މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.
އައްބާސް އާދިލް ރިޒާގެ ނަމުގައި އޮންނަ ޓްވިޓާ އެކައުންޓަކުން އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލާފައި ވަނިކޮށް އައްބާސް އާދިލް ރިޒާ ހައްޔަރުކޮށް ބަންދުގައި 19 ދުވަހު ގެންގުޅުމަށް ފަހު ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކުރީ ނަފުރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ޓުވީޓްކޮށް އަމަން ގެއްލޭ ފަދަ ވާހަކަ ދައްކާ ކަމަށް ތުހުމަތުކޮށެވެ. ހައްޔަރު ކުރީ ޑިސެންބަރު 25 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެކި ފަހަރު މަތީން ބަންދަށް މުއްދަތު ޖެހި އެވެ.
އެމްޑީޕީގެ އުފެދިގެން އައި ދުވަސްވަރު އެމްޑީޕީގައި އުޅުނު އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އިސް މަގާމުތައް ފުރުއްވި އައްބާސް އާދިލް ރިޒާ ހައްޔަރުކުރީ އޭނާގެ ނަމުގައި ހިންގާ، ވެރިފައިކޮށްފައި ނުވާ ޓްވިޓާ އެކައުޓަކުން ޓުވީޓް ކޮށް އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހައި އަންދާލަން ހިތްވަރު ދީފައިވާތީ އެވެ.
މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.
އައްބާސް އާދިލް ރިޒާ، އޭނާގެ އެކައުންޓެއް ނޫން ކަމަށް އޭނާ ބުނާ އެކައުންޓުން އިންޑިއާއާ ދެކޮޅަަށް ރާއްޖައި ހިންގާ ކަންކަމުގެ ހަބަރުތައް ޝެއާ ކޮށްފައި ހުރެ އެވެ.
މީގެ 10 އަހަރު ކުރީން އައްބާސް ފަރާތުން މިފަދަ މައްސަލައެއް އައެވެ. އެފަހަރު ޖީއެމްއާރް އަތުން އެއާޕޯޓު މިނިވަން ކުރުމަށް ގޮވާލައި ނޮވެމްބަރު 9، 2012 އިގައި އާޓިފިޝަލް ބީޗަށް އޭރުގެ އިދިކޮޅު އިއްތިހާދުން ބޭއްވި އެއްވުމެއްގައި އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ތަރުޖަމާނުގެ މަގާމުގައި ހުންނަވައިގެން އިންޑިއާ ހައިކޮމިޝަނަރު ޑީއެމް މުލޭ އަށް ނިސްބަތް ކުރައްވައި ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ގޮތަށް ވާހަކަފުޅު ދައްކަވައިގެނެވެ.
އޭނާ އެފަހަރު ވިދާޅުވި ގޮތުގައި މުލޭއަށް އުޅުއްވަނީ އަސްލު މަގާމު އޮޅިވަޑައިގެން ރާއްޖެއަށް ބިރު ދައްކައި ޖަރީމާ ހިންގާށެވެ. އެ ފުރުސަތެއް ނުދޭނެ އެވެ. ރާއްޖޭން ބޭރު ކޮށްލާނެ އެވެ.
"ފަޔަށް ހިނިއަރައިގެން އުޅޭ މީހެއްހެން ލޮލަށް މިރުސް އެޅިގެން އުޅޭ މީހެއް ހެން ދިވެހިންނަށް ބިރު ދައްކަމުން މިތާގައި ހުރި އިންޑިއާ އެމްބެސެޑަރު އެ އުޅެނީ އޭނާގެ އަސްލު މަގާމު އޮޅިގެން. އަޅުގަނޑުމެންނެއް ނެތިން އޭނާ މިގައުމުގައި ހިންގާ ޖަރީމާތައް ހިންގަން ފުރުސަތު ދޭކަށް،" އޭނާ ވިދާޅުވެފައި ވެއެވެ.
މުލޭ ހުންނެވީ ރިޝްވަތު ހިއްޕަވައިގެން ކަމަށާއި ޖީއެމްއާރާއެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށް ވިދާޅުވެ ވެސް އައްބާސް ވާހަތަކެއް ދެއްކެވި އެވެ. އެ ދެ މައްސަލަ ވެސް އެފަހަރު ވަރަށް ހޫނުވެފައި ވެއެވެ.
އެ ފަހަރުގެ ހޫނުގައި ސްޕޯކްސް ޕާސަންގެ މަގާމު އަތުލައި ފިނޭންސް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރި އެވެ. ނަމަވެސް ވަހީދުގެ ސަރުކާރުން އައްބާސްގެ މަގާމު އަތުލީ އޭނާ ދެއްކެވި ވާހަކަތަކުން ބަރީއަވާ ކަމަށް ބުނުމަށް ފަހު އެވެ. އޭގެ ފަހުން ރައިީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސަރުކާރުގެ މުހިންމު ދެ މަގާމެއް ފުރުއްވި އައްބާސް ފަހަކަށް އައިސް ފެންނަނީ އިދިކޮޅުގެ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ.