ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެ ރަށަށް ވަޑައިގަތުމުން ގިނަ ބަަޔަކު ނިކުމެ އެކަމަނާއާ ދެކޮޅަށް ވަނީ އަޑުއުފުލާފައެވެ. ދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރައީސް ސޯލިހްގެ އަރިހުގައި ތިނަދޫއަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރަކު ވަނީ މޫސަގެ "އަނގަ ބަންދު" ކޮށްލާފައެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެ ރަށަށް ވަޑައިގަތުމުން ގިނަ ބަަޔަކު ނިކުމެ އެކަމަނާއާ ދެކޮޅަށް މިއަދު އަޑުއުފުލައިފި އެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރައީސް ސޯލިހްގެ އަރިހުގައި ތިނަދޫއަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރަކު ވަނީ މޫސަގެ "އަނގަ ބަންދު" ކޮށްލާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހާއެކު މޫސާ މަނިކު ގެންދަވަނީ އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. ހުވަދޫގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ. ތިނަދޫ އިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ނަމަވެސް މި ދަތުރުގެ ތެރެއިން އެންމެ ބޮޑަށް ވައިރަލްވީ އެމްޑީޕީގެ މެންބަރަކު މޫސާ މަނިކަށް ފާޑު ކިޔާ ވާހަކަ ދައްކާ އަޑު އިވޭ ވީޑިއޯ އެކެވެ. އެއީ ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. މާލެއަށް ނިސްބަތްވާ އެ އަންހެން މީހާއަކީ ތިނަދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.
އޭނާ ވަނީ މޫސައަށް ފާޑު ކިޔާ، ވާހަކަ ދެއްކުމުގެ ވަރަށް ބޮޑު ކުޅަދާނަ ކަމެއް ލިިބިފައިވާ މޫސަގެ "އަނގަ ބަންދު" ކޮށްލާފައެވެ.
މޫސަވެސް ވަނީ އެ އަންހެން މީހާއަށް ރައްދު ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް މޫސައަށް ދޫދެއްވުމެއް ނެތި އޭނާ ވަނީ މޫސައަށް ފާޑުކިޔާފައެވެ. މޫސައަކީ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ހުރި ބޭފުޅެއް ކަމަށް ބުނެ އެފަދަ ބޭފުޅަކު ޕްރޮމޯޓް ކުރާނީ ކިހިނެތްތޯވެސް އޭނާ ސުވާލު ކުރެއެވެ.
މޫސަ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަން މަސައްކަތް ކުރައްވާފައެވެ. އަދި އެމްޑީޕީއަކީ ރައީސް ނަޝީދުގެ އެކަނި ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ ރައްދު ދެއްވައެވެ.
މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެ ރަަށަށް ވަޑައިގަތުމުންވެސް މިއަދު ވަނީ މުޒާހަރާ ކޮށް އަޑުއުފުލާފައެވެ. އޭނާ އާ ދެކޮޅަށް އަޑުއުފުލި މީހުން ވަނީ ސަރުކާރުންވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ބުނެ އަޑުއުުފުލާފައެވެ.
ހިސާންގެ ފަހަތުން އެ މީހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުން ހިނގާފައެވެ.
ހިސާންއަކީވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ހިސާނަކީ ކުރީން ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންތަކުގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.
އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ތުޅާދޫއަށް ރައީސް ނަޝީދު ވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު މި ފަހަރުވެސް ވަނީ ދައްކާލާފައެވެ.