25 ރިސޯޓެއް މުއްދަތު ގަރުނަކަށް ދަމާލައިިފި ؛ މިހަމަ ވާނެ ގޮތް

ރިސޯޓުތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް ދަމާލެވޭނީ ގަނޑުކޮށް 10 މިލިއަން ޑޮލަރު ސަރުކާރުގެ މާލިއްޔާއަށް ދީފަ އެވެ. މިގޮތަށް ރަށްތަކުގެ ލީޒް އެކްޓެންޑް ކޮށްލައިދީގެން މިދިޔަ އަހަރު 125 މިލިއަން ޑޮލަރު ހޯދި އެވެ.

ރާއްޖޭގައި ހަދަމުންދާ ރިސޯޓެއް؛ ރިސޯޓުގެ ކުލީގެ މުއްދަތު އިތުރު ކުރެވޭނެ ގާނޫނެއް އޮވޭ -- ހޮޓެލިއާގެ ފޮޓޯއެއް

ރާއްޖޭގައި 160 އަށްވުރެ ގިނަ ރިސޯޓު އޮވެ އެބަހިނގައެވެ. މި ރަށްތައް ކުއްޔަށް ދީފައިވާ މުއްދަތު އެނގޭ ހެއްޔެވެ؟ މި ރަށްތައް ކުރިއަށް އޮތް ދެ ޖީލުގެ ކޮޅުންވެސް އިތުރު ބަޔަކަށް "އަތުނުވާނެ" ކަން އެނގެނީ ކިތައް މީހުނަށް ހެއްޔެވެ؟ 

ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ކުއްޔަށް ދިނީ 20 އަހަރަށެވެ. އޭގެ ފަހުން 35 އަހަރަށް އެ މުއްދަތު އިތުރުވި އެވެ. އަދި ފަހުން 50 އަހަރަށް މުއްދަތު ދަމާލި އެވެ. އެ ބަދަލަށް ފަހު އުފަންވަން ކުރުވި އުސޫލަކީ ގާތްގަނޑަކަށް ގަރުނަކަށް / 99 އަހަރަށް ރަށް ކުއްޔަށް ދޭން މަގުފަހިވާ އުސޫލެކެވެ. މި އުސޫލު ވުޖޫދުވީ ޓޫރިޒަމް ގާނޫނަށް 2010 ގައި އުފަންކުރުވި އިސްލާހަކުންނެވެ. އެކަމަކު އޭރު ފުރުސަތު ލިބެނީ ސަރުކާރު ކުންފުނިތަކަށެވެ. މި އިސްލާހު ފުޅާވެގެން ގޮސް މިހާރު 99 އަހަރު، ގާތްގަނޑަކަށް ގަރުނަކަށް ރިސޯޓެއްގެ ކުލީ މުއްދަތު ދަންމާލެވިދާނެ އެވެ. 

މިދިއަ އަހަރު ނިމުނު އިރު ކިތައް ރަށް؟ - މިދިޔަ އަހަރު ނިމުނުއިރު މިގޮތަށް 25 ރަށެއްގެ ވަނީ 99 އަހަރަށް ނުވަތަ ގާތްގަނޑަކަށް ގަރުނަކަށް ނުވަތަ "ކުޑަ ގަރުނަކަށް" ކުއްޔަށް ދީފައިވާ މުއްދަތު ދަމާލާފަ އެވެ. ދެން މި 25 ރަށް އަނބުރާ ދިވެހި ރައްޔިތުންނަށް އަތު ވާނީ ގަރުނެއްގެ ފަހުންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފެކްޓް ޝީޓްތަކެއްގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ކުއްޔަށް ދީފައިވާ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކޮށްގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 125 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ވައްދާފަ އެވެ. 

މި ފައިސާއަކީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުން ލިބުނު ފައިސާ އެވެ. "މި" ނޫހަށް އެނގިފައިވާ ގޮތުގައި މިހާތަނަށް 25 ރިސޯޓެއްގެ ކުލީގެ މުއްދަތު ވަނީ 50 އަހަރުން 99 އަހަރަށް މިދިޔަ އަހަރު އިތުރު ކޮށްފަ އެވެ. އޭގެ މާނައަކީ މި ރިސޯޓުވެރިންނަށް އިތުރު 49 އަހަރު އިތުރުވީ އެވެ. މިކަން ކުރެވޭނީ އެއްފަހަރާ 10 މިލިއަން ޑޮލަރު ސަރުކާރަށް ދީގެނެވެ. 

99 އަހަރަށް ދަމާލުމުން

  •  ރިސޯޓުވެރިންނަށް އިތުރު 49 އަހަރު ލިބޭނެ
  •  ރިސޯޓްވެރިޔާ އެއްފަހަރާ 10 މިލިއަން ޑޮލަރު ސަރުކާރަށް ދޭނެ
  •  ދައުލަތަށް 125 މިލިއަން ޑޮލަރު ލިބޭނެ

ކުލީގެ މުއްދަތު އިތުރު ކުރެވޭ ގޮތެއް ވެސް އޮންނާނެ އެވެ. އެ ގޮތަކީ ކޮބައި ހެއްޔެވެ؟ ރިސޯޓެއްގެ ކުލި 99 އަހަރަށް ދަމާލުމުން ދައުލަތަށް ލިބޭ މަންފާއަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންނަށް ލިބޭ އެއްޗަކީ ކޮބައި ހެއްޔެވެ؟ ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދެވޭނެ ގޮތް ހެދީ ކޮން އިރަކު ހެއްޔެވެ؟ 

ޓޫރިޒަމް ގާނޫނަށް 2010 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން އިސްލާހެއް ގެނަ އެވެ. އެ އިސްލާހާއެކު ރިސޯޓެއްގެ މުއްދަތު 50 އަހަރަށްވުރެ ދިގުކޮށް 99 އަހަރަށް ދަމާލުން ފެށިގެން ދިޔަ އެވެ. އޭގެ ކުރީގައި ރިސޯޓެއް ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 50 އަހަރެވެ. ނަމަވެސް އެ ފަހަރު ގެނައި އިސްލާހާއެކު ރިސޯޓެއް ނުވަތަ ބިމެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެދިއްޖެނަމަ އެ ބިމެއް 99 އަހަރަށް ކުއްޔަށް ދޭން ފުރުސަތު ފަހިވި އެވެ.

އޭރުގެ ޝަރުތުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާގެ މަދުވެގެން 50 ޕަސެންޓް އާއްމުންނަށް ވިއްކާފައިވުމާއި ކުންފުނީގެ އަސާސީ ގަވާއިދުގައި ރިސޯޓު ހިންގުމާއި ބިނާ ކުރުން ހުރުން ލާޒިމްކުރެ އެވެ. ނަމަވެސް އޭރުގެ އިސްލާހުގައި ކުލީ މުއްދަތު ދަމާލިޔަސް ދައުލަތަށް އެއްވެސް ފައިސާއެއް އިތުރަށް ލިބޭނެ ގޮތެއް ނެތެވެ. 

ޑރ. އަބްދުﷲ މައުސޫމް މިއަދު މަޖިލީހުގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ

ނަމަވެސް، ޓޫރިޒަމް ގާނޫނުން އަމިއްލަ ފަރާތް ތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މުއްދަތު 99 އަހަރަށް ދަމާލުމުގެ ބާރުދީ ޓޫރިޒަމް ގާނޫނު އިސްލާހު ކުރީ ޕީޕީއެމް ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ 2015 ވަނަ އަހަރު އެވެ. 

މި އިސްލާހާއެކު އިތުރު 49 އަހަރަށް ރިސޯޓުގެ މުއްދަތު ދަމާލުމުގެ ފުރުސަތު ފަހިވި އެވެ. އަދި މި އިސްލާހާއެކު 99 އަހަރަށް ރިސޯޓުގެ ކުލީގެ މުއްދަތު ދަމާލާނަމަ އެއް ފަހަރާ ފަސް މިލިއަން ޑޮލަރުގެ ފީއެއް ގަނޑުކޮށް ދައްކަން ޖެހޭނެ ގޮތަށް ހަމަޖެއްސި އެވެ. 

މި އިސްލާހު ގެނައިތާ ހަތް އަހަރު ފަހުން މި ސަރުކާރުން އެމްޑީޕީގެ ފުލް ހައުސް މެޖޯރިޓީ އޮތް ރައްޔިތުން މަޖިލީހުން ވަނީ ރިސޯޓު ކުލި 99 އަހަރަށް އިތުރުކޮށް ނަގަމުން ގެންދާ ފީ ފަސް މިލިއަން ޑޮލަރުން 10 މިލިއަން ޑޮލަރަށް މައްޗަށް ޖައްސާފަ އެވެ. 

މި އިސްލާހު ގެނެސް ދެ އަހަރުގެ ޓައިމް ފްރޭމްއެއް ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓުގެ ކުލި 99 އަހަރަށް ދަމާލަން ސަރުކާރުން ފުރުސަތު ދިނެވެ. މި ފުރުސަތުގެ ސުންގަޑިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަ ވެފަ އެވެ. ހަމަވީއިރު މިހާތަނަށް 25 ރިސޯޓަކުން މިވަނީ ކުލީގެ މުއްދަތު އިތުރުކޮށް "ގަރުނަކަށް" ދަމާލާފަ އެވެ. 

"ކުޑަގަރުނު" ގެ ފަސްމަންޒަރު - ޓޫރިޒަމަށް ބިން 99 އަހަރަށް ކުއްޔަށް ދިނުން ފެށީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭރު ފީއެއް ނުނަގަ އެވެ ފުރަތަމަ ފުރުސަތު ދިނީ ސަރުކާރު ކުންފުނިތަކަށެވެ. އަމިއްލަ ފަރާތްތަކުގެ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން ފެށީ 2015 އިން ފެށިގެންނެވެ. އޭރު އެކްސްޓެންޝަން ފީގެ ގޮތުގައި އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކްސްޓެންޝަން ފީ 10 މިލިއަން ޑޮލަރަށް ބަދަލުވީ މިދިޔަ އަހަރު ފެށިގެނެވެ.

ރިސޯޓު އިންވެސްޓްމަންޓް 10 އަހަރުން ކަވަރުވޭ

ރާއްޖޭގައި ދުނިޔޭގެ މަަޝްހޫރު ޓޫރިޒަމް ބްރޭންޑުތަކުން ރިސޯޓު ހިންގާއިރު ޓޫރިޒަމަށް ލިބޭ ކަމަށް ހިސާބުތަކުން ދައްކަނީ ހަތަރު ބިލިއަނެއްހާ ޑޮލަރެވެ. 

އަދި ޓޫރިޒަމް ދާއިރާއިން މިދިޔަ އަހަރު ޑޮލަރުން ލިބުނީ 800 މިލިއަން ޑޮލަރެވެ. ރަށްތަކުގެ މުއްދަތު ދަންމާލަމުންދާއިރު ރާއްޖޭގައި އެވްރެޖުކޮށް 200 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރުން ރިސޯޓެއް ހެދެ އެވެ. އަދި ރިސޯޓެއް ހެދި އިންވެސްޓްމަންޓް ކަވަރުވެ ފައިދާއަށް ބަދަލުވާން ކޮވިޑުގެ ކުރީގައި ހަތް އަހަރު ނަގަ އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 10 އަހަރަށް ވުރެ ދިގު ވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.