ކަރަންޓު ކުންފުނި، ސްޓެލްކޯއިން ގުޅީ ބަނދަރަށް ފެން ދީފި

ސްޓެލްކޯއިން ކ. ގުޅީފައި ފެށި މި ހިދުމަތާއެކު މަސްވެރިންނަށާއި ފެން ހޯދަން ވަންނަ އެހެން އުޅަނދުތަކަށް ވެސް ލުއި ލިބިގެންދާނެ އެވެ.

ސްޓެލޯއިން ގުޅީ ބަނދަރުގައި ޓޫރިސްޓް އުޅަނދަކަށް ފެން ވިއްކަނީ: މަސްވެރިންނަށް ވެސް އަގު ހެޔޮކޮށް ފެން ލިބޭނެ -- ސްޓެލްކޯ

ކ. ގުޅީ ބަނދަރަށް ވަންނަ މަސް އޮޑިފަހަރައި އެހެނިހެން އުޅަނދު ފަހަރުގެ އެއް ޝަކުވާއަކީ އެ ބަނދަރުން ސާފު ބޯފެން ނުލިބޭ މައްސަލަ އެވެ. އޮޑީގައި ބޭނުން ކޮށްލާނެ ފެންފޮދެއް ގުޅީ ބަނދަރުން ފަސޭހައިން ލިބޭނެ ގޮތެއް ނުހުރުމެވެ.

އެ ދަތިކަމަށް ފަސޭހަކަން ގެނެސްދިނީ ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯ އިންނެވެ. މިހާރު ގުޅީ ބަނދަރުން ފެން ލިބޭނެ އެވެ. އަދި މިހާރު ގުޅި އަށް ބަނދަރު ކުރާ އެންމެން ތިބީ އުފަލުންނެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ގުޅީގައި ފެށި ފެނުގެ މި ހިދުމަތާއެކު، ޒަމާނީ ފަސޭހަތަކެއް ވެސް ލިބިގެންދާނެ އެވެ. އެގޮތުން ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމެއް އޮންނާނެ އެވެ. މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރުމާއެކު ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އުޅަނދަކަށް އެއް ޓަނުގެ ފެން ހިލޭ ދީފަ އެވެ.

ސްޓެލްކޯއިން ގުޅީ ބަނދަރުގައި ފެނުގެ ހިދުމަތް ފަށަނީ. މިކަމުގެ ފަސޭހަ އެންމެ ބޮޑަށް ލިބޭނީ މަސްވެރިންނަށް -- ސްޓެލްކޯ

މި ހިދުމަތުގައި އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެނެވެ. އެގޮތުން ބޭންޑް A އަށް 10 ރ. އެވެ. ބޭންޑް B އަށް 12.50ރ. އެވެ. އަދި ބޭންޑް C އަށް 13.50ރ. އެވެ.

މާލެ އަތޮޅު ގުޅީގެ އިތުރުން އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މި ވަގުތު ކަރަންޓު ކުންފުނިން ދެމުން ގެންދަނީ އދ. މަހިބަދޫ އާއި ކ. ގާފަރުގަ އެވެ. މިކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.