މިރޭ 12:00 ޖަހާއިރު - ދިރާގުޓީވީ އޮފްވާނެ، އެސްއެސް ނެޓް އޮންވާނެ

އެސްއެސް ނެޓު ވަނީ 71 ޗެނަލް ފާސް ކުރަން ހުށަހަޅާފަ އެވެ. ފަށާއިރު 119 ޗެނަލަށް އިތުރު ކުރުމަކީ އެ ކުންފުނީގެ މަގުސަދެކެވެ.

ބްރޯޑްކޮމްގެ މެންބަރުން ކޮޅެއް އެކުވެލައި ގުޅިގެން ހެދި ގަވާއިދަކާ ގުޅިގެން ޓީވީގެ ހިދުމަތާ ދުރަށްދާން މަޖުބޫރުވި މުއާސަލާތީ ކުންފުނި ދިރާގު ޓީވީގެ ހިދުމަތް މިރޭ ދަންވަރު 12:00 ގައި އެއްކޮށް ނިވާލައި އަނިދިރިވާނެ އެވެ. ދިރާގު ޓީވީގެ ހިދުމަތް "ނިވާލުމާ" އެކު މިރޭގެ އެ ގަޑިގެން ފެށިގެން ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް) ގެ އެސްއެސް ނެޓްގެ ބޮކި ދިލޭނެ އެވެ. ދެކަން އެއް ފަހަރާ ހިނގާނީ މިރޭ ދަންވަރު އެވެ. 

"ދިރާގު ޓީވީ މިރޭ ހުއްޓާލާއިރު އެސްއެސް ނެޓްގެ ހިދުމަތް ދިރާގު ޓީވީ ނެޓްވާކްގެ ތެރެއިން ފެށިގެން ދާނެ. ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފައި،" އެސްއެސް ނެޓުގެ ސީއޯއޯ މުހައްމަދު އާސިފު (މޮންދު) ވިދާޅުވި އެވެ.

ފަށާއިރު 119 ޗެނަލް ؛ ހިލޭ ފެބުރުއަރީއެއް

އެސްއެސް ނެޓުން ދަނީ މާދަމާ ހިދުމަތަށް ނުކުންނަން ވާއިރަށް ކަސްޓަމަރުންނަށް އާ ޗެނަލްތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ވަނީ މި ޗެނަލްތައް ހޯދަން ބްރޯޑްކޮމްއަށް ވެސް ހުށަހަޅާފަ އެވެ. އަދި އެސްއެސްނެޓުން ވަނީ ހިދުމަތަށް ނުކުންނަންވާއިރަށް 119 ޗެނަލް ހިލޭ ދޭން ނިންމާފަ އެވެ. އަދި އާންމު ހުރިހާ ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ހިދުމަތް ދޭނެ އެވެ. 

މޮންދު ވިދާޅުވި ގޮތުގައި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ވަނީ ފާސް ކޮށްދީފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލަމުންދާ ސޮނީ އާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ އާއި ސްޓިންގް ރޭ އަދި ލަވްނޭޗާ އާއި ފޯކޭ އައުޓްޑޯ އަދި ޒޫމޫ ފަދަ ދިވެހީންގެ މަގުބޫލު ގިނަ ޗެނަލްތަކެއް ވެސް ހިމެނެ އެވެ. 

އެސްއެސްނެޓުން ބުނި ގޮތުގައި މިހާރު ފާސް ކޮށްދީފައިވާ 48 ޗެނަލްގެ އިތުރުން 71 ޗެނަލެއް ފާސް ކޮށްދޭން ބްރޯޑްކޮމް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ލިބޭނެ ހަބަރު ޗެނަލްތަކުގެ ތެރޭގައި ސީއެންއެން އާއި ބީބީސީ އަދި ސްކައި ނިއުސް އާއި އަލްޖަޒީރާ އަދި ފްރާންސް 24ގެ އާއި އާރްޓީ އާއި އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެ އެވެ. 

ވިޔަފާރީގެ ހަބަރާއި މަޢުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބާގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެ އެވެ. ކުޑަކުދިންގެ މަގްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވޯކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވަލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލަރސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެ އެވެ. މީގެ އިތުރުން މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ޤުރްއާނާއި ސަޢުދީ އަރަބިޔާގެ އެހެން ޗެނަލްތައް ހިމެނެ އެވެ. 

އެސްއެސް ނެޓް ކޮންބައެއް؟ - ސިޔާމްގެ މި ކުންފުނި އުފައްދާފައި ވަނީ މި އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ. އެ ކުންފުނީގެ ޑިރެކްޓަރުގެ ގޮތުގައި ތިއްބަވަނީ ސަން ޓްރެވަލް ސިޔާމްގެ ދަރިކަލެއް ކަމަށްވާ ފާތުމަތު ޝަރައު ޝިޔާމް އާއި ޝަބީބު ޝިޔާމް މުހައްމަދުގެ އިތުރުން ސަން ގްރޫޕުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ ސަން ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު ޒުލެއިހާ މަނިކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.