ތިލަމާލެ ބްރިޖު ބަލަން ގުޅިފަޅަށް ؛ ފެނުނު މަންޒަރާއި އިވުނު އަޑު

ބްރިޖު، ދިވެހި މެނޭޖަރު ޖިނާން ތަކުރާރުކޮށް ޔަގީންކަން ދެއްވަނީ މި އަހަރުގެ ނިޔަލަށް ގުޅީފަޅާ ހަމައަށް ގުޅައިލެވޭނެ އެވެ. އަދި ސަރުކާރުގެ މައިގަނޑު ވާހައަކީ މިއަހަރު ނިޔަލަށް ބްރިޖް ވިލިމާލެއާ ގުޅުމެވެ. އެވަރު ރަނގަޅެވެ.

  •  ތިމާލެ ބްރިޖްގެ މަސައްކަތް ރަނގަޅަށް ކުރިޔަށް ދޭ
  •  މަސައްކަތް ހިނގާ ގޮތް ފެންނަ މަންޒަރާ ތަފާތު
  •  ބްރިޖުގެ 12 ތަނބެއްގެ މަސައްކަތް ކުރިއަށްދޭ
  •  މުޅީން ނިންމާފައިވަނީ ދެ ތަނބެއް
  •  ޖުމުލަ 50 ތަނބު ޖަހަން ޖެހޭނެ

މާލެ އިންޑަސްރިއަލް ވިލެޖުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދާފައިވާ "ބްރިޖު ވިލެޖަ" އަށް ވަނުމާއެކު ދިއްކޮށްލީ ލުނބޯ ހުތު ފަނިތައްޓެކެވެ. ހަވީރު ގަޑިއަށްވުމުން އެ ފަނިތަށި ދިއްކޮށްލި އޮފިޝަަލަށް ޝުކުރިއްޔާއޭ ބުނެލާފައި ބެލީ ޝަކުވާ އާއި ތަފާތު ވާހަކަތައް ގިނަ ބްރިޖާ ބެހޭ ގޮތުން އިތުރު އއާ މައުލޫމާތެއް ލިބޭނެ ގޮތެއް ވޭތޯ އެވެ. މާލެ ކޮޅުގައި ބްރިޖުގެ ބައެއް މަސައްކަތް ކުރެ އެވެ. ބައެއް ތަނބު ވެސް ޖަހާފައި ހުރިތަން ފެނުނެވެ. ދެ ތަނބެއްގެ ސިމެންތި އަޅައި އަތް ދޫކޮށްލާފައި ވާއިރު އިތުރު ދެ ތަނބެއްގެ މަސައްކަތް ކުރަމުން ދެއެވެ. ޖުމުލަ ހަތަރު ތަނބެއްގެ މަސައްކަތް އެއްގަމުން މާލޭގެ ބިންމަތީގައި ކުރަމުން ދެއެވެ. 

އެތަންތަން ބަލާކަށް މާ ގިނަ ވަގުތެއއް ނުދިނެވެ. އެފްކޮންސްގެ އޮފިޝަަލަކު ވަޑައިގެން ސަލާމަތީ ގޮތުން މަސައްކަތު ސައިޓެއްގައި އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ކިޔައިދެއްވާން ފެއްޓެވި އެވެ. އަދި ދެން އޮތީ ހައުސިން / ޕްލޭނިން މިނިސްޓްރީން ބްރިޖުގެ މައުލޫމާތު ދޭން ކަނޑައަޅާފައި ހުންނަ ބްރިޖު މެނޭޖަރު މުހައްމަދު ޖިނާންގެ ބައެވެ. އޭނާއަކީ ތިލަމާލެ ބްރިޖުގެ ރާއްޖޭގެ "މޫނު" ގެ ގޮތުގައި ފެންނަ ސަރުކާރު އޮފިޝަލެވެ. 

"ބްރިޖުގެ ހަގީގީ މަސައްކަތް ފެންނާނީ ގުޅީފަޅުން. އެތަނުގައި މި ކުރަނި މައިގަނޑު ހުރިހާ މަސައްކަތްތަކެއް،" ރަނގަޅަށް ވާހަކަ ފެއްޓެވުމުގެ ކުރީން ޖިނާން ސުރުހީއެއް ދެއްވި އެވެ. އެ ހިސާބުން މި ސައިޓް ވިޒިޓުގައި ގުޅީފަޅު ހިމެނޭ ކަމާއި އެބައި އަދި އެބައޮތް ކަން އެނގުނެވެ.

ކަނޑުމަތީގައި ޕްލެޓްފޯމެއް ނެތް

ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ބްރިޖެއް އަޅަން އިންޑިއާއިން ދިން ލޯނާއެކު އެ ގައުމުގެ އެފްކޮންސް ރާއްޖެ އައިގޮތަށް އެ މީހުން ތިބެނީ އެ ރަށުގައި / ގުޅިފަޅުގައި ބަނޑަހަ ޖަހައިގެނެވެ. ގުޅިފަޅު ސައިޓަށް ދިއުމުގެ މަގުމަތީގައި ވިލިމާލެ އާއި މާލެ އަދި ގުޅީފަޅާއި ތިލަމާލެ ބްރިޖުން ގުޅާލަން ކުރަމުންދާ މަސައްކަތް ކަނޑުމަތިން ދައްކާލައި ދިނެވެ.

ވިލިމާލެ އާއި މާލެއާ ދެމެދުގައި ތަނބު ޖަހަން ބިމަށް ދަނގަޑު ހޮޅިތަކެއް ޖަހަން ފަށާފައި ވެއެވެ. މި ހޮޅިތަކުގެ ބޭނުމަކީ ބްރިޖުގެ މައިގަނޑުތަނބުތައް ޖަހަން ފަސޭހަ ކުރުމެވެ. ޗައިނާ އިން ރާއްޖޭގައި އަޅައިދިން ފުރިހަމަ ސިނަމާލެ ބްރިޖާއި މި ބްރިޖުގެ މަސައްކަތުގެ މައިގަނޑު ތަފާތަކީ މިއެވެ. 

ޖިނާން ވިދާޅުވި ގޮތުގައި ކުރިން ޕްލެޓްފޯމް އަޅައިގެން ބްރިޖު އެޅި ނަމަވެސް މި ބްރިޖްގެ މަސައްކަތަށް ޕްލެޓްފޯމެއް އަޅާމީ މަދު ތަނެއްގަ އެވެ. 

"ފުނުގައި ޕްލެޓްފޯމެއް ނުހަދާނެ. އެކަމަށް ހާއްސަ އުޅަނދެއް [ރުމޭލާ] ގެ އެހީގައި މި މަސައްކަތް ކުރާނީ. މީގެ އިތުރުން ކުދި މިފަދަ ޕްލެޓްފޯމް ބޭނުން ކުރާނީ،" ޖިނާން ވިދާޅުވި އެވެ. 

ގުޅީފަށް ފައިބާން އޮތީ ވަރަށް އާދައިގެ ފާލަމެކެވެ. ފާލަން މައްޗަށް ފޭބުމާއެކު ބްރިޖާ ގުޅޭ ސުވާލަކަށްވުރެ ނޫސްވެރިއަކަށް މުހިންމު އެއް ސުވާލަކަށްވީ ވެސް އެ ފާލަމެވެ. އޭނާ އެހީ "މި ވަރުގެ މަސައްކަތެއް ކުރާއިރު ފައިބަން މިހާ ކަޑަކޮށް އޮތީމަ ކަޑަ ދޯ؟" އެވެ.  

ގުޅިފަޅަށް އަރައިގެން ހިނގަނީ އެވެ؛ އެ ދިއުމުގައި ފެނުނު މަންޒަރަކީ އަދިހަމަ ތިލަމާލެ ބްރިޖުގެ ހަގީގީ މަސައްކަތް ފެށުނީ އެވެ. ބްރިޖުގެ މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީ އާއި އިކްއިޕްމަންޓުގެ މުޅި ގުޅިފަޅު އޮތީ ފުރާލާފަ އެވެ. ރަށަށް ކައިރި ކުރަން އައިއިރު ރަށުގެ މަލަމަތިން ވެސް ދެކޮޅަށް ދުވާ ބޮޑެތި ކްރޭންތަކުގެ އުސް ސޭލާތައް ފެންނަން ހުއްޓެވެ. އޭގެ ބޮޑު ދެ ކެރޭނު ރަށުގައި އިންސްޓޯލް ކޮށްފައި ވެސް ވެއެވެ. އަދި އެތައް ބެޗިން ޕްލާންޓަކާއި ސިމެންތި ޓެސްޓް ކުރަން ހާއްސަ ފްލޯޓިން ބޮޑު ލެބެއްވެސް ގުޅީފަޅުގެ ނިވަލުގައި ފައްތިޔާ ޖަހާފައި ވެއެވެ. -- ތިލަމާލެ ބްރިޖާ ގުޅޭ ގިނަ ހަރަކާތްތަކެއް ގުޅިފަޅުގައި އެބަ ހިނގަ އެވެ. 

ބްރިޖުގެ މަސައްކަތް ގުޅީފަޅުގައި މަސައްކަތް ކުރާ ސަރަހައްދުތައް -- މި

މި ވަރަށް މިތަނުގައި ސާމާނު ހުއްޓަސް މަސައްކަތް އަދި ފެންނަނީ ނިސްބަތުން ވަރަށް މަޑުމައިތިރި ކޮށެވެ. ބައެއް ދިމާއިން ސައިޓުތަކުގެ ހުރި މެޝިނަރީތަކުގެ މައްޗަށް އަރައި ދެފައި ތަޅުވާލާ ތަޅުވާލަ ތިބޭ މީހުން ވެސް ފެނުނެވެ. މީގެ ކޮންމެ މަސައްކަތު މީހަކު ޕްރޮޓެކްޓިވް ގިޔާ އަޅައި މޫނު ނިވާ ކޮށްގެން ތިބި ގޮތުން މަސައްކަތެއް ކޮންމެވެސް ގޮތަކަށް ކުރަމުންދާކަން އެނގެ އެވެ. 

މި މަސައްކަތު ސައިޓުގެ "އާގަމަ" ބަލާން ތިއްބައި އެފްކޮންސް އޮފިޝަލު ވަޑައިގެން އަތްތިލަ ބަޑި ޖަހާލައި އެ މީހެއްގެ މަސައްކަތައިގެން އުޅޭން އެތާނގައި "ކަމެއްނެތިފައި" ތިބި މީހުންނަށް ހިނދީ ބަހުން އަމުރެއް ކުރެއްވި އެވެ. އަދި އެ އެންމެން އެ މީހެއްގެ މަސައްކަތާއިގެން އުޅެގަތެވެ. އެއއީ ނޫސްވެރިންތަކެއް ތިބުމުން ކެމެރާ އަަށް އެޅި ފިޔަވަޅަކަށް ވެދާނެ އެވެ. އަދި އެއީ ކަމެއް ނެތިފައި އޮތް ގްރޫޕެއްކަން އެނގިދާނެތީ ކަމަށްވެސް ވެދާނެ އެވެ. 

ބްރިޖުގެ މަސައްކަތް ހިނގާ ގޮތް ނޫސްވެރިންނަށް ދައްކާލަނީ -- މި

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގުޅީފަޅު ސައިޓާއި މާލެ ސައިޓުގައި ޖުމުލަ 1500 މީހުން މަސައްކަތް ކުރާ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދެ އެވެ. މި ދެ ސައިޓް ވެސް މިހާރު ފެންނަނީ ކުޑަވަރެއްގެ ކާރުހާނާއެއްގެ ގޮތުގަ އެވެ. ނަމަވެސް ދިމާ ދިމާގައި އަތުރާގައި ހުރި ސަމާނާއި އަލާތާއި އެހެންވެސް އިމްއިޕްމަންޓުތަކާއި ހަރަކާތްތެރި ކަމަށް ބަލައިލުން އެނގެނީ ދިވެހި ސަރުކާރުން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ވިދާޅުވާހާ އަވަހަށް، ބާރަށް ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިޔަށް ނުދާ ކަމެވެ. އެކަމަކު އާއްމުންގެ ތެރޭގައި އަޑު ފެތުރިފައިވާ ގޮތަށް މިއީ ނުހިނގާ މަސައްކަތެއް ނޫނެވެ. މަސައްކަތް އެ ސްލޯ އެކޭ ވެސް ބުނާނެ ތަނެއް ނެތެވެ. ހަމަ މަސައްކަތް އެބަ ކުރެ އެވެ. ކުރިޔަށް ދެ އެވެ. ކުރާ ގޮތް ތަފާތީ އެވެ. 

ގުޅިފަޅުގައި އިތުރު ބުރިޖެއް

ބްރިޖުގެ މަސައްކަތް ކުރަން ގުޅީފަޅުގައި ހަދަމުން ގެންދާ ބްރިޖު މަތީގައި އަޅާ ޝީޓްތައް ރާވާ ސަރަހައްދު -- މި
ބްރިޖުގެ މަސައްކަތް ގުޅީފަޅުން -- މި

ތިލަމާލެ ބްރިޖު އަޅަން އެފްކޮންސްގެ އުޅަނދެއް ބޮޑު ހޮޅިއެއްގައި ހިފައިގަނެގެން އުޅޭތަން މާލޭގައި ތިބޭއިރު އަބަދުހެން ފެނުނަސް ހަގީގީ މަސައްކަތް އޮތީ ގުޅިފަޅުގަ އެވެ. މި ރަށުގައި ކުރާ މައިގަނޑު މަސައްކަތްކީ ބްރިޖަށް ބޭނުންވާ ސިމެންތި ތައްޔާރު ކުރުމާއި ބްރިޖުގެ މަތީގައި އަޅާ ކޮންކްރީޓް ލޭޔަރު އުފެއްދުމެވެ. 

މި ރަށުގައި އިންސްޓޯލްކޮށްފައި ހުރި ހެވީ ކްރޭންތަކުގެ އެހީގައި ތައްގަނޑު ތަކެއް ބޭނުން ކޮށްގެން މިހާރު އަޅަން ތައްޔާރުވެފައި ވަނީ ބުރިޖްގެ މަތީގައި ހުންނަ ބައިތަކެވެ. މި މަސައްކަތް ކުރަން 12 ތައްގަނޑު ގެނެސް "ކުޑަ ބްރިޖެއް" ހަދާފައިވެ އެވެ. މީގެ ކޮންކްރީޓް ޝީޓެއްގެ ބޮޑު މިނުގައި 2.5-4 މީޓަރު ހުންނާނެ އެވެ.

މި ކުޑަ ބްރިޖު ހަދާފައި ވަނީ ތިލަމާލެ ބްރިޖުގައި ހިމެނޭ ލެނބުމަކަށް ލެނބުމެއް ލައިގެނެވެ. މާލެއިން ފެށިގެން ބްރިޖް ދަމާލާ ވިލިމާލެ އަދި ގުޅިފަޅާ ހަމައަށް އެކި ފުންމިނުގައި 50 ތަނބު ޖަހަ އެވެ. މި ތައްގަނޑުތަކުގެ އެހީގައި އަޅާބައިތައް ތައްޔާރު ކުރުމުގެ ސުންގަޑިއަކީ ބްރިޖުގެ ތަނބުތައް ޖަހައި ނިމެންވާއިރަށެވެ. ތަނބު ޖަހައި ނިމުމާއެކު މިބައިތައް ގެންގޮސް ރާވަން ފަށާނެ އެވެ. 

ބްރިޖު މެނޭޖަރު ޖިނާން ގުޅީފަޅުގައި މައުލޫމާތު ދެއްވަނީ -- މި
ބްރިޖުގެ މަސައްކަތް ކުރަން ގުޅީފަޅުގައި ހަދަމުން ގެންދާ ބްރިޖު މަތީގައި އަޅާ ޝީޓްތައް ރާވާ ސަރަހައްދު

ބްރިޖު، ދިވެހި މެނޭޖަރު ޖިނާން ތަކުރާރުކޮށް ޔަގީންކަން ދެއްވަނީ މި އަހަރުގެ ނިޔަލަށް ގުޅީފަޅާ ހަމައަށް ގުޅައިލެވޭނެ އެވެ. އެވަރު ރަނގަޅެވެ. 

ތިލަމާލެ ބުރިޖްގެ މައުލޫމާތު

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  އޮގަސްޓް 2023 އަށް ބްރިޖް ނިންމަން ޖެހޭނެ
  •  ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ
  •  ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާނެ
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން ބައިވެރި ވާނެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.