ފްލޯޓިން ގެތައް ފެނިއްޖެ ؛ އެތާ އުޅެން ދިވެހިން ހިނގައިދާނެތަ؟

ފެންނަ ފެނުމަށް ފްލޯޓިން ސިޓީގައި ދިރިއުޅުން ވާނީ، ކަނޑު ބޯޓެއްގައި އުޅުން ފަދަ ކަމަކަށެވެ. އެއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ. އެކަމަކު، އާއިލާއެއް ބިނާކޮށް، ވަޒަންވެރި ވެގެން އުޅުމަށް ދިވެހިންނަށް މިގޮތް ކަމުދޭތޯ އެއީ ސުވާލެކެވެ.

ފްލޯޓިން ސިޓީގައި އަޅާ ގެތައް ބާޖުމަތީގައި -- ބައިސަން

ދިވެހިންނަށް މިއީ އާ ކަމަކަށް ވެދާނެ އެވެ؛ އެކަމަކު ނެދަލޭންޑްސް މީހުން މިކަން ކުރާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ. މިއީ ފްލޯޓިން ސިޓީ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކުރި ދުވަހު، ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމަށް ނޫސްވެރިން ކުރިމަތި ކުރި ގިނަ ސުވާލުތަަކަށް ދެއްވަމުން ދިޔަ ޖަވާބެކެވެ. 

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑަޗް ޑޮކްލޭންޑްސްގެ ބޭފުޅުން ވެސް ދެއްވަމުން ދިޔަ ޔަގީން ކަމަކީ މަޝްރޫއު ނިމޭއިރު ހުރިހާ ކަމެއް ފުރިހަމަވެފައި ހުންނާނެ އެވެ. 

އޭގެ އެއް ދުވަސްކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ހިނގި ޒުވާބެއް ލީކުވެ، އާންމުންގެ ތެރޭގައި އެ މަޝްރޫއުގެ ވާހަކަ ދިޔައީ ވަރަށް ގަދަޔަށް ދެކެވެމުންނެވެ. އެއީ ސްކޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވި ވާހަކަ އޮތީ ނޫސްތަކުގެ ފަލަ ސުރުހީގައެވެ. އެންމެ ފަހުން، މަޝްރޫއުގެ އާ އެއްބަސްވުން އެކުލަވާލީ، ރަސްމީ ގަޑި ނިމި، ދެ ނަމާދު ދޭތެރޭ ބޭއްވި ޖަލްސާއެއްގަ އެވެ.

އެ ދުވަހު އޯގަސްޓު މަހުގައި ފެންނާނެ ކަމަށް އެކުންފުނިން ބުނި ގެތައް މިހާރު މިވަނީ ފެންނަން ފަށާފަ އެވެ. ނަމަވެސް އެގެ ތަކުގައި ދިރިއުޅުމާމެދު އުފެދޭ ގިނަ ސުވާލުތައް އަދިވެސް ހުރީ ހުރި ގޮތަށެވެ. މިހާރު ފެންނަމުންދާ މަންޒަރާމެދު އުފެދޭ އަނެއް ސުވާލަކީ އެ ތަންތަނަކީ ދިވެހިން އުޅޭ ހިތްވާ ފަދަ ތަނަކަށް ވާނެ ހެއްޔެވެ؟ 

މިހާރު ފެންނަ މަންޒަރު - ދަގަނޑު ބަނޑެއްގެ މަތީގައި އަޅާފައި ހުރި ގެތައް ކަފުޖަހައިގެން ގެންގޮސް ހުޅުމާލޭ ފަޅުތެރޭ ވަނީ އަޅާފަ އެވެ. ގެތައް ހަދާފައި ހުރީ އާއްމުކޮށް ރިސޯޓު ހަދަން ބޭނުންކުރާ މެޓީރިއަލްއިންނެވެ. އެ ގެތަކުގައި ސޯލާ ޕެނަލް ވަނީ ހަރު ކޮށްފަ އެވެ.
އުފެދޭ ސުވާލުތައް - ތަނބެއް ނެތި، ވާ އަޅައިގެން މި ބްލޮކް ފަޅުތެރޭ ހަރުލައްވާނަމަ ދިޔަވަރަށް އަންނަ ބަދަލަށް ގެތައް ހަރަކާތް ކުރާނެ އެވެ. މީގެ އިތުރުން ފަޅުތެރޭ އުފެދޭ ބާންޏާއި، އޮއެވަރުތަކުގެ ސަބަބުން ވެސް ގެތަކަށް ލޮޅުން އަންނާނެ އެވެ. މިފަދަ ލޮޅުންތަކެއް އަންނަ ހަމަ ނުޖެހޭ ތަނެއްގައި އުޅުން ފަސޭހައެއް ނުވާނެ އެވެ. ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަދުނާން ހަލީމު މި ގެތަކާމެދު މި ވަގުތު އުފައްދާ އެންމެ ބޮޑު ސުވާލަކީ މީއެވެ.
ފްލޯޓިން ސިޓީ ނިމުނީމަ އޮންނާނެ ގޮތުގެ ކުރެހުމެއް؛ މި ކުރެހުން ހަދާފައިވަނީ މާލެ އަތޮޅު އޮތް އެންމެ ބޮޑު ފަޅަށް ބިނާކޮށް -- ފްލޯޓިން ސިޓީ

އެޓޯލް ޔޫކޭ، އާކިޓެކްޗާ ފާމްގެ ވެރިޔާ އިއަން ބޭންކްސް އުފައްދާ ސުވާލަކީ މޮކްއަޕް ބްލޮކުގައި ޖަހާފައި ހުރި ރުއްތައް މަރުނުވެ ސަލާމަތްވާނެތޯ އެވެ. އަދި މި ފަދަ ގެތަކެއް އަގުހެޔޮ ވެފައި، ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް ބޭނުން ކުރެވިދާނެތޯ ވެސް އޭނާ ސުވާލު ކުރައްވަ އެވެ.

ސިޓީއެއްގައި ނަމަ، ގެތަކެއްގެ އިތުރުން، އެތައް ވަސީލަތްތަކެއް ގާއިމުވެފައި ހުންނަންޖެހެ އެވެ. ފެނާއި ނަރުދަމާ، ސިއްހީ ހިދުމަތްތައް، ސްކޫލްތައް، އިދާރީ އޮފީސް ތައް މި ހުރިހާ ކަންކަމަކީ ވެސް 5000 ގޭބީސީގެ މީހުން ދިިރިއުޅުމަށް ތައްޔާރު ކުރާ ސިޓީއެއްގައި ހުންނަންޖެހޭ ކަންކަމެވެ.

ބައެއް ޖަވާބު - މިފަދަ ބައެއް ސުވާލުތަކުގެ ޖަވާބުތައް ހޯދުމަށް، ނެދަލޭންޑްސްގެ ފްލޯޓިން ގެތައް ބިނާ ކޮށްފައިވާ ގޮތާބެހޭ ފޮތެއް ބެލި އިރު އެއީ ކުރިން މި ފްލޯޓިން ސިޓީއާ ބެހޭ ބައްދަލުވުމުގައި ޑަޗް ޑޮކްލޭންޑްސްގެ އޮފިޝަލުން ނޫސްވެރިންނަށް ދެއްވި ފޮތެކެވެ. "ފްލޯޓް!" ގެ ނަމުގައި އޮތް އެ ފޮތް ލިޔުއްވި ކަމަށް އޮތީ ކޮއެން އޮލްތަސް އާއި، ޑޭވިޑް ކެއުނިން އެވެ.

އެ ފޮތުގައި ވާގޮތުން ފްލޯޓިން ބިނާތަކުގެ ފައުންޑޭޝަން ހެދުމަށް ދަގަނޑާއި، ފުޅިމަދު އަދި، ކޮންކްރީޓު މިހާރު ބޭނުން ކުރަމުން ދެއެވެ. އަދި ވައި ބަންދުކޮށް، ހަމައެކަނި ކޮންކްރީޓު ބޭނުން ކޮށްގެން ފައުންޑޭޝަނެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މިފަދަ ސިޓީތަކުގެ ފައުންޑޭޝަން ވާން ޖެހޭނީ ފްލެކްސިބަލް އެއްޗަކަށެވެ. ބޮޑެތި އިމާރާތްތަކެއް ނުހަދާނަމަ، ފައުންޑޭޝަން އެހެން އޮތުމަކީ މައްސަލައެއް ނޫނެވެ.

މީގެ އިތުރުން ދިޔަވަރަށް އަންނަ ބަދަލަށް ހަމަޖެއްސުމަށް، ދިޔަ ބޮޑުވާ ވަގުތު އެއްބައި އަޑީގައި އޮންނަ ގޮތަށް ފަރުމާ ކޮށްފައިވާ މަގުތަކުގެ ކުރެހުންތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ. މިއީ އެ މަޝްރޫއާ ބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބުތަކަކަށް ވެދާނެ ކަންކަމެވެ. މި ސުވާލުތަކަށް އެންމެ ފުރިހަމަ ޖަވާބެއް ލިބޭނީ މޮކްއަޕް ތަޖުރިބާ ކޮށްލައި، ކައިރިން ބަލައިލަން ލިބުމުންނެވެ.

މިހާތަނަށް ފެންނަ ފެނުމަށް ފްލޯޓިން ސިޓީގައި ދިރިއުޅުން ވާނީ، ކަނޑު ބޯޓެއްގައި އުޅުން ފަދަ ކަމަކަށެވެ. އެއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ. އެކަމަކު، އާއިލާއެއް ބިނާކޮށް، ވަޒަންވެރި ވެގެން އުޅުމަށް ދިވެހިންނަށް މިގޮތް ކަމުދޭތޯ އެއީ އޮތް ބޮޑު ސުވާލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.