ޖަނާ ވަނީ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްގެ ރައީސްކަން ކުރައްވައި އިފޮޕްކާގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
ކޮމަންވެލްތުގެ ވިޔަފާރިވެރިންގެ "ކްލަބް" ގްލޯބަލް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ދިވެހި ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ހަމަޖައްސައިފި އެވެ.
ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ ބޯޑަށް ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އައްޔަން ކުރިކަން އިއުލާނު ކުރުމާއެކު އެ ޖަމިއްޔާ އިން ވަނީ ޖަނާ ކޮށްފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާ ލައްވައި ތައުރީފުކޮށްފަ އެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުން ޖަނާގެ ލީޑަޝިޕްގެ ދަށުން ޓޫރިޒަމާ ގުޅުންހުރި 53 އަށް ވުރެ ގިނަ ރިސޯޓް މަޝްރޫއު ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގެ ހޮޓެލް އެންޑް ރިސޯޓްސްއަކީ އެ ކުންފުނީގައި އިން-ހައުސް ޑިޒައިން އާއި އެހެނިހެން ޓީމުތަކާއެކު ޓާންކީ މޮޑެލްއަށް ޓޫރިޒަމް މަޝްރޫއު ހިންގާ ކުންފުންޏެއް ކަމަށެވެ.
ޖަނާގެ ބެލުމުގެ ދަށުން ނިންމާފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ގަތަރުގެ ދޯހާގެ އަނަންތަރާ ބަނާނާ އައިލެންޑް ރިސޯޓާއި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހިމެނެ އެވެ. އަދި ހޮޓެލް އެންޑް ރިސޯޓްސްއަށް ފާއިތުވި އަހަރުތަކުގައި ގޯލްޑް 100 އެވޯޑް އެތައް ފަހަރަކު ލިބިފައިވާކަން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެ އެވެ.
ކޮމަންވެލްތް އެޑްވައިޒަރީ ބޯޑުން ބުނެފައިވާ ގޮތުގައި ޖަނާއަކީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ވިޔަފާރީގެ އެކި ދާއިރާގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ވިޔަފާރިވެރި އެކެވެ.
އަދި އޭނާއަކީ ރާއްޖޭގެ ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މިހާރުގެ ރައީސްކަން ފާހަގަ ކުރަމުން ކޮމަންވެލްތުން ބުނެފައިވާ ގޮތުގައި ޖަނާ ވަނީ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްގެ ރައީސްކަން ކުރައްވައި އިފޮޕްކާގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. އަދި އޭނާއަކީ ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސަލް އެވެ.
ޖަނާއަށް ވަނީ ރާއްޖޭގައި ދޭ ގައުމީ ގިނަ އިނާމުތަކެއް ލިބިވަޑައިގެންފައިވެ އެވެ. އެފަދަ އެވޯޑުތަކުގެ ތެރޭގައި 2017 ވަނަ އަހަރު ސަރުކާރުން ދެއްވި އާކިޓެކްޗާ އަދި ކޮންސެލްޓެންސީ ދާއިރާ އިން ލިބިވަަޑައިގެންނެވި ގައުމީ އިނާމް އާއި 2018 ވަނަ އަހަރު މޯލްޑިވްސް އެންޓްޕްރުނިއާ އެވޯޑް ހިމެނެ އެވެ.