ސައިބާކުށާ ގުޅުން ހުރި ތިން އިސްލާހެއް މަޖިލީހަށް ވައްދައިފި

އޭގެތެރޭގައި، ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސް ވުމާއި، އިންޓެފެއާ ކުރުން އަދި ޑޭޓާ އިންސްޓަސެޕްޓް ކުރުން ހިމެނެ އެވެ.

ރައްޔިތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު -- މަޖިލިސް

ސައިބާ ކުށް އެއީ ކުށުގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށް ސާބިތު ކުރުމަށް ހެކި ހޯދަން ފަހިކުރުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅީ، ގާނޫނުލް އުގޫބާތާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދުމުގެ ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ސްޕޮންސާ ކުރެއްވި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގައި ސައިބާކުށުގެ ގޮތުގައި ކަނޑައަޅާ ކަންކަން ވަނީ ބަޔާން ކޮށްފަ އެވެ. އޭގެތެރޭގައި، ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސް ވުމާއި، އިންޓެފެއާ ކުރުން އަދި ޑޭޓާ އިންސްޓަސެޕްޓް ކުރުން ހިމެނެ އެވެ. މީހގެ އިތުރުން، މަކާރާއި އޮޅުވާލުން، އަދި ފޯޖަރީއާއި، ކޮޕީރައިޓްގެ ހައްގަށް އަރައިގަތުން ވެސް ކުށް ކަމުގައި ކަނޑައަޅާފައި ވެއެވެ.

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި، އެފަދަ މައްސަލަތަކުގެ ތަހުގީގުގަ އާއި ދައުވާ ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ވަނީ ކަނޑައަޅާފަ އެވެ. 

އެގޮތުން ޒާތީ މުއާމަލާތްތައް ހޯދުމަށް މިހާރު އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ރައްކާ ކޮށްފައިވާ ޑޭޓާ ބަލައި ފާސް ކުރުމާއި ހިފެހެއްޓުން، އަދި ވަގުތުން ޑޭޓާ ހޯދުމަށް އަމުރު ހޯދުންފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް އޭގައި ހިމެނެއެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސްޕޮންސާ ކުރެއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމެވެ. އިލެކްޓްރޯނިކް ހެކި ހޯދުމާއި، އެފަދަ މައްސަލަތަކާ ގުޅޭ އެހެން ކަންކަމުގައި ބޭރު ގައުމުތަކުގެ އެހީ ހޯދުމާ ގުޅޭ އުސޫލުތައް ވަނީ ހިމަނާފަ އެވެ. އެގޮތުން އެފަދަ މައްސަލަތަކާ ގުޅޭ އެހީ ހޯދުމަށް 24 ގަޑިއިރު މަސައްކަތްކުރާ ނެޓްވޯކެއް ގާއިމު ކުރުމާ ގުޅޭ އުސޫލުތައް އެ ބިލުގައި ބަޔާންވެފައި ވެއެވެ.

މި އިސްލާހުތައް މަޖިލީހަށް ތައާރަފު ކޮށްފައިވާއިރު، ސައިބާ ސްޕޭސްގައި ކުށްކުރުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، ބްލެކްމެއިލިން ފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.