މި މަޝްރޫއުގެ ދަށުން ފަސް ފަޅެއް ދީފައިވެ އެވެ. މި މަޝްރޫއުގެ ދަށުން 5،000 ގެ އަޅަން ނިންމާފައިވެ އެވެ. މަޝްރޫއު ހިންގަން ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް ރަޖިސްޓްރީ ކުރި 2010 ވަނަ އަހަރު އެވެ.
ގެތައް ހަދާފައި ހުރީ އާއްމުކޮށް ރިސޯޓު ހަދަން ބޭނުންކުރާ މެޓީރިއަލްއިންނެވެ. އެކި ކުލަކުލައިގެ މި ގެތައް ބަހައްޓާފައި ހުރީ ދަގަނޑުން ބަނދެފައިވާ ބާޖެއްގެ / ބަނޑެއް މަތީގަ އެވެ؛ ފޮޓޯއިން ތިޔަ ފެންނަނީ މާލެ އަތޮޅު ފަސް ފަޅަކާ ގުޅިފައިވާ ބިޔަ މަޝްރޫއު ފްލޯޓިން ސިޓީގެ ގެތައް ދައްކާލަން ފަޅުތެރޭގައި ބަހައްޓާފައި ހުރި ތަނެކެވެ.
ފްލޯޓިން ސިޓީ މަޝްރޫއު ފެށިގެން އައިސްފައިވަނީ ހޮލެންޑުގެ، ޑަޗް ޑޮކްލޭންޑްސް ކިޔާ ކުންފުންޏަކަށް ދީގެން ޖެނުއަރީ 27، 2011 ގައި ގަ އެވެ. ބިލިއަން ޑޮލަރުގެ މި މަޝްރޫއު ފަހުން ފްލޯޓިން އައިލެންޑުގެ ގޮތުގައި މީހުން ދިރިއުޅޭ 5،000 ގެ އަޅަން ކުރިއަށް ގެންދާ މަޝްރޫއަކަށް ބަދަލު ކުރީ 2020 ގަ އެވެ. މި ގެތައް އަޅަން ހަވާލު ކުރީ ރާއްޖޭގެ ބައިސަން ކުންފުނިންނެވެ. މި ކުންފުނިން ހަދާފައިވާ ފްލޯޓިން ގެތައް މިހާރު ވަނީ އެ ދައްކާލަން ތައްޔާރު ކޮށްފަ އެވެ.
މި ފަޅުތަކުގެ ތެރޭން "ލެގޫން 17" ދޭން އެއްބަސްވުން ހެދީ ޖަނަވަރީ 27، 2011 ގަ އެވެ. ނަމަވެސް މި ފަޅު ވަނީ އޮގަސްޓް 9، 2016 ގައި އެކުއަބްލޫ ކިޔާ ކުންފުންޏަކަށް ވިއްކާލާފަ އެވެ. މި ފަޅުގެ ހައްގުތައް ބަދަލު ކުރަން ޓޫރިޒަމަށް ހުށަހެޅި ލިޔެކިޔުންތައް ދައްކާ ގޮތުގައި ފަޅު ވިއްކާލީ 300،000 ޑޮލަރަށެވެ. ނަމަވެސް އެއީ އެ ފަޅުގެ އަގު ނޫންކަން ޔަގީންވެ އެވެ.
އެ ފަޅުގަތް ފަރާތުން ފަޅުގައި އޮބްލޫ ސިލެކްޓް ލޯބިގިލީގެ ނަމުގައި ރިސޯޓެއް ތަރައްގީކޮށް މިހާރު ދަނީ ހިންގަމުންނެވެ. އާއްމުކޮށް ރާއްޖޭގެ ފަޅެއްގެ އަގު އުޅެނީ ހަތް މިލިއަން ޑޮލަރާއި 11 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެންވެ މި ފަޅުން ޑަޗްޑޮކްލޭންޑްސްގެ އެކައުންޓަށް ބޮޑު މަންފާއެއް އޮންނާނީ ވައްދާފަ އެވެ. މި ފަޅުން ދިވެހި ދައުލަތަށް ލިބުނުހާ ވެސް އެއްޗަކީ ފަޅުގެ އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 300،000 ޑޮލަރު އެކަންޏެވެ.
ފަސް ފަޅުގެ ތެރޭގައި ހިމެނޭ "ލެގޫން 7" ކުއްޔަށް ދޭން ސޮއި ކޮށްފައި ވަނީ ޖަނަވަރީ 27، 2011 ގަ އެވެ. މި އެއްބަސްވުމުގެ ދަށުން ލީސް އެގްރީމަންޓަށް ގެނެސްފައިވާ އެއްވަނަ އިސްލާހުއާއެކު އޮގަސްޓް 9، 2016 ގައި އެގްރީމެންޓް އިސްލާހުކޮށް ފަޅު ހިއްކަން ހުއްދައެއް ދީފައި ވެއެވެ. އަދި ޑަޗް ޑޮކްލޭންސްއާއެކު މެއި 8، 2019 ގައި އަލުން ސޮއިކޮށް މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް 48 މަސް ދުވަހުގެ ކޮންސްޓްރަކްޝަންގެ މުއްދަތުގެ ގޮތުގަ އާއި ކޮމެންސްމަންޓް ޑޭޓެއް ވަނީ އާ ކޮށްދީފަ އެވެ
"ލެގޫން 9" ފަޅުގެ އެއްބަސްވުމުގައި ސޮއި ކުރީ ޖެނުއަރީ 27، 2011 ގަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް 48 މަސް ދުވަހުގެ ކޮންސްޓްރަކްޝަންގެ މުއްދަތު ވަނީ ދީފަ އެވެ. ފްލޯޓިން ސިޓީ އަޅަން ދިން ފަޅުތަކުގެ ތެރޭން ބައެއް ފަޅުތައް ބޮޑު އަގުގައި މިހާރު ވަނީ ވިއްކާލާފަ އެވެ. އޭގެ އެއް ފަޅަކީ "ލެގޫން" ގެ ނަން ދީފައިވާ ފަޅެވެ.
"ލެގޫން 19" ފަޅު ވެސް ހިއްކަން 48 މަސް ދުވަސް ވަނީ ދީފަ އެވެ. އަދި މެއި 29، 2021 ގައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ކޮންސްޓްރަކްޝަން މުއްދަތު 24 މަހަށް އިތުރު ކޮށް އަލުން ސޮއި އެޅި އެވެ. އޭގެ ފަހުން މި ފަޅާއި ގުޅިގެން ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ވަނީ އޮގަސްޓް 29، 2021 ގައި ސޮއި ކޮށްފައިވާ ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން މާރަށް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފަ އެވެ.
މި ފަޅާ ގުޅޭ ހައްގުތައް ބަދަލު ކުރުމުގެ ހުއްދައަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކުން ދައްކާ ގޮތުގައި އެ ހައްގުތައް ވިއްކާލާފައި ވަނީ 16.5 މިލިއަން ޔޫރޯ އަށެވެ. މީގެ އިތުރުން "ލެގޫން 37" ގެ ނަން ދީފައިވާ ފަޅުގެ އެއްބަސްވުމުގައި މާޗް 11، 2020 ގައި އަލުން ސޮއިކޮށް ކޮންސްޓްރަކްޝަން މުއްދަތު 48 މަހަށް ބަދަލު ކޮށް އިތުރު ފަޅަކަށް މި ފަޅު ވަނީ ބަދަލު ކޮށްފަ އެވެ.