ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބޮޑު ކޯލިޝަނަކާއެކު ނިކުންނަވާ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މި ސަރުކާރު ހިންގާ ކޯޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮތީ އެމަނިކުފާނު އިސް ލީޑަރުކަން ކުރައްވާ އެމްޑީޕީގެ އިތުރުން ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ އެމްއާރްއެމް އެވެ.
ކޯލިޝަން ޕާޓީތަކުގެ ތެރެެއިން ޕާޓީއެއްގެ އިސް ބޭފުޅަކު "މި" ނޫހަށް މިރޭ ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ސިޓީފުޅެއް މިއަދު އެ ޕާޓީއަށް ވަނީ ލިބިފައެވެ. އެ ސިޓީފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާރެކޭ އެއްގޮތަށް އެމަނިކުފާނު ކުރިއަށް ވަޑައިގަންވަން ބޭނުންފުޅުވަނީ ކޯލިޝަނާއެކު ކަމަށް ވިދާޅުވެ ކުރިއަށް އޮތް އިންތިހާބުގައި އެކުގައި ކުރިއަށް ދިއުމާމެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ދައުވަތުވެސް ޕާޓީތަކާއި ލީޑަރުންނަށް ދެއްވާފައިވެއެވެ.
މި ސިޓީފުޅާ ގުޅޭގޮތުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ސިޓީފުޅުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބޮޑު ކޯލިޝަނަކާއެކު ނިކުންނަވާ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސްގެ މަންދޫބުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރޭ ބައްދަލު ކުރައްވާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ރޭ ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންނަކީ ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ އިސް ބޭފުޅުންނެވެ.
އެ ބައްދަލުކުރެއްވުމަށް ފަހުގައި މިއަދު ކުރެއްވި ޓްވީޓެއްގައި ނިޔާޒު ވިދާޅުވީ ގާސިމާއެކު ބޭއްވުނީ އުންމީދީ ބައްދަލުވުމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކޯލިޝަން އާއިއެކު އެމް.ޑީ.ޕީ އެއްބުރުން އިންތިޚާބް ކާމިޔާބު ކުރާނެ މަގަށް މިސްރާބް މިހުރީ" އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު މިހާރު ވަނީ އެމަނިކުފާނުގެ ފެކްޝަން ރަަސްމީ ކުރައްވާ "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތްތެރިވާންް ފަށާފައެވެ. އެ ހަރަކާތަށް ބައިލައްކަ ސޮއި ހަމަކޮށް ކެންޑިޑޭޓަކު ނެރުމާމެދު ގޮތް ނިންމަވާނެ ކަަމަށްވެސް ވަނީ ވިދާޅުވެފައެވެ. "ފިކުރެއްގެ ދިރުން" ހަރަކާތަށް ބައިލައްކަ ސޮއި ލިބިއްޖެ ކަަމަށް މިހާރު ވަނީ އިއުލާނުވެސް ކޮށްފައެވެ.
އެހެން ކަމުން ރައީސް ނަޝީދުގެ އެހީތެރިކަން ނުލިބި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަކީ ރައީސް ސޯލިހަށް އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި ތާއީދު ހޯއްދެވުން ވާނީ ވަރަށް ބުރަ ބޮޑު އުނދަގޫ މަސައްކަތްޕުޅަަށެވެ.