ރައީސް ވިދާޅުވި ގޮތުގައި އެމްޑީިޕީގެ ޕްރައިމަރީން ނިންމަންވީ އެނބުރި މަގުމައްޗަށް ދާނީތޯ ނުވަތަ މިހާރު އޮތް ހަމަޖެހުމާއި ތަރައްގީ އިތުރަށް ހޯދަން ކުރިއަށް ދާނީތޯ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން ވެރިކަން އިދިކޮޅު -- ޕީޕީއެމަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ތިން އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ހއ. އަތޮޅުގެ އިހަވަންދޫއަށް ވަޑައިގެން ދެއްކެވި ވާހަަކަފުޅުގަ އެވެ. ރައީސް ސޯލިހް ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީގައި ގޮތް ނިންމާއިރު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމަށް އައީ ގިނަ ވައުދުތަކަކާއެކު ކަމަށާ އެ ވައުދުތަކުގެ ތެރެއިން ވަރަށް ގިނަ ވައުދުތަކެއް މިހާރު ފުއްދިފައިވާ ކަމަށެވެ. ބައެއް ވައުދުތައް ފުއްދުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގެންނެވީ ވައުދުތައް ފުއްދެވުމުގެ ފުރިހަމަ ޕްލޭނެއް އޮވެގެންނެވެ. އަމާޒު އޮތީ ދައުރުގެ ފަހު އަހަރު ފެށެންވާއިރަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއްގެ މަސައްކަތް ފެށުމެވެ. ނަަމަވެސް އެ މަސައްކަތަށް ކުރިމަތިވި ހުރަހަކީ ކޮވިޑް ކަމަށް ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމާއެކުވެސް މިދިޔަ ފަސް އަހަރުގެތެރޭ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ މި ސަރުކާރުން ކަމަށް ވިދާޅުވެ ތަފާސް ދެއްވިއެވެ. އަދި އިހަވަންދޫ ދާއިރާގެ ރަށްތަކަށް ކުރެވިފައިވާ ހަރަދުގެ ތަފްސީލުވެސް ހިއްސާ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމްޑީިޕީގެ ރިޔާސީ ޕްރައިމަރީން މެންބަރުން ނިންމާނީ އެނބުރި މަގުމައްޗަށް ދާނީތޯ ނުވަތަ މިހާރު އޮތް ހަމަޖެހުމާއި ތަރައްގީ އިތުރަށް ހޯދުމަށް ކުރިއަށް ދާނީތޯ އެވެ. ޕްރައިމަރީން ނިންމާ ގޮތަކުން ވެރިކަން އިދިކޮޅަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އިހަވަންދޫއަކީ އެމްޑީޕީގެ ހަބެއް. މި ދާއިރާއިން މި ޕްރައިމަރީގައި ނިންމާ ގޮތެއް އެއީ އެެހެން ދާއިރާތަކުންވެސް ބަލާނެ ކަމެއް،"
ރައީސް އިހަވަންދޫގައި ވެސް ވިދާޅުވީ ޕްރައިމަރީން ބޮޑުތަނުން މޮޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.