އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޕްރީލް 10 ގެ ނިޔަލަށް އޮންލައިންކޮށް އޮންނާނެ އެވެ. ހައިރައިޒްގެ މި އެވޯޑު ހާއްސަ ވަނީ ދެކުނު އޭޝިއާގެ ޓޫރިޒަމަށެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ސިނާއަތަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ) ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ރާއްޖޭގެ ހައިރައިޒް ކުންފުނިން އިންތިޒާމު ކުރާ ސަޓާ އެވޯޑް ބޭނުންވާ ޓޫރިޒަމް ސިނާއަތުގެ ފަރާތްކަށް ނަން ހުށަހަޅަން ހުޅުވާލައި އެ ކުންފުން ބުނީ ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރި ކުރާ ފަރާތްތަކުން އިންތިޒާމު ކުރަމުން ގެންދާ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނޮމިނޭޓް ކުރުމުގެ ފުރުސަތު އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް އޮންނާނެ އެވެ.
މި އެވޯޑު ދެނީ އެކި ގައުމުތަކުގެ 15 އަށްވުރެ ގިނަ ފަރާތުން އެންޑޯޒްކޮށް ނުވަތަ ބަލައިގަނެގެން އެ ފަރާތްތަކުގެ ބައިވެރިވުމާއެކުގަ އެވެ.
ސަޓާ އެވޯޑުގައި އަގު ވަޒަންކޮށް އެވޯޑުދޭ ދާއިރާތަކުގެ ތެރޭގައި ޓްރެވަލް އެޖެންސީތަކާއި ހޮޓާ އަދި ގެސްޓްހައުސްތަކުގެ އިތުރުން އެއާލައިންތަކާއި މަންޒިލްތައް ހިމެނެ އެވެ. މި އެވޯޑު ދިނުމުގައި ޖަޖުންގެ ގޮތުގައި ބައިވެރިވަނީ ޓޫރިޒަމް ދާއިރާގެ އެންމެ ޕްރޮފެޝަނަލް އެކްސްޕާޓުންގެ ޓީމަކުންނެވެ.