ރައީސް ސޯލިހު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އިންތިހާބުތައް އަބަދުވެސް އޮޅުވާލާ ކަމުގެ ޝަކުވާތައް އޮވެއެވެ. އަދި ވަރަށް ބޮޑެތި ހަމަނުޖެހުމާއި މައްސަލަތައް ވެސް އުފެދިފައި ވެއެވެ.
ވޯޓު އޮޅުވާލާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޓީކެޓް ހޯއްދަވަން އެ މަނިކުފާނު ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްގައި ވޯޓް ލެއްވުމަށް ފަހު ރައީސް މިއަދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް އޮޅުވާލުމުގެ ކަމެއް ހިނގާފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް މި ވޯޓު ތެރޭގައި ހިނގާނެ ކަމަށް ގަބޫލެއް ނުކައްވާ ކަމަށެވެ.
"ވޯޓް އޮޅުވާލާނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެއްވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދުވެސް ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށާއި ޑަބަލް ޑިޖިޓެއްގެ ތަފާތުން ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.
"ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާ ދުވަހެއް މިއީ. ވޯޓުލާ ނިމި، ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާނެ ދުވަހެއް. ސުލްހަވެރިކަމާ އެކު ވޯޓުލުން ނިމި އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރަން ފެށޭނެ ކަމަށް އުންމީދު ކުރަނީ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެކުގައި އެންމެން ކުރާ މަސައްކަތުން" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އިންތިހާބުތައް އަބަދުވެސް އޮޅުވާލާ ކަމުގެ ޝަކުވާތައް އޮވެއެވެ. އަދި ވަރަށް ބޮޑެތި ހަމަނުޖެހުމާއި މައްސަލަތައް ވެސް އުފެދިފައި ވެއެވެ. އެފަދަ މައްސަލަތެއް އަދި ޝަކުވާތަކެއް ނެތި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ނިމިފައި ވަނީ ވަރަށް މަދުންނެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް އަބަދުވެސް ފޯރިގަ އެވެ. އަދި ސަމާލުކަން ބޮޑެވެ.