އެއްވެ ހިޔާލު ފާޅު ކުރުމުގެ ހައްގެއް ނުދޭ، ދެނީ އަނިޔާ!

އިހުތިޖާޖުކޮށް މުޒާހަރާ ކުރާ މީހުން ހައްޔަރު ކުރެއެވެ. ބަންދު ކުރެއެވެ. މަސް ދުވަހަށް / ދެ މަސް ދުވަހަށް ގޭ ބަންދު ކުރެ އެވެ. އިހުތިޖާޖު ކުރާ މީހުނަށް އަމާޒުކޮށް އަނިޔާވެރި ކަން އިސްކޮށް މޫނާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހަ އެވެ.

އައްޑޫ އަތޮޅުގައި އިދިކޮޅުން މުޒާހަރާ ކުރަނިކޮށް ފުލުހުން އަރައިގެނެ އެއެއް މިއެއް ނުބަލައި ވަނީ ޕެޕާ ސްޕްރޭކޮށްފައި

ޑިމޮކްރެޓިކް ވެއްޓެއްގައި އެންމެ ފުޅާކޮށް ލިބިދެވޭ އެއް ހައްގަކީ މިނިވަން ކަމާއެކު ހިޔާލާއި ޝުއޫރުފުޅުކޮށް އިހުތިޖާޖާއި މުޒާހަރާކޮށް އަޑުއުފުލުމުގެ ހައްގެކެވެ. ބައެއް މުޖްތަމައުތަކުގައި އިމެއް މިނެތް ނެތް ގޮތަށް އެންމެ ފުޅާކޮށް ލިބިދީފައި އޮތް ހައްގަކީ އެއީ އެވެ. ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުުމުގެ ދަތުރުގައި ވެސް އެންމެ ބޮޑަށް އަޑުއުފުލާން ޖެހުނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ނެތިގެނެވެ. އެއްވެ އުޅުމާއި ބަސް ބުނުމުގެ ހައްގު ނެތިގެނެވެ. އެކަން ކުރާ ކޮންމެ މީހެއްގެ ބޮލަށް އަރައިގަނެ، ލޮލަށް ޕެޕާ ސްޕްރޭ ޖަހައި މުގުރުބުރީގެ އަނިޔާއާ އަހުވަ ދައްކަމުން ދިއުމެވެ. ޖަލު ގޮޅީގައި ބަންދުކޮށް ލާއިންސާނީ އަނިޔާ ދޭތީ އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީން ގަދަ އަޑުން ވާހަކަ ދައްކައި ވީ ވައުދަކީ މިީ އެވެ: އެމްޑީޕީގެ ވެރިކަމެއްގައި ހިޔާލުފާޅު ކޮށްގެން މީހަކު ހައްޔަރު ނުކުރާނެ އެވެ. އިހުތިޖާޖު ކުރުމަކީ އެންމެ އަސާސީ އެއް ހައްގުކަން ކަށަވަރު ކޮށްދޭނެ އެވެ. ރައްޔިތުންގެ ލޮލާއި މޫނަށް ޖަހަން ޕެޕާ ސްޕްރޭ އާއި ގައިގައި ތަޅަން މުގުރުބުރި ދިނުން ހުއްޓާލާނެ އެވެ. ރައްޔިތުންނަށް ވޭނާއި އަނިޔާ ދައްކަން ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ގަތުމަށް ކުރާ ބޭކާރު ހަރަދު ހުއްޓާލާނެ އެވެ. ހިޔާލުފާޅު ކުރުމާއި ބަސް ބުނުމާއި އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުމުގެ ހައްގާއި ގުޅިފައި ކޮންމެ ކަމަކަށް ފުރުސަތު ދޭނެ އެވެ. -- މި ބާވަތުން ކިތަންމެ ވައުދެކެވެ.

މިހާރު މި އޮތީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ސަރުކާރެކެވެ. އެ ވައުދުތަކުގެ ހަނދާން ސަރުކާރުން ކުރޭ ހެއްޔެވެ؟ ރާއްޖޭގައި އެއްވެސް ހިފެހެއްޓުމެއް ނެތި މުޒާހަރާ ކުުރުމާއި އިހުތިޖާޖު ކުރުމުގެ ހައްގު އެބައޮތް ހެއްޔެވެ؟ ބޭނުން ތާކަށް އެއްވެ އަޑު އުފުލޭ ހެއްޔެވެ؟ ބަސް ބުނުމުގެ ހަގީގީ މިނިވަންކަން އެބައޮތް ހެއްޔެވެ؟ މުޒާހަރާކޮށް އިހުތިޖާޖު ކުރާ މީހުން ހައްޔަރު ކުރުން ވަކި ހުއްޓިއްޖެ ހެއްޔެވެ؟ ޖަލު ގޮޅި އާއި ގޭ ބަންދުގައި މިހާރު ނުބައިތިއްބާ ހެއްޔެވެ؟ މުޒާހަރާ ކުރާ މީހުންގެ ލޮލާއި ބޮލަށް، މޫނާ ގަޔަށް ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ނުޖަހާ ހެއްޔެވެ؟ ފަހައި ދުވެ އޮބައި ގަނެގެން މުސްކުޅިއެއް ވެސް ނުބަލައި އަނިޔާ ނުކުރޭ ހެއްޔެވެ؟

އިދިކޮޅު މުޒާހަރާއެއް ފަހަތަށް ޖައްސައި ރޫޅައިލަން ފުލުހުން މަސައްކަތް ކުރަނީ: ފުލުހުން އަނިޔާވެރިކަން އިސް ކުރޭ

މި ހިނގަނީ އެމްޑީޕީގެ ބާރު ގަދަކޮށް އޮވެގެން ރާއްޖޭގައި އުފެދުނު ދެވަނަ ސަރުކާރެވެ. މުޒާހަރާ ކުރުމާއި އަޑު އުފުލުގެ ހައްގު ހޯދަން ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް ނުކުންނެވި ބޭފުޅުންގެ ސަރުކާރެކެވެ. ހަގީގަތަކީ ވެރިކަމަށް ވަޑައިގެންނެވުމާއެކު ކުރީން ދެއްކެވި ވާހަަކަތަކުގެ ރާގު ބަދަލުވުމެވެ. ތަން މިނަށް އޮންނަން ޖެހޭ ކަމަށް ވަކާލާތުކޮށް އަޑުއުފުލި ހައްގުތައް އެ ގޮތުގައި ދޭކަށް ސަރުކާރަކަށް ނުކެރުނެވެ.

ދާދި ފަހުން އެމްޑީޕީގެ ހަރުގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެށުމުގެ ޖަލްސާ ބޭއްވި އެވެ. އެމަނިކުފާނުގެ ކެމްޕޭން ޖަލްސާ ހަރުގޭގައި އޮންނަ ވަގުތާއި ދިމާކޮށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން އެއްްވީ ހަރުގެ ކުރިމަތީން އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އެކަން އިދިކޮޅު ދެ ޕާޓީން އޮތީ ކުރީން އިއުލާނު ވެސް ކޮށްފައެވެ. އެހެން ކަމުން ރައީސް ވަޑައިގެންނެވުމުގެ ކުރީން ފުލުހުންގެ ބޮޑު ފޯސްއެއް އެ ސަރަހައްދަށް ގޮސް އިދިކޮޅުގެ ސަފުތައް ފަހަތައް ޖެއްސި އެވެ. އެކަމަކު ވެސް ދެ ޖަލްސާ އެކުއެކީ ފެށި އެވެ. ރައީސް ސޯލިހް ވާހަކަ ދައްކަވަން ފެއްޓެވިއިރު އެމަނިކުފާނަށް ނިސްބަތްކޮށް އިދިކޮޅުގެ ސަޕޯޓަރުން ވަރުގަދައަށް އަޑުއުފުލަނީ އެވެ. ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން ވެސް ދިމާ ކުރަނީ އެވެ.

ވަރަށް ޖޯޝާ ފޯރީގައި ރައީސް ވިދާޅުވިއެވެ؛ ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލައި ދެއްވިއްޖެ އެވެ. އެއްވެސް ބިރެއް، ޖެހިލުމެއް، ހުރަސް އެޅުމެއް ނެތި އިދިކޮޅުގެ ސަޕޯޓަރުން އިހުތިޖާޖު ކުރަނީ އެވެ. މީހަކު ހައްޔަރެއް ނުކުރެއެވެ. ކަރުނަ ގޭހެއް ނުޖަހައެވެ. އެ މީހުން ފަހަތަކަށް ނުޖައްސަ އެވެ. މައިކު އަތުލާ ސައުންޑް ކަނޑައެއް ނުލައެވެ. ޕެޕާ ސްޕްރޭ އާ ކަރުނަ ގޭހެއް ނުޖަހަަ އެވެ.

އެ ޖަލްސާގައި ދިޔަ އާންމުންގެ ތެރޭގައި ހުންނެވި ފަސްޑް ލޭޑީ، މެޑަމް ފަޒްނާ އަހުމަދުވެސް ރައީސް ސޯލިހްގެ ކެތްތެރިކަމަށް ތައުރީފު ކުރައްވާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވި އެވެ. ރާއްޖޭގައި މިނިވަންކަން އޮތް މިންވަރު އެ ރޭ ހާމަވެއްޖެ ކަމަށް ވިދާޅުވަމުންނެވެ. ބިރެއް ނެތި ފުރަތަމަ ފަަހަަރަށް އިހުތިޖާޖުކޮށް އަޑުއުފުލުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގިނައިން ބޮޑެތި ދޮގު ހައްދަވާ ކަމުގެ ތުހުމަތާއި ފާޑުކިޔުން އޮންނަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- އޭނާ އަކީ ދީނީ ޝޭހެކެވެ -- ވެސް އެ މޭރުމުން ޓްވީޓް ކުރައްވާ ރައީސް ސޯލިހަށް ސަނާ ވިދާޅުވި އެވެ.

އެއީ ދެން ވާހަކައެކެވެ؛ އެ ރޭގެ އެ މަންޒަރަކީ ޖުމްލަ އަދި ހާލަތުގެ ހަގީގަތެއް ނޫނެވެ. ރައީސް ސޯލިހާއި މެޑަމް ފަޒްނާ އަދި ދާހިލީ ވަޒީރަށް ވެސް ފެނިވަޑައިނުގަތީ ނުވަތަ ފެނިވަޑައިގަންނަވާ ކަމަށް ނުހެެއްދެވީ އޭގެ ކުރީން ކަން ހިނގާފައިވާ އޮތެވެ. އަދި އެ ރެއަށް ފަހު މިއަދާ ހަމައަށްވެސް ކަން ހިނގަމުންދާ ގޮތެވެ.

ރައީސްގެ އިރުޝާދަށް / ނޫނީ އިމްރާންގެ އޯޑަރަށް ނަމަވެސް އެ ރޭ ކަރުނަ ގޭހެއް ބޭނުމެއް ނުކުރެ އެވެ. މީހަކު ހައްޔަރެއް ވެސް ނުކުރެއެވެ. ސައުންޑް އަތުލާ އިދިކޮޅުގެ އަޑެއް ކަނޑުވައެއް ނުލައެވެ. އެއީ އެ ރޭ އެ މަންޒަރު އެ ގޮތަށް ދައްކައި ޑްރާމާ ކުރަން އެ ބޭފުޅުން ބޭނުންވެގެނެވެ. ނުބައި ޕޮލިޓިކްސް ހިނގާ ގޮތަކީ ވެސް އެއީ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރި މުޒާހަރާއިން މީހަކު ހައްޔަރު ކޮށްގެން ދަނީ -- މި

އެ ޖަލްސާގެ ކުރީން ހިނގި ދިހަވަރަކަށް ރޭ އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުން ކޮންމެ ރެއަކު ވިހި ބާވީސް މީހުން ހައްޔަރަށް ނަގައެވެ. ކޮންމެ މީހަކު ހައްޔަރުކޮށް ފުލުހުންގެ ބަންދަށް ގެންދަނީ އަތް އަނބުރާލާ ގަދަކަމުން އޮބި އަޅުވައިގެނެވެ. އެ މަންޒަރުތައް އެ ހުރީ ކެމެރާތަކުގައި ރެކޯޑް ކުރެވިފައެވެ. ދިހަ ރެއިން ސަތޭކައެއްހާ މީހުން ހައްޔަރުކޮށް ބަންދަށް ގެންދިޔައެވެ.

ކޮންމެ ރެއަކު އެތައް ބަޔަކު ހައްޔަރު ކުރަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގަ އެވެ. ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ. މިއީ މި ފަހުން މިފަދަ އިހުތިޖާޖަކުން އެންމެ ގިނަ މީހުން ހައްޔަރު ކުރި ފަހަރެވެ. ވިދާޅުވާން ބޭނުންފުޅު ނޫނަސް ރައީސް ސޯލިހާއި މެޑަމް ފަޒްނާ އަދި ދާހިލީ ވަޒީރަށްވެސް މިކަން ހުރީ މިހެންކަން އެނގިވަޑައިގަންނަވާނެ އެވެ.

ދޮށީ އުމުރުގެ މީހަކު ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯ

އޭގެ ފަހުން އައީ އެއަށްވުރެ މާ ދެރަވަރު މަންޒަރުތަކެވެ. އެއް ރެއެއްގެ އިހުތިޖާޖު ތެރޭން އުމުުރުން 75 އަހަރުން މައްޗަށް ގޮސް ހުރި އަންހެނަކު އަނިޔާވެރިކޮށް ހައްޔަރު ކުރި އެވެ. އިހުތިޖާޖު ކުރަނިކޮށް ފަހަތުން ދުވެ ހަނި ގޯޅިއެއްގެ ތެރެއިން އަންހެން މީހާ ހައްޔަރު ކުރީ ބޮޑު ޓީމަކުންނެވެ. ދެ ފަރާތުން ފުލުހުންގެ ދެ އަންހެނުން ދޮށީ އުމުރުގެ އެ އަންހެން މީހާގެ ދެ އަތް އަނބުރާލާ އަނިޔާވެރިކޮށް ހައްޔަރު ކޮށްގެން ގެންދިޔައީ އެވެ.

އެ އަންހެން މީހާ އޭނާގެ ކުށަކީ ކޮބައިތޯ ސުވާލު ކުރެ އެވެ. ރަހުމްކުޑަ އަނިޔާވެރި ގޮތަކަށް އޭނާ ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެ އެތައް ބަޔަކު ރުޅިވެރިކަމާއެކު ސަރުކާރާއި ފުލުހުންނަށް ފާޑުކިޔުމުން ތިބެފައި ބުނީ އެ މައްސަލަ ވެސްބަލާނެ އެވެ. ނަމަވެސް އިހުތިޖާޖު ކުުރުމުގެ ހައްގާއި ފުލުސް އަނިޔާ ހުއްޓުވިއްޖެ ކަމަށް ވިދާޅުވި ރައީސް ސޯލިހާއި މެޑަމް ފަޒްނާ އާއި ދާހިލީ ވަޒީރު ވިދާޅުވި ވާހަކަ ދިމާވޭ ހެއްޔެވެ؟

މިދިޔަ ހުކުރު ދުވަހު ރައީސް ސޯލިހް އައްޑޫ ސިޓީއަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް ވެސް އެ ސިޓީގައި ތިބި އިދިކޮޅުގެ ސަޕޯޓަރުން އިހުތިޖާޖެއް ކުރިއެވެ. އެ އިހުތިޖާޖުން ވެސް ފެނުނީ ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތް ހަނި ކަމެވެ. ފުލުހުންގެ އަނިޔާވެރިކަން ފިލައި ނުދާ ކަމެވެ. އެއްވެފައިވާ މީހުންްގެ ތެރެއަށް އެއެއް މިއެއް ބަލާލުމެއް ނެތި ޕެޕާ ސްޕްރޭ ޖަހަމުން ދިޔައީ އެމްޑީޕީން ކުރީން މިކަންކަން ސިފަކޮށް ވާހަކަ ދެއްކި ގޮތަށް "ކުރަފި މަރާން ސްޕްރޭ ކުރާ" އުސޫލަށް ވުރެ ވެސް ހަޑިހުތުރު ކޮށެވެ.

މީގައި އެންމެ ހައިރާންވާ ކަމަކީ މިއިން އެއްވެސް އިހުތިޖާޖަކީ އެތައް ސަތޭކަ ބަޔަކު ބައިވެރިވި ބޮޑެތި އިހުތިޖާޖުތަކަށް ނުވެ، އެފަދަ އެކަށީގެން ނުވާ ބާރު ފުލުހުން ބޭނުން ކުރަމުން ދިއުމެވެ. މާލޭގައި ކުރިއަށްދާ އިދިކޮޅުގެ ސިލްސިލާ އިހުތިޖާޖުތަކުގަައި ވެސް ބައިވެރިވަނީ ތިރީހަކަށް މީހުންނެވެ.

ރައީސް އައްޑޫއަށް ވަޑައިގެން ވަގުތު އަޑުއުފުލި މީހުންގެ ތެރެއަށް ޕެޕާސްޕްރޭ ޖަހަނީ

އައްޑޫގައި ތިބީ ވެސް ލެވި ހަޅޭކެއް ލެވީ މަދު އަދަދެއްގެ މީސްކޮޅެކެވެ. އެވަރުގެ ކްރައުޑެއް ފަހަތަށް ޖެއްސުމުގެ ނަމުގައި އެވަރުގެ ބާރު ބޭނުން ކުުރުމުން ދޭހަކޮށް ދެނީ ރާއްޖޭގައި ހަގީގީ މާނާގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތުމެވެ. އެކަމަށް ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރުމެވެ. ފުލުހުންގެ އަނިޔާ ވެސް އިހުވަރުގައި ދެމި އޮތުމެވެ.

އިހުތިޖާޖު ކުރުމުން ދެ މަހަށް ގޭގައި ބަންދު

އިދިކޮޅި ލީޑަރު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެ މަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން މަރުދޭ ހިސާބުގައި ތިބޭ ބަޔަކު ހުއްޓާ ނުލައި ކުރާ އިހުތިޖާޖުގެ ތެރޭން، ފުލުހުންގެ ބަންދަށް ނަގާ މީހުން ފުރަތަމަ ކޮޅު ކޯޓަށް ނުގެންގޮސް ދޫކުރި އެވެ. ނަމަވެސް ފަހުން ފުލުހުންގެ ޓާގެޓެޑް ވަކި ބަޔަކު ބަންދުގައި ބައިތިއްބުމަށް ކޯޓަށް ހާޒިރު ކުރަން ފެށި އެވެ. މިހާތަނަށް އެ ގޮތަށް ހައްޔަރު ކުރި މީހުންނަށް އަމުރަށް ނުކިޔަމަންތެރިވުމާއި ހަމަނުޖެހުން އުފެއްދުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައި ވެއެވެ.

އެ މީހުން ބަންދުގައި ބައިތިއްބަން އަމުރު ދޭން ފުލުހުން ކޯޓްގައި އެދިފައި ވެއެވެ. އަދި ރޭގަނޑު އޮންނަ އިހުތިޖާޖުތަކުގައި ބައިވެރި ނުވެވޭ ގޮތް ހަދައިދޭން ވެސް އެދެ އެވެ. ކޯޓުން ވަނީ ބައެއް މީހުން މަސް ދުވަހަށް، އަނެއް ބައި މީހުން ދެ މަހަށް ގޭގައި ބަންދު ކުރުމަށް އަމުރުދީފަ އެވެ. އެ މީހުނަށް އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނަލެވެ. ކޮންމެހެންް ނުކުންނަން ޖެހުނަސް ނުކުމެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެނެވެ.

މިހާތަނަށް އެފަދަ އަމުރުތައް ނެރެ ގޭގައި ބަންދުކުރި މީހުންގެ ތެރޭގައި ވަޒީފާއަށްދާ މީހުން ވެސް ހިމެނެ އެވެ. ނަމަވެސް ވަޒީފާއަށް އެކަނި ދިއުމަށް ހުއްދައަށް އެދުމުން ވެސް އެ ފުރުސަތު ވެސް ކޯޓާއި ފުލުހުން ނުދިނެވެ. އިހުތިޖާޖު ކުރުމުން މަސް ދެ މަހަށް ގޭގައި ބަންދު ކުރުމަކީ އާ ގޮތެވެ. މިއީވެސް ހިޔާލުފާޅުކުުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުގައި ނެތް ކަމުގެ ފުރިހަަމަ ހެއްކެކެވެ.

އުވާލަން ބުނި ގާނޫނު އަދިވެސް އެގޮތުގައި

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓަރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް އޮގަސްޓް 18، 2016 ގައި ވަނީ ކަނޑައަޅާފަ އެވެ. އެއީ އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް ގެންނެވެ. އޭގެ ފަހަށް މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައެޅި އެވެ. އެއީ ރައީސް ޔާމީންގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި ބަދަލެކެވެ.

އެ އިސްލާހު ފާސް ކުރުމުން އޭރު އިދިކޮޅުގެ ފަރާތްތަކުން -- މިހާރު ސަރުކާރުގައި އޮތް ޕާޓީތަކުން -- ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. ބާރު ނުވަތަ ވެރިކަން ލިބުމުން އެކަން އިސްލާހު ކޮށް އެއްވެ އުޅުމުގެ ހައްގު ހޯއްދައިދޭނެ ކަމަށް ވައުދުވި އެވެ. ނަމަވެސް ސަރުކާރަށް ހަތަރު އަހަރުވެ ދައުރުގެ ފަހު އަހަރު ފެށުނުއިރު އެކަމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެވަރުން ނުވެގެން އެ ގާނޫނު ދިފާއުކޮށް ބަޔަކު މުޒާހަރާއެއް ރާވާނަމަ މުޒާހަރާ ކުރެެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަން ހަނދާން ކޮށްދީ ހޯމް މިނިސްޓަރީން ބަޔާން ވެސް ނެރެ އެވެ.

އަނެއްކޮޅުން 2019 އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ވަނީ ހުށައަޅުއްވާފަ އެވެ. މަޖިލީހުގެ ތަޅުމަށް ބިލު ބަލައިގަނެ، ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވި ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ބިލު ފާސް ކުރަން ބޭނުން ނުވާތީ ކޮމެޓީގެ ވަތްގަނޑުގައި އޮތީ "ފޮރުވާފަ" އެވެ.

އެ ބިލް ފާސް ނުކޮށް ކޮމެޓީން "އަތްނުލާ" ބާއްވާފައި އޮތީ ސަރުކާރުން އެ ގޮތް ބޭނުންވާތީ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމެޓީއަށް ވަޑައިގެން ސަރުކާރުން އެ ބިލް އުވާލަން ބޭނުން ނުވާ ކަަމަށް އޮތީ ވިދާޅުވެފަ އެވެ.

އިދިކޮޅު ސަޕޯޓަރުން ކުރި މުޒާހަރާގައި މީހަކު ހައްޔަރުކުރަނީ -- މި

އެކަން ފޮރުވަން ސަރުކާރުން ކިތަންމެ މަސައްކަތެއް ދަނީ ކުރަމުންނެވެ. އެންމެ ފަހުން އޮތް ރައީސްގެ ޕްރެސްގައި އެކަމާ ގުޅޭ ސުވާލެއް އަމާޒު ކުރެވުނެވެ. އެ ދުވަހު ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އެ އިސްލާހު އަވަހަށް ފާސް ވުމަކީ އެދިވަޑައިގަންނަވާ ގޮތެވެ. ފާސް ކުރެއްވުމާއެކު ތަސްދީގު ކުރައްވާނެ އެވެ.

އެއީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ދެއްކެވި ވާހަކަ އެވެ؛ ސަރުކާރުން ބޭނުންވެ މަޖިލީހުން ފާސް ނުވެ އެއް ކަމެއްވެސް ނެތެވެ. ޖީއެސްޓީ ބޮޑު ކުރަން ބޭނުންވީމަ އެކަން އެ ކޮށް ދިނީ ރޮކެޓް ސްޕީޑްގަ އެވެ. ސަރުކާރުން އަވަހަށް ފާސް ކުރަން ބޭނުންވާ ކޮންމެ ބިލެއް ބޭނުން ހަލުވި މިނެއްގައި އެ ދަނީ ފާސް ކުރަމުންނެވެ. އަނެއްކޮޅުން ރައީސް އެ ހުންނެވީ އެމަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް އަމިއްލަފުޅަށް އިއުލާނު ކުރައްވައިގެނެވެ. އެހެން ކަމަށްވީއިރު ބޭނުންފުޅުވާ ކަމެއް ނުވެއެއް ނޯންނާނެ އެވެ. ނުވެ އޮންނާނީ ކުރަން ބޭނުންނުވި ކަމެކެވެ.

މިކަންކަމުން ބުނެދޭ ހަގީގަތަކީ މިއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ފުރިހަަމަ ގޮތުގައި ދޭން ބޭނުންވާ ސަރުކާރެއް ނޫން ކަމެވެ. އެކަމުގެ ނިޔަތެއް / ގަސްތެއްވެސް ނެތް ކަމެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމާއި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލާށެވެ. އަދި އެއިން އެއްވެސް ހައްގެއް ފުރިހަމަ ގޮތުގައި މިހާރު ބޭނުމެއް ވެސް ނުކުރެވެއެވެ. އިހުތިޖާޖުކޮށް މުޒާހަރާ ކުރާ މީހުން ހައްޔަރު ކުރެއެވެ. ބަންދު ކުރެއެވެ. މަސް ދުވަހަށް / ދެ މަސް ދުވަހަށް ގޭ ބަންދު ކުރެ އެވެ. އިހުތިޖާޖު ކުރާ މީހުނަށް އަމާޒުކޮށް އަނިޔާވެރި ކަން އިސްކޮށް މޫނާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހަ އެވެ.

ޕީޕީއެމް އޮފީސް ދޮރުމައްޗަށް ކޮންމެ ރެއަކު ބައްޔަކު އެއްވެ އަޑުއުފުލިޔަސް އަދި މަޖީދީމަގުގައި އިދިކޮޅުގެ ސަޕޯޓަރުން އިހުތިޖާޖު ކުރާ މަންޒަރު ދައްކާފައި ސަރުކާރުން ބިރެއް ނެތި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ފުރިހަަމަ ގޮތުގައި ދީފަ އޮންނާނޭ ބުންޏަސް އެއީ ހަގީގަތެއް ނޫނެވެ. މި ރާއްޖޭގައި އެ މިނިވަން ކަމެއް ނެތެވެ. އެއީ ހުސް ދޮގެވެ.

ކޮމެންޓް

3
450
ނައީމް
1 year ago

ހިޔާލުފާޅު ކުރުމުގެ ހައްގު ނެތީމަ ދޯ ކޮންމެ ރެއަަކު ޔާމީންގެ ބުންބާ ޓީމު މަޖީދީމަގުގައި އެ ދަމު ހިނގަނީ. ދުލުގަ ހިފާ ދަމަން ނޫޅޭ. މިހާ ރަނގަޅު ނޫސްތަކުންވެސް މި ފާޑު ވާހަކަ ގެނެސްދޭތީ ނައީމް މެން ވަރަށް ހިތްހަމަ ނުޖެހޭ

ހަސަނާބެއްޔާ
1 year ago

މިއީ ހަމަ ހައްގު ތެދު ބުނެފައި އޮތް ލިޔުމެއް، އެކަމަކު ޔާމީން ސަރުކާރަށް ވުރެ މި ސަރުކާރުގެ ރަނގަޅު އެއް ކަމެއް އޮވޭ ނޫސްވެރިން ކިތަންމެ ވަރަކަށް ލިޔުނަސް ފަހަތަކުން ނުދުވޭ އަދި ދައުވާ ކުރާކަށް ވެސް ނޫޅޭ. އެއަށް ހަމަލާ ދެނީ އެހެން ގޮތަކަށް ސީދާ މީއަށް އިންވެސްޓްކޮށްލައިގެން ހުއްޓުވާލަނީ އަނިޔާ ކުރުމަށް ވުރެ އެގޮތް ރަނގަޅު

އަލިބެ
1 year ago

ތިޔަ ބުނީ ހެޔުކޮށް. މީގައި އޮތް އެއްޗެއް މުޅީން ތެދު. އެކަމަކު ޔާމީން ސަރުކާރާ އެއްވަރެއް ނޫން. އަދި ނޫސްވެރީންނަށް މިހާރު އޮތް މިނިވަންކަން ބޮޑު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.