޝަންގައި ހިމެނޭ ކުދި ޕާޓީތަކަށްވުރެ ވެސް ޖުމްހޫރީ ޕާޓީއާ އަޅާލުން ކުޑަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"... އަޅުގަނޑުމެން ޖޭޕީގެ ނުތިބޭނެ [ސަރުކާރުގަ] ތިބުނާހާ ގިނަ މަގާމުތަކެއްގައި. އަތުން ގުނާލާ ވަރަށް ތިބޭނީ. އަޅުގަނޑުމެންނަކީ ހަޅޭއްލަވަމުން ދުވާ ބަޔަކަށް ނުވާތީ އެކަން ނޭންގެނީ. މިހާރު ވެސް ކޯލިޝަންގެ ވަރަށް ކުޑަ ޕާޓީއަކަށްވުރެ އަޅުގަނޑުމެންގެ މެމްބަރުން މަދުވާނެ،" އިލްހާމް ވިދާޅުވި އެވެ.
އެހެން ވިދާޅުވިޔަސް އަދިވެސް ތިބީ ކޯލިޝަންގެ ޕާޓުނަރުންގެ ގޮތުގައި ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.
މިއަދުގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ގާސިމްގެ އެއް އެޑްވައިޒަރު / ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވެސް ވާހަކަފުޅު ދެއްްކެވީ އެފަދަ މޭރުމަކުންނެވެ. ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި ގާސިމްއަށް ވާދަނުކުރެއްވުނީ ބަންދެއްގައި ހުންނެވުމުން ކަމަށެވެ. އެހެން ހުރިހާ އިންތިހާބެއްގައި ޕާޓީ އިސްވެ އޮވެ ނިކުމެ ވާދަކޮށްފައިވާ ކަމަށާ އަދި 2013 ވަނަ އަހަރު ނާކާމިޔާބުވީ ވަރަށް ކުޑަ ވޯޓްކޮޅެއްގެ ތަފާތުން ކަމަށެވެ.
"މިދިޔަ ރިޔާސީ އިންތިހާބު ފިޔަވާ ހުރިހާ އިންތިހާބެއްގައި މި ޕާޓީވެ އިސްވެ އޮވެ ނުކުތީ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގަ ކަންކަން ދިމާވި ގޮތުން އެފުރުސަތު ޕާޓީގެ ލީޑަރަށް ލިބިވަޑައިނުގެންނެވި. އޭރު ހުންނެވީ ރާއްޖެއިން ބޭރުގަ ބަންދެއްގަ ހުންނެވީ. އެހެންވީމަ އެ ފުރުސަތު ނުލިބުނީ. އެހެންވީމަ އަބަދުވެސް އިސްވެ ވާދަކުރާ ޕާޓީއެއްގެ ގޮތުގަ އާ ގާނޫނު އަސާސީ ވުޖޫރުވީއްސުރެ ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކުރަމުން މިއަންނަނީ 2018 ފިޔަވައި،" ރިޔާސް ވިދާޅުވި އެވެ.
ޖޭޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ނީ އެ ޕާޓީ އިން ވާދަކޮށް ކާމިޔާބުކުރުމަކީ ޕާޓީގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. ޕާޓީ އޮތީ ވެރިކަމަށް އާދެވިއްޖެނަމަ ގައުމަށް ހިދުމަތް ކުރުމަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަހަރުގެ ރިޔާސީ އިންތިހާބުގައި މި ޕާޓީ އިން ތަފާތު ރޯލެއް ކުޅޭތަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެންނާނެ،" އަޒްލީން ވިދާޅުވި އެވެ.