ޝަފީއާގެ ތައުރީފު ފޮނުވާލެއްވީ ރައީސް ޔާމީނަށް

ޝަފީއާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. އޭނާ އަކީ އެމްޑީޕީ އުފެދުނީއްސުރެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ، ރައީސް ނަޝީދު ގެ ސިޔާސަތުތައް ޕްރޮމޯޓް ކޮށް ދެއްވުމުގައި އުޅުއްވާ އިލްމީ ވެސް ބޭފުޅެކެވެ.

ޝަފިއާ ޒުބައިރު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތައުރީފު ކުރައްވައި ޝަފީއާ ޒުބައިރު ވާހަކަފުޅު ދައްކަވައި ޓްވީޓްތަކެއް ކުރައްވައިފި އެވެ.  

ޝަފީއާގެ ފަރާތްޕުޅުން މިފަދަ ޓްވިޓްތަކެއް އައީ އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް އަދި ސަރުކާރުގެ ކަންކަމަށް ފާޑު ކިޔުން ފުޅާ ކޮށްފައިވާ ދަނޑިވަޅެއްގައި ސަރުކާރުން މާލޭގެ އަމީނީ މަގުގެ މަސައްކަތް ގެންދާ ގޮތަށް އޮތް ފާޑު ކިޔުމުގެ ތެރޭން އޭނާއާ އަމާޒުވި ސުވާލަކާ އެކުއެކީ އެވެ. 

އަމީނީގެ މަގުގެ މަސައްކަތާ ގުޅުވާލައްވައި ޝަފީއާ އިއްޔެ ޓްވިޓާގައި ލިޔުއްވާފައި ވަނީ މިހެނެވެ: 

"ހެޔޮ ނުވާނެ މީހަކު ފޮނުވާބަލަ ރައީސް ޔާމީން އަރިހަށް! މަގެއްގައި ތާރު އަޅާ ގޮތް ކިޔައި ދެއްވާނެ،" 

އޭނާގެ އެ ޓްވީޓާ ގުޅިގެން އެހެން މީހަކު ވެސް ޝަފީއާއަށް ސުވާލެއް އަމާޒު ކުރެ އެވެ. އޭނާ އަހާފައި ވަނީ ރައީސް ޔާމީން ކުރެން 13 އަހަރަށް މީހަކު ޖަލަށްލާނެ ގޮތް ޝަފީއާ އައްސަވައި ދެއްވުމަށެވެ. އަދި އޭރަށް ވަރަށް ލޯބިން ރައީސް ޔާމީން ވިދާޅުވެ ދެއްވާނެ ކަމަށެވެ. 

އެއަށް ވެސް ޝަފިއާ ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ އެ ސުވާލު ރައީސް ޔާމީން އަރިހު އެއްސެވި ކަމަށާއި ރައީސް ޔާމީން ޖަވާބު ދެއްވީ ލޯބިން ނޫން ކަމަށެވެ.

ދެން ވިދާޅުވެފައި ވެއެވެ: "މަ ގެންދިޔައީ ދޫނިދޫއަށް ބިޑި އަޅާފަ، 18 މަސް ދުވަހު ޕާސްޕޯޓް ހިފަހެއްޓި، 18 މަސް ދުވަހު ކޯޓަށް ދެމި، ހަމަސް ދުވަހުގެ ޖަލު ހުކުމް ކުރި ފަސް އަހަރުގެ ކުށުގެ ރިކޯޑް ހަދިޔާ ކުރި... އެކަމަކު މާލޭގައި ހުރި އެންމެ ރީތި އެންމެ ރަނގަޅު މަގު ހެދީ ރައީސް ޔާމީން" 

އަދި އެއީ ފެކްޓް ކަމަށް ވެސް ޝަފީއާ ވިދާޅުވެފައި ވެއެވެ. 

ޝަފީއާ ޒުބައިރު ކުރެއްވި އެއް ޓްވީޓް

މީގެ އިތުރުން ޝަފީއާ ވަނީ ދައުލަތުގެ ފައިސާން ވައްކަން ކުރި މީހުންގެ ތެރޭން ރައީސް ޔާމީން އެކަނި ޖަލުގައި ހުންނެވީ ކީއްވެގެންތޯ ވެސް އައްސަވާފަ އެވެ، އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު މީހުން ކޮބައިތޯ އައްސަވާ އެމީހުންގެ މައްސަލަ ތަހުގީގު ނުކުރަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ.

"ވެރިކަން ނިމެނީ އެކަމަކު މިކަން ނުކުރި ކީއްވެ؟"

އެ ކާކު؟ - ޝަފީއާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީ އުފެދުނީއްސުރެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ، ރައީސް ނަޝީދުގެ ސިޔާސަތުތައް ޕްރޮމޯޓް ކޮށް ދެއްވުމުގައި އުޅުއްވާ ވަރަށް އިލްމީ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވެވި ހާމިދު އަބްދުލް ޣަފޫރުން ކުރިން ކައިވެނި ބައްލަވައިގަތް ޝަފީއާއަކީ ހަބީބާ ހުސައިން ހަބީބުގެ ބޭފުޅެކެވެ. މިވަގުތު ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޕްރޮމޯޓް ކުރެއްވުމުގައި އިސްވެ އޮތް ޓީމުގައި ވެސް ޝަފީއާ ހިމެނި ވަޑައިގަންނަވަ އެވެ.
އެއާޕޯޓް މުޒާހަރާ - މާޗް 5. 2017 ގައި ވީއައިއޭ ގައި މުޒާހަރާކުރި އެ މައްސަލައިގައި ދައުލަތުން 15 މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އަދި ގިނަ ދުވަސްތަކެއް ކޮށް ހުކުމް ވެސް ކުރި އެވެ. އޭގެ ތެރެއިން 15 މީހުންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ހުކުމް އިއްވާފައިވަނީ 14 މީހެއްގެ މައްޗަށެވެ.

ހުކުމް އިއްވި މީހުންގެ ތެރޭ އެންމެ މީހަކު ފިޔަވައި ދެން ތިބީ މުޅިން ވެސް އަންހެނުންނެވެ. އޭގެ ތެރޭގައި ޝަފީއާ ހިމެނި ވަޑައިގަންނަވަ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.