"ފިކުރެއްގެ ދިރުމަ" ށް 14 ދުވަހުން ބައިލައްކަ ސޮއި: އެއީ ދޮގެއް، އެއީ ތެދެއް!

ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ރައީސް މުހައްމަދު ނަޝީދު ވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ގޮފިތައް އަލުން ހެދުމާއި ޕާޓީން ކަނޑާލި 39،000 މީހުން އަލުން ޕާޓީއަށް ވައްދައި އެ މީހުންނާއެކު ގޮތެއް ނިންމަން ހިފާފަ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް ނަޝީދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: ނަޝީދުގެ ފިކުރެއްގެ ދިރުމަށް ބައިލައްކަ ސޮއި ހޯދިފައިވާ ކަމަށް ބުނޭ -- މިހާރު ނޫހުގެ ފޮޓޯއެއް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އެ ޕާޓީގައި ރަސްމީ ވަކި ފެކްޝަނެއްގެ ގޮތުގައި "ފިކުރެއްގެ ދިރުން" ގޮފި އުފައްދަވަން ނިންމަވާ އެކަން އިއުލާނު ކުރެއްވީ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ޖަނަވަރީ 30 ގައި މާލޭގެ އިރުމަތީ ފަރާތުގައި ހުންނަ "ދޮންމަނިކު ސްކައި ވިއު" ރެސްޓޯރަންޓްގައި އޮތް މެންދުރުގެ ފަރިއްކޮޅެއްގަ އެވެ. 

އެމަނިކުފާނު އެ ދުވަހު ވިދާޅުވި ގޮތުގައި "ފިކުރެއްގެ ދިރުން" އެ ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަން ޕާޓީގެ ގަވައިދުން ޖާގަ ލިބެ އެވެ. އަދި އެމަނިކުފާނުގެ ޖިސްމާއި ފިކުރާއި ތޮބީއަތަކީ އެމްޑީޕީ އެވެ. 

ދެން ވިދާޅުވެ ދެއްވީ އެމަނިކުފާނުގެ އަމާޒެކެވެ؛ އެއީ "ފިކުރެއްގެ ދިރުން" ހަރަކާތުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް 50،000 މެންބަރުން ހަމަ ކުރެއްވުމެވެ. އެ ކަމަށް ސެކްރެޓޭރިއެޓަކާއި އޮފީހެއް އުފައްދާނެ ކަމަށާއި އަހަރު މެދުން ޖުލައި މަހާ ހަމައަށް އެ އަދަދު ހަމަ ކުރުމަށް ފަހު ރިޔާސީ އިންތިހާބަށް ދިއުމާމެދު ގޮތް ތަކެއް ހޯދާނެ ކަމަށެވެ.

އޭގެ ދެ ދުވަސް ފަހުން "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުގެ ރަސްމީ އޮފީސް ބޮޑުފެންވަޅުގޭގައި މަރުކަޒުކޮށް މަސައްކަތް ވަނީ ފަށާފަ އެވެ. އަދި މިއަދާ ހަމައަށް "ފިކުރެއްގެ ދިރުން" ހަރަކާތަށް 50،000 މެންބަރުންގެ ސޮއި ހޯދިފައިވާ ކަަމަށް އިއުލާނުކޮށް އެ ހަރަކާތުގައި ތިބި އެކްޓިވިސްޓުން ގެންދަނީ އުފާފާޅު ކުރަމުންނެވެ.

ރައީސް ނަޝީދުގެ ފެކްޝަންގެ އިސް އެއްވެސް ބޭފުޅަކު އަދި އެކަން ރަސްމީއެއް ނުކުރައްވަ އެވެ. ނަމަވެސް އެ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅަކު ނަން އެއްފަރާތް ކޮށްލެވުމަށް އެދިވަޑައިގެން ވިދާޅުވި ގޮތުގައި "ފިކުރެއްގެ ދިރުން" ހަރަކާތް މިއަދުގެ ނިޔަލަށް ބައިލައްކަ ފަހަނަ އަޅައި ދާނެ އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް! ސާދަ ދުވަހުން މާލޭގައި ގާއިމުވެ ތިބެ 50،000 މެންބަރުންްގެ ސޮއި ހޯދުން! އެކަން އަޅުގަނޑުމެން އަދި ރަސްމީ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މިއީ ވަރަށް ބޮޑު ކާމިޔާބެއް! ސާދަ ދުވަހުން މާލޭގައި ގާއިމުވެ ތިބެ 50،000 މެންބަރުންްގެ ސޮއި ހޯދުން! އެކަން އަޅުގަނޑުމެން އަދި ރަސްމީ ކުރާނަން،

"ފިކުރެއްގެ ދިރުން" ފެކްޝަނުގެ އިސް އޮފިޝަލެއް

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް އަމާޒަށް ވާސިލްވެވުނު ނަމަވެސް މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް އެ ފެކްޝަން ބުނެއެވެ. މިއަދާ ހަމައަށް ކޮންމެ ދުވަހެއް / ރެއަކު ފޯމް ފުރުމުގެ ހަރަކާތުގެ އިތުރުން އެ ހަރަކާތުގެ އަމާޒާއި ކުރިއަށްދާން ރޭވިފައިވާ ގޮތްތަކާމެދު ބަހުސްކޮށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ދިޔައީ ކުރިއަށެވެ.

އެމްޑީޕީގެ އެހެން ހަރަކާތްތަކެކޭ އެއްގޮތަށް "ފިކުރެއްގެ ދިރުން" ހަރަކާތް ވެސް ކުރިއަށް ދާތަން ފެންނަނީ ރޭވުންތެރިކަމާއެކު ތަރުތީބެއްގެ ތެރެއިންނެވެ.

ރައީސް ނަޝީދު ސަޕޯޓަރުންނާއެކު ބޮޑުފެންވަޅުގޭގައި އެމަނިކުފާނު ކެމްޕެއިން އޮފީހުގައި ބައްދަލު ކުރައްވަނީ -- ފޮޓޯ: ޔޫސުފް ޝާހް
  •  ވަކި ފެކްޝަނެއް އިއުލާނު ކުރީ ޖަނަވަރީ 30 ގައި
  •  ބޮޑުފެންވަޅުގޭގައި އޮފީސް ގާއިމުކުރީ ފެބްރުއަރީ އެކެއްގައި
  •  އަމާޒަކީ 50،000 މެންބަރުންގެ ސޮއި ހޯދުން
  •  ޖުލައިގެ ކުރީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން

ރައީސް ސޯލިހުގެ ފެކްޝަންގެ ރައްދު: އެއީ ބޮޑު އޮޅުވާލުމެއް

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް 50،000 މެންބަރުންގެ ސޮއި ހޯދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ގަބޫލެއް ނުކުރެއެވެ. "މި" ނޫހާ ވާހަކަ ދެއްކެވި އެ ފެކްޝަންގެ އިސް ބައެއް ބޭފުޅުން އެކަން ނަންގަވަނީ ވަރަށް ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.

"ފުރަތަމަ ކަމަކަށް ޕާޓީގައި މިތިބީ 58175 މެންބަރުން. މި މެންބަރުންގެ ތެރެއިން 50،000 މެންބަރުންގެ ސޮއި ނަޝީދަށް ލިބޭނެ ކަމަށް ބުނުމަކީ ވެސް ގަރުނުގެ ބޮޑު ޖޯކަކަށް ވާނީ،" އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެ މެންބަރު އެހެން ވިދާޅުވިޔަސް ނަޝީދުގެ ފެކްޝަނުން ސޮއި ހޯދަނީ ކުރީން ޕާޓީގައި އޮތް ދަފްތަރަށް ބިނާ ކޮށެވެ. އެ ދަފްތަރުގައި 96،000 މެންބަރުން ތިއްބެވެ. ބައިލައްކަ ސޮއި ހޯދީ އެ ދަފްތަރުންނެވެ. އެ ދަފްތަރުން ވެސް 50،000 ސޮއި ހޯދޭނެ ކަމަށް ރައީސް ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަނެއްކޮޅުން އެއީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އާއި އަދާލަތު ޕާޓީއާ ޖުމްހޫރީ ޕާޓީއާ އެހެން ޕާޓީތަކުގެ އެތައް ހާސް މެންބަރުން ހިމެނޭ ދަފްތަރެެކެވެ. އެ ނަންބަރުތައް އެމްޑީޕީން ކުރީން ވަނީ ހާމަ ވެސް ކޮށްފަ އެވެ. ދަފްތަރުން އުނިކުރި 39،000 މެންބަރުންގެ ތެރެއިން 14،858 މެންބަރުންނަކީ ސިޔާސީ ހަތް ޕާޓީއެއްގެ ދަފްތަރުގައި އޮތް މީހުންނެވެ.

  •  ޕީޕީއެމް - 6357
  •  ޖޭޕީ - 3788
  •  އެންޑީއޭ - 1761
  •  އަދާލަތުޕާޓީ - 1211
  •  އެމްޓީޑީ - 1048
  •  އެމްއާރްއެމް - 1029
  •  އެމްއެސްއެލްޑީޕީ - 875

ނަންބަރެއް ނެރުނީ ރިޔާސީ ޓިކެޓް އަރުވާ ޖަލްސާއާ ދިމާކޮށް

ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުން ދެކޭ ގޮތުގައި "ފިކުރެއްގެ ދިރުން" ހަރަކާތަށް 50،000 މެންބަރުންގެ ސޮއި ލިބިފައިވާ ކަަމަށް ބުނެ ވާހަކައެއް ބޭރަށް ނެރުނީ އެވެ. އެއީ ހަގީގީ ނަންބަރެއް ނޫނެވެ. ހަގީގީ ނަންބަރާއި ގާތް ކުރާ އަދަދެއް ވެސް ނޫނެވެ.

އެކަން މި ދަނޑިވަޅުގައި ކޮށްލީ އަންނަ ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާއާ ދިމާކޮށެވެ.

"ބޭނުމަކީ ރައީސަށް ތާއީދު ނެތްކަން ދައްކައި ދިނުން. އެކަމަކު އެހެނެއް ނުވާނެ. ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާގެ ނަންބަރާއި އެ ޖަލްސާގައި ހައިބަތާއި ކުލަގަދަ ކަމުން ނަޝީދުގެ ޓީމުން ނެރުނު ހިޔާލީ ނަންބަރަށް އަޅުގަނޑުމެން ޖަވާބު ދޭނަން،" ރައީސްގެ ކެމްޕެއިންގައި މިފަހަރު ވަރަށް އިސްކޮށް އުޅުއްވި އެހެން ބޭފުޅަކު ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގެ ބޮޑު ކާމިޔާބީ އަށް ފަހު ރައީސް ސޯލިހުގެ ސަޕޯޓަރުންނާއި އެ މަނިކުފާނު އުފާފާޅު ކުރައްވަނީ: ރިޔާސީ ޓިކެޓް އެރުވުން އޮތީ ހުކުރު ދުވަހުގެ ރޭ

ހިޔާލީ ނަންބަރެއް ނެރުނު ފުރަތަމަ ފަހަރެއް ނޫން

މިއީވެސް ރަައީސް ސޯލިހްގެ ފެކްޝަނުން ދައްކާ ވާހަކަ އެކެވެ؛ ރައީސް ނަޝީދަކީ މީގެ ކުރީންވެސް އެކި ކަންކަމާއި ގުޅުވާ ހިޔާލީ ނަންބަރުތަކެއް ނެރުއްވާ އާންމު ކުރެއްވި ބޭފުޅެކެވެ. އެއް މިސާލަކަށް އެ ފެކްޝަނުން ފާހަަގަ ކުރަނީ ބަރުލަމާނީ ކެމްޕޭނެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ރައީސް ނަޝީދާއެކު މިހާރު ތިއްބެވި ބޭފުޅުން އިސްވެ ޕެޓިޝަނެއް ހެދި އެވެ. އެ ފަހަރު 90 ދުވަހަށް ކުރިއަށް ގެންދިޔަ ޕެޓިޝަނަށް 109،825 މީހުންގެ ސޮއި ހޯދި ކަމަށް ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން 83 މީހެއްގެ ސޮއި ތަކުރާރު ވެފައިވާތީ އެ ސޮއިތައް އުނިކޮށް ޖުމްލަ 109،742 ސޮޔާއެކު ޕެޓިޝަން ނިންމާލި ކަމަށް އިއުލާނު ކުރިއެވެ. އޭގެ ފަހުން ހަބަރެއް ނެތެވެ. އެ ޕެޓިޝަނަށް ވީ ގޮތެއް ވެސް ނޭނގެ އެވެ. ރައީސް ސޯލިހަށް ވެސް ޕެޓިޝަން ނާރުވައެވެ.

"ހަގީގަތުގައި އެ ޕެޓިޝަނަށް ވެސް ލިބުނީ ދިހަވަރަކަށް ހާސް ސޮއި. އަޅުގަނޑުމެން އެ މައުލޫމާތު ބަލާ ހޯދައިފިން. ސީދާ ނަންބަރު އަޅުގަނޑުމެންނަށް އެނގޭ. އެއްލައްކަ ސޮއި ލިބުނު ނަމަ ރައީސް ސޯލިހަށް ޕެޓިޝަން ނޭރުވީ ކީއްވެތޯ؟ އެއީ އެ އަދަދު ނެތީމަ!"

ރައީސްގެ ފެކްޝަނުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ހުރިހާ ރަށެއްގައި ޕާޓީގެ ގޮފިތައް އަލުން ހެދުމާއި ޕާޓީން ކަނޑާލި 39،000 މީހުން އަލުން ޕާޓީއަށް ވައްދައި، އެ މީހުންނާއެކު ގޮތެއް ނިންމުމަށާއި އެ މެންބަރުންގެ ވިސްނުމާއެކު "ފިކުރެއްގެ ދިރުމުގެ" ރިޔާސީ ކެންޑިޑޭޓެއް ވެސް ކަނޑައަޅައި އިންތިހާބަށް ނެރެން ނިންމާފަ އެވެ. އެ ފެކްޝަނުން ބުނި ގޮތުގައި ކުރިއަށް ދާނީ އެ ގޮތުގައެވެ. އެ އަމާޒަށް ބަދަލެއް ނުގެންނާނެ އެވެ. 

އެގޮތުގައި ކުރިއަށްދާނަމަ އެއީ ރައީސް ސޯލިހަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.