މި ފަހަރު މާބޮޑަށް ތަފާތުވީ އެވެ. ފާހަަގަ ކުރެވޭ މިންވަރަށް ތަފާތެވެ. ސަލާމް ކޮށްލެއްވުން ފިޔަވާ ދެ ރައީސުންގެ ފަރާތުން ޝައުގުވެރި އެއްވެސް މަންޒަރެއް ނުފެނެއެވެ.
ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެމަނިކުފާނުގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން -- އެމަނިކުފާނުގެ ފަސްވަނަ ރިޔާސީ ބަޔާން އިއްްވަވާފައެވެ. ފަންސާސް މިނެޓުން އިއްވެވި ރިޔާސީ ބަޔާނުގައި 4،557 ލަފްޒް ހިމެނެއެވެ. ކުރީން އިއްވެވި ހަތަރު ރިޔާސީ ބަޔާނާއި މިފަހަރުގެ ބަޔާން އިއްވެވުން ހުރިހާ ގޮތަކުންވެސް ތަފާތެވެ. ވަރަށް ސުލްހަވެރި މާހައުލެއްގައި ރިޔާސީ ހަތަރު ބަޔާން އިއްވެވުމުގެ ފުރުސަތު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނަމަވެސް މި ފަހަރުވެސް އެއްބުރުން ރިޔާސީ ބަޔާން އިއްވެވޭ ގޮތެއް ނުވިއެވެ.
އިދިކޮޅުގެ މެންބަރުންގެ އިހުތިޖާޖާއި އަޑުގަދަ ކުރެއްވުމާއި ގުޅިގެން ދެތީން މެންބަރުންގެ ނަން އިއްވާ މެންބަރުން ތަޅުމުން ނެރޭން ޖެހުނެވެ. އަދި ވަގުތުކޮޅަކަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލަން ޖެހުނެވެ. ފަހުން ބަޔާން އިއްވެވީ އިދިކޮޅުގެ ބާކީ ތިއްބެވި މެންބަރުންނަށް ޗެންބަރަށް ވަނުމުގެ ފުރުސަތުވެސް ނުދީ އެވެ.
މި ހުރިހާ ކަމަކަށް ވުރެވެސް މި ފަހަރުގެ ބަޔާނުން އެންމެ ތަފާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަފާތުވެފައިވާ މިންވަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންމެ އެކުވެރި ނަޝީދު މުޅީން ބަދަލުވެއްޖެ އެވެ. އެމަނިކުފާނު މިއަދު މާ ބޮޑަށް ތަފާތެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޒަމާންވީ / ވަރުގަދަ ގުޅުން އޮތީ ނިމުމަކަށް އައިސްފައެވެ. ދެ ރައީސުންގެ ގުޅުމެއް މިހާރު ނެތެވެ. އެ ގުޅުން އޮތީ ދެން ގާތް ނުުކުރެވޭ މިންވަރަށް ދުރުވެފައެވެ.
ހާއްސަކޮށް ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރޭގައި ދެ ރައީސުން، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވެވި ބަހުގެ ހަމަލާތަކާއެކު ދެ ލީޑަރުންގެ ގުޅުން އިތުރަށް ހީނަރުވި އެވެ. އަދި ޕްރައިމަރީގެ ކަންކަން ދިޔަ ގޮތާއި ނަތީޖާ ނިިކުން ގޮތުން ދެ ރައީސުން ވަނީ ވަކީން މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.
ޕްރައިމަރީއަށް ފަހު މިއަދަކީ ދެ ރައީސުން ބައްދަލްވި ދެވަނަ ފަހަރެވެ. ދާދި ފަހުން އޮތް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދެ ރައީސުން ބައްދަލުވެ ސަލާމް ކޮށްލެއްވިއެވެ. އެ ޖަލްސާގައިވެސް ދެ ރައީސުންގެ ފަރާތުން އިތުރު ކަމެއް ނުފެނެއެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް މަޖިލީހަށް ވަޑައިގެންނެވުމުން މިފަހަރުވެސް މަރުހަބާ ވިދާޅުވީ ރައީސް ނަޝީދެވެ. ދެ ރައީސުން ރަތްކުލައިގެ ކާޕެޓްމަތީން ހިންގާފައި ވަޑައިގެން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވީ އާންމު އުސޫލުން ކޮންމެ ފަހަރަކުވެސް އެކަން ކުރަމުން އަންނަ ގޮތަށެވެ.
ތަފާތުވީ ރައީސް ނަޝީދުގެ މިޖާޒުފުޅެވެ. މީގެ ކުރީ ފަހަރުތަކުގައި ވަރަށް ގާތްކަމާއި އެކުވެރިކަމާއެކު ރައީސް ސޯލިހާއި ސަލާމް ކުރައްވާ ކާޕެޓްމަތީން ހިންގަވާފައި ވަޑައިގަންނަވަނީ އުފާވެރި މޫނުފުޅަކައިގެންނެވެ. ދެ ރައީސުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބައްލަވާލައްވާ ގޮތުން ދެ ލީޑަރުންގެ ގާތްކަމާއި ބަދަހިކަން ދައްކަވާލައްވަމުންނެވެ.
ނަމަވެސް މި ފަހަރު މާބޮޑަށް ތަފާތުވީ އެވެ. ފާހަަގަ ކުރެވޭ މިންވަރަށް ތަފާތެވެ. ސަލާމް ކޮށްލެއްވުން ފިޔަވާ ދެ ރައީސުންގެ ފަރާތުން ޝައުގުވެރި އެއްވެސް މަންޒަރެއް ނުފެނެއެވެ. ހިންގަވާފައި ވަޑައިގެންނެވިއިރު ދެ ބޭފުޅުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތް ފަދަ އެވެ. ދެ ރައީސުންވެސް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ގާނޫނީ ޒިންމާ ކަމުން އެކަން ކުރެއްވީ އޭ ހީވާ ވަރުވިއެވެ.
މަޖިލީސް ފެށުމާއެކު އިދިކޮޅުގެ މެންބަރުން އިހުތިޖާޖު ފެއްޓެވިއެވެ. ރައީސް ނަޝީދު ވަރަށް ހަމަޖެހިވަޑަައިގެން އިންނަވާ ވިދާޅުވަމުން ގެންދެވީ އަޑުގަދަ ނުކުރެއްވުމަށެވެ. ބައެއް ފަހަރު ހިނިތުންވެލައްވައެވެ. މެންބަރުންގެ ނަން އިއްވެވި ނަމަވެސް ރައީސް ސޯލިހާއި ދެކޮޅު އިހުތިޖާޖު ހުއްޓުވުމުގެ މާބޮޑު ޝައުގުވެރިކަމެއްވެސް ފެނިވަޑައެއް ނުގަންނަވައެވެ.
އެންމެ ބޮޑަށް އަޅައިގަތީ 50 މިނެޓްގެ ދިގު ރިޔާސީ ބަޔާން ނިންވެމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ކޮޅަށް ތެދުވެވަޑައިގެން ތަރުހީބު ދެއްވިއިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން އެފަދަ އެއްވެސް ކަމެއް ފެނިވަޑައިނުގަތުމެވެ. މީގެ ކުރީން ފަހަރުތަކުގައި ރިޔާސީ ބަޔާން އިއްވަވާ ނިންމެވުމުން ރައީސް ސޯލިހަށް ކުރެއްވެވި ތައުރީފެއް މިފަހަރު ނެތެވެ. ރައީސްގެ ސަރުކާރު ދަމަހައްޓަވާން ދެއްވަވަމުން ގެންދަވާ ޔަގީން ކަމެއް ނުދެއްވެވިއެވެ.
ވަރަށް ފިނި ގޮތަކަށް ވިދާޅުވީ މަޖިލީހުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށެވެ. ރައީސަށް ވަކީން ހާއްސަކޮށް އެއްޗެއް ވިދާޅެއް ނުވިއެވެ. ރިޔާސީ ބަޔާން އިއްވަވަން ވަޑައިގެންނެވީތީ ރައީސަށް ޝުކުރު ދަންނަވާ، އެ ނޭވާގައި މެންބަރުން ވަޑައިގެންނެވީތީވެސް ޝުކުރު އަދާކުރެއްވެވިއެވެ. ކުރުކުރުކޮށް އެ ވާހަކަފުޅު ވިދާޅުވީވެސް ގަނޑެއް ބައްލަަަވައިގެންނެވެ.
"ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ކަންކަން ތަންފީޒު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބާއި މަސްއޫލިއްޔަތު އަދި ބައިވެރިވުން ހިމެނޭ ހުރިހާ ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާ ކުރާނެ،" މަޖިލީހުގެ ޖަލްސާ ކުރުކޮށް ލައްވަމުން ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގައި ސާފުކޮށް މިހާރު ދެ ފެކްޝަން އެބައޮތެވެ. އެކަން ރައީސް ނަޝީދު ވަނީ ރަސްމީކޮށް އިއުލާނުވެސް ކުރައްވާފައެވެ.
މަޖިލީހުގެ އައު ދައުރަށް ހުޅުވާ ޖަލްސާއަކީ ހާއްސަ ޖަލްސާއެކެވެ. ނަމަވެސް މިއަދުގެ ޖަލްސާ ބައެއް މެންބަރުންނަށް މާ ހާއްސައެއް ނުވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ، ނަޝީދު ފެކްޝަންގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުގެ ނާއިބު ރަައީސް އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވާހެން ނަޝީދުގެ ފެކްޝަންގައި ހިމެނޭ ގިނަ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވައެވެ. ރައީސާ ދެކޮޅު މެންބަރުންގެ ތެރެއިން ވަޑައިގެންނެވީ އެންމެ މެންބަރެކެވެ. އެއީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އެވެ. ޔާސިރަކީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރެއްވިޔަސް ސީދާ ރައީސް ސޯލިހާ ދެކޮޅު މެންބަރެއް ނޫނެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް ފަހު މީގެ ކުރީން ދެ ރައީސުންނާއި އެމްޑީޕީގެ މެންބަރުންގެ ނުރަސްމީ ބައްދަލްވެލުމެއް މަޖިލީހުގައި އޮވެއެވެ. އެއީ އިންތިޒާމު ކުރެވިގެން ހިނގާ ބައްދަލްވުމެއް ނޫން ނަަމަވެސް ރިޔާސީ ބަޔާނަށް ފަހު ހެނދުނު ސަޔަށް އިންސާފު ކުރައްވަނީ ދެ ރައީސުން އެކުގައި އެމްޑީޕީގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވެ.
ނަމަވެސް މިފަހަރު އެފަދަ އެއްވެސް ކަމެއް ނެތެވެ. ރިޔާސީ ބަޔާން އިއްވެވުމަށް ފަަހު މަޑުނުކުރައްވާ ރައީސް ސޯލިހް ވަޑައިގެންނެވީ އެވެ.
މިއަދު މި ފެނުނު މަންޒަތުތަކުން ދެ ރައީސުންގެ މެދުގައި އޮތް ގާތްކަމާއި އެކުވެރިކަން މުޅީން ކެނޑި ދެ ރަައީސުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ހާމަވެއްޖެއެވެ. މީގެ ކުރީންވެސް ދެ ރައީސުންގެ މެދުގައި އެތައް ކަމެއްގައި ހިޔާލުތަފާތުވެއެވެ. ރައްދު ދެއްވާވެސް ހައްދަވައެވެ. ނަމަވެސް މަސްރަހު ފިނިކޮށްލާ އެމްޑީޕީ މެންބަރުން އުފާކޮށްލައްވަން ފޮޓޯއެއް ނަންގަވާ ދޫކޮށްލައްވަނީ އެވެ.
މި ފަހަރު އެ ފޮޓޯ ނަންގަވަން ނަޝީދު ބޭނުންފުޅެއް ނުވިއެވެ. ރަައީސް ސޯލިހް ހުންނަވާނީ އެފަދަ ފޮޓޯގަނޑަކަށް ތައްޔާރަށެވެ. އެކަމަކު ގަސްތުގަައި ނަޝީދު އެ ފުރުސަތު ނުދެއްވީ ކަމަށް ބެލެވެއެވެ. އެއީ އެމަނިކުފާނު ހުންނެވި ގޮތް ސާފުކޮށް ދެއްވަން ދެއްވެވި މެސެޖަކަށްވެސް ވެދާނެ އެވެ. އަދި ރިޔާސީ އިންތިހާބުގައި ތާއީދު ނުކުރައްވާނެ ކަން ހާމަ ކުރެެއްވުމަށް ކުރެއްވެވި ކަމަކަށްވެސް ވުން ގާތެވެ.