ރައީސް ޔާމީން ލޯނު ނެގީ 7 ޕަސެންޓުގައި، މި ސަރުކާރުން ނެގީ 10 ޕަސެންޓް: އިލްޔާސް

ލޯނުތައް ނަގަމުން ދާއިރު، ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން އެކި ނަންނަމުގައި މިހާތަނަށް 38 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު -- މަޖިލީސް

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ސަނީ ސައިޑް ބޮންޑު ނެގީ ހަތް ޕަސެންޓުގައި ކަމަށާ ނަމަވެސް އެމްޑީޕީ ސަރުކާރުން ސްކޫކް ނެގީ 10 ޕަސެންޓްގައި ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ. 

ދަރަނި ރީޕްރޮފައިލް ކުރުން / ރީސްޓްރަކްޗާ ކުރަން މަޖިލީހުގެ ނައިބު ރައީސް އީވާ އާބްދުﷲ މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގައި އެންމެ ނަގާކިޔާ އެއް މެންބަރު އަދި އެސްއޯއީ ކޮމެޓީގެ މުގައްރިރު  އިލިޔާސް ލަބީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑެއް ބޭރުން ނެގުމުން އެމްޑީޕީން މުޅި މާލެ އާއި ރާއްޖޭގައި މުޒާހަރާ ކުރި ކަމަށެވެ. 

"އަޅުގަނޑުމެން މެނިފެސްޓޯގައި ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ޖެހީ އެހެންވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންފައި 2021 ވަނަ އަހަރު 200 މިލިއަން ޑޮލަރު ނެގީ 10 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި. ކީއްވެގެން ތޯ ދިވެހި ދައުލަތުގެ ނަމުގައި ސްކޫކެއް ވިއްކަން ދިޔައީ ލިބެނީ؟ ދިމާވާ ސަބަބަކީ ރާއްޖޭގައި ލިބޭ އާމްދަނީ 30 ބިލިއަނަށް ނާރާ. ދަރަނި 100 ބިލިއަނުގަ. އެހެންވެ ފިޗް ރޭޓިން އާއި ހުރިހާ އެއްޗެއްގެ ރޭޓިން ރާއްޖޭގެ ވެއްޓެނީ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ގެއެއްގެ ވެސް / ވިޔަފާރިއެއްގައި ވެސް ދަރަނި މައްޗަށް ދާނަމަ އެތަނެއްގައި ތިބޭ މީހުންގެ ބޮލުގައި ރިިއްސާނެ ކަމަށެވެ. 

"ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށްދާ ދިއުން މިއީ ކަންބޮޑުވުމެއް. މި ދައުލަތަށް 2023 [މި އަހަރު] ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 29 ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ ދަރަނި 113 ބިލިއަން ރުފިޔާގައި. މިވަރުން ކިހިނެއްތޯ ދައުލަތް ހިންގަނީ ވިސްނަން ޖެހޭ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ދަރަނީގެ ބޮޑު ނަމްބަރެއް އޮތްއިރު ސަރުކާރުން އެކި ނަންނަމުގައި ޕްރައިވެޓް ސެކްޓަރުން ވިޔަފާރި ކުރަން ގެންގުޅޭ ފައިސާކޮޅު ވެސް ނަގަމުންދާ ކަމަށެވެ. 

"މި 113 ބިލިއަން ރުފިޔާގެ ތެރޭން ރާއްޖޭން ޕެންޝަން ފަންޑުން، ރާއްޖޭގެ މާކެޓުން ނަގާފައި ހުރި ކިތައް ބިލިއަން ރުފިޔާތޯ؟ ރާއްޖޭގައި ހުރި ފައިސާ އިން އެކި ނަންނަމުގައި ދައުލަތް ހިންގުމަށްޓަކައި ޓީ-ބިލާއި ބޮންޑާ ލޯނު އެކި ނަންނަމުގައި ނަގާފަ ހުރީ. މީގެ މާނައަކީ ބޭންކް އޮފް މޯލްޑިވްސް ނޫނީ އެސްބީއައިގައި ހުރި ފައިސާ ނެގީމާ ބޭންކުން ވިޔަފާރިވެރި ކުރިއަރުވަން ހުރި ފައިސާއެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ. 

އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި ސިންގަޕޫރު ކުރިއަރައިގެން ދިޔައީ ގައުމުގައި އަމިއްލަ ވިޔަފާރިވެރިން ވިޔަފާރި ކުރަން ހުރި ފައިސާކޮޅު ސަރުކާރުން ނަގައިނެއް ނޫނެވެ. އޭގެ ބަދަލުގައި ސިންގަޕޫރުން ކުރިކަމަކީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވީ އެވެ. 

"ހެސްކިޔާފަ ފައިސާ ޗާޕުކޮށްފައި އެ ބަހައިގެނެއް ނޫން ކުރިއަރައިގެން ދާނީ. އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މިކަން ހައްލު ކުރަން މަސައްކަތް ކުރާށޭ މި ބުނަނީ،" އިލްޔާސް ވިދާޅުވި އެވެ. 

އިލްޔާސް ލަބީބުގެ ވާހަކަ ކުރުކޮށް

  •  ރައީސް ޔާމީން ބޮޑު ވިއްކީ 7 ޕަސެންޓުގައި
  •  މި ސަރުކާރުން ސްކޫކް ވިއްކީ 10 ޕަސެންޓުގައި
  •  ރާއްޖޭގެ އާމްދަނީ 29 ބިލިއަން
  •  ޖުމްލަ ދަރަނި 113 ބިލިއަން

ދަރަނި ދައްކަން ވާހަކަ ދެއްކުމެއް ނުގެންގުޅޭ

ރާއްޖޭގެ ދަރަނި މަތިވި ނަމަވެސް ދަރަނި ދޫކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެން ދަރަންޏަށް ލުއި ގޮތްތަކެއް ހޯދުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ. ރައްޔިތުން މަޖިލީހުގައި ޖަވާބު ދެއްވަމުން ފިނޭންސް އަމީރު ވިދާޅުވީ ރާއްޖެއަކީ އެއްވެސް ޒަމާނެއްގައި ދަރަނި މެނޭޖު ނުކުރެވިގެން ޑީފޯލްޓް -- ދަރަނި ނުދެއްކޭ ހާލަތަކަށް -- ގޮސްފައި ނެތް ކަމަށެވެ.

"ރާއްޖެއަކީ ޒަމާނުއްސުރެން ބަރާބަރަށް ދަރަނި ދައްކަމުން އަންނަ ގައުމެއް. ރާއްޖެއަށް ދަރަނި ނުދެއްކޭނެ ހާލަތެއް އަންނާނެ ކަމަށް ނުބެލެވޭ. އެހެންވެ ދަރަންޏަށް ލުއިގޮތްތަކެއް ހޯދަން އެ ފަރާތްތަކާ ވިސްނުމެއް އަދި ނުގެންގުޅެން،" އަމީރު ވިދާޅުވި އެވެ.

މިހާރުގެ ފިނޭންސް މިނިސްޓަރު ރާއްޖޭގެ ދަރަނި ނުދެއްކޭ ހާލަތަށް ނުދާނެ ކަމަށް ވިދާޅުވިނަމަވެސް ވެރިކަމަށް އައުމުގެ ކުރީގައި ހާއްސަކޮށް އެމްޑީޕީގެ ގިނަ އިސްވެރިން ވަނީ ރާއްޖޭގެ ދަރަނީގެ މައްސަލަ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ޗައިނާ އިން ލޯނު ނަގައިގެން މަޝްރޫއު ހިންގުމަކީ ދަރަނީގެ މަޅިއެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޗައިނާގެ ލޯނަކީ ދަރަނީގެ މަޅިއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަންނަ އަހަރު ދަރަނި އަދާކުރަން ބަޖެޓުން ޖުމްލަ 205 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓަށް އެކަނި 94 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފަ އެވެ.

ދަރަނި ދައްކާ ގޮތް 2018 އިން 2023

  •  2018 : ޕްރިންސިޕް ޕޭމަންޓް 70 މިލިއަން ޑޮލަރު / އިންޓްރެސްޓް 34 މިލިއަން ޑޮލަރު
  •  2019 : ޕްރިންސިޕް ޕޭމަންޓް 61 މިލިއަން ޑޮލަރު / އިންޓްރެސްޓް 40 މިލިއަން ޑޮލަރު
  •  2020 : ޕްރިންސިޕް ޕޭމަންޓް 52 މިލިއަން ޑޮލަރު / އިންޓްރެސްޓް 35 މިލިއަން ޑޮލަރު
  •  2021 : ޕްރިންސިޕް ޕޭމަންޓް 247 މިލިއަން ޑޮލަރު / އިންޓްރެސްޓް 38 މިލިއަން ޑޮލަރު
  •  2022 : ޕްރިންސިޕް ޕޭމަންޓް 131 މިލިއަން ޑޮލަރު / އިންޓްރެސްޓް 50 މިލިއަން ޑޮލަރު
  •  2023 : ޕްރިންސިޕް ޕޭމަންޓް 111 މިލިއަން ޑޮލަރު / އިންޓްރެސްޓް 94 މިލިއަން ޑޮލަރު
  •  2024 : ޕްރިންސިޕް ޕޭމަންޓް 117 މިލިއަން ޑޮލަރު / އިންޓްރެސްޓް 94 މިލިއަން ޑޮލަރު
  •  2025 : ޕްރިންސިޕް ޕޭމަންޓް 225 މިލިއަން ޑޮލަރު / އިންޓްރެސްޓް 90 މިލިއަން ޑޮލަރު

ލޯނުތައް ނަގަމުން ދާއިރު، ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން އެކި ނަންނަމުގައި މިހާތަނަށް 38 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ދަރަނީގެ އެންމެ ބޮޑު ގޮންޖެހުމެއް ދެން އަންނާނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. އެ އަހަރު ދަރަނި ދައްކަން ކުރަން ޖެހޭ ހޭދަ 350 މިލިއަން ޑޮލަރު (ގާތްނޑަކަށް 5.4 ބިލިއަން ރުފިޔާ) އަށް އަރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.