ފިހާރައިން އަގު ބޮޑުވި ދިގު ލިސްޓެއް؛ ހުރިހާ އަގެއް ހުރީ އުފުލިފައި

މިހާރު ޔަގީނާ ގާތަށް ފެންނަނީ ޖީއެސްޓީ މަތި ކުރުމާއެކު އަގުތައް މަތިވެގެން ދިއުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ކަމެވެ. އެކަމަކު ސަރުކާރުން ބުނަނީ އަގު ތަކަށް މައިގަނޑު ގޮތެއްގައި އަންނާނީ ނިސްބަތުން ކުޑަ މަތިވުމެކެވެ.

ބާޒާރުގައި އިއްޔެ މީހަކު ވިޔަފާރި ކުރަނީ: ވިޔަފާރި ކުރުމުގެ ކުރީގައި އެންމެ އަގުހެޔޮ ފިހާރަ ހޯދުން މުހިންމު -- މި

އާ އަހަރު ފެށުނު ރޭ ދަންވަރު 12:00 ގައި މުޅި ރާއްޖެ މަރުހަބާކީ ޓެކުހެއްގެ ބޮޑުވުމާ އެކުއެކީ އެވެ. އެރޭ މުޅި ރާއްޖޭގައި އާ އަހަރެއްގެ ހަވާ އެރުވިޔަސް އަނެއް ދުވަހު ބާޒާރަށް ދިޔަ ކޮންމެ އާއްމު މީހަކު ގަތް ބައެއް ބާވަތް ތަކުން ޖީއެސްޓީގެ ގޮތުގައި އަށް ޕަސެންޓް ދޭން ފެށި އެވެ. މި ބަދަލާއެކު ބައެއް މީހުން ބުނީ ބާޒާރުވެރިން އަގުތައް ބޮޑު ކުރާނެ އެވެ. އަދި ނަގަން ފެށުމުން ބުނީ މިހާރު ވެސް އަގު މަތިވެއްޖެ އެވެ. ސަރުކާރު ވެރިން ބުނަމުން ދިޔައީ ތިޔަ ބުނާހާ ވަރަކަށް އަގު ބޮޑެއް ނުވާނެ އެވެ. އަގު ބޮޑުވެގެން ހޭ ކެނޑޭހާއެއް ނުވާނެ އެވެ. މި ބޮޑު ބަދަލު ގެނައިތާ ހަފުތާއެއްވެ މިއަދު މިއީ އަށްޑުވަސް ހަމަވީ ދުވަހެވެ. ބާޒާރުން މިހާރު ފެންނަ މަންޒަރަކީ ކޮބައި ހެއްޔެވެ؟ އަގު ބޮޑު ވެއްޖެ ހެއްޔެވެ؟

ބާޒާރަށް އައިސްފައިވާ ބަދަލު އެންމެ ރަނގަޅަށް އަޅާ ކިޔާލަން ފަސޭހަވާނީ ޖީއެސްޓީ ނަގަން ފެށުމުގެ ކުރީގައި ހުރި އަގާއި އޭގެ ހަފުތާއެއް ފަހުން މިއަދު ބާޒާރުގައި އަގުހުރި ގޮތް ބަލައިލުމުންނެވެ. މި ލިސްޓު ފުރަތަމަ ހެދިއިރު ނޮވެމްބަރު 23، 2022 ގައި ނަގަމުން ދިޔައީ ހަ ޕަސެންޓުގެ ޖީއެސްޓީ އެވެ. ނަމަވެސް އަށް ޕަސެންޓަށް ޖީއެސްޓީ މަތިވުމުން މިހާރު ބަލާލާއިރު ލިސްޓު އޮތީ މިގޮތަށެވެ. އެކަން ކުރަން އިއްޔެ ބާޒާރަށް ވަދެ ބޮޑު ޖީއެސްޓީގެ ކުރީގެ މުދާ ބާސްކެޓަށް މުދާ އެޅުމުން ފެންނީ ޖީއެސްޓީ ލިސްޓުން އުނި ކޮށްފައިވާ ބާވަތް ތަކުން ވެސް ބޮޑުތަން މަތިވެފައިވާ ތަނެެވެ.

ނޮވެމްބަރު މަހާއި މިހާރުގެ އަގު

  • 1.ކެރެޓް ކިލޯއެއް : 18ރ -- މިހާރު : 30ރ.
  • 2.ލުނބޯ ކިލޯއެއް : 25ރ -- މިހާރު : 40ރ.
  • 3.ހިކި މިރުސް ކިލޯއެއް : 140ރ. -- މިހާރު : 145ރ.
  • 4.ކެބެޖު ކިލޯއެއް : 20ރ -- މިހާރު 25ރ.
  • 5.ލޮނުމެދު ކިލޯއެއް : 20ރ. -- މިހާރު 50ރ.
  • 6.ބީންސް ކިލޯއެއް: 65ރ. -- މިހާރު 67ރ.
  • 7.ކެޕްސިކަމް ކިލޯއެއް: 70ރ. -- މިހާރު 65ރ.
  • 8.އޮރެންޖެއް: 6ރ. -- މިހާރު 5ރ.
  • 9.އާފަލެއް: 7ރ. -- މިހާރު 6ރ.
  • 10.އަލުވި ކިލޯއެއް: 15ރ. -- މިހާރު 15ރ.
  • 11.ސަން ފްލާވާ ތެޔޮ ކޭހެއް: 460ރ. -- މިހާރު 480ރ.
  • 12.ލެޓިއުސް ފަތް ކިލޯއެއް: 100ރ. -- މިހާރު 120ރ.
  • 13.މުގު ކިލޯއެއް: 45ރ. -- މިހާރު 50ރ.
  • 14.ތެޅި މިރުސް ކިލޯއެއް: 45ރ. -- މިހާރު 55ރ.
  • 15.ބަޓާނާ ކިލޯއެއް: 40ރ. -- މިހާރު 50ރ.
  • 16.ކިއުކަމްބާ ކިލޯއެއް: 55ރ. -- މިހާރު 60ރ.
  • 17.ކުކުޅު ކިލޯއެއް: އެވްރެޖުކޮށް 50ރ. -- މިހާރު 68ރ.
ބާޒާރުގައި އިއްޔެ މީހަކު ވިޔަފާރި ކުރަނީ -- މި

ކުރިން 100ރ. މިހާރު 180ރ.

އަގުތަކުގެ ބަދަލުން ފާހަގަ ވަނީ އެވްރެޖުކޮށް 10ރ. އަގުތައް މައްޗަށް ޖައްސާފައިވާ ތަނެވެ. މި ލިސްޓުގައި ނުހިމެނު ނަމަވެސް ދޮންނަ ކުނޑި އާއި ސޯކްލީން ފަދަ ބާވަތްތަކުގެ ވެސް އެވްރެޖުކޮށް 10ރ. ގެ ބޮޑުވުމެއް ފާހަގަވެ އެވެ. މީރާއިން ޖީއެސްޓީ ނެގުން މަނާ "ސުން ރޭޓް" ގެ ލިސްޓެއް ހަދަގެން އުޅުނަސް ޖީއެެސްޓީ މަތި ކޮށްލުމާއެކު ބާޒާރުން މިހާރު ފެންނަ މަންޒަރަކީ ޖީއެސްޓީ ނެގުން މަނާ ބައެއް ތަކެތިން ވެސް ކުރިއާ އަޅާކިޔާނަމަ 2ރ. ގެ އުފުލުމަކުން މަގު މަތިވެފައިވާތީ އއެވެ. މިހާރުގެ އަގު ބަލާނަމަ އެވްރެޖުކޮށް ނޮވެމްބަރު މަހު އާއްމު މީހެއްގެ ޖީބުން 100ރ. ހަރަދުވާނަމަ މިހާރު 180ރ، އާ ގާތް ކުރާ އަދަދަކަށް މުދާ ގަންނަން ބާޒާރަށް ވަންނަ މީހަކު ހޭދަ ކުރަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިކަން ޔަގީން ކުރަން ބޭނުންނަމަ ކުރީގެ ލިސްޓަކާ ކޮމްޕެއާ ކޮށްލުމުން މި މަންޒަރު ވަރަށް ރިތިކޮށް ފެންނާނެ އެވެ.

ޖީއެސްޓީ ނުނެގޭނެ ލިސްޓު

  • 1.މޭވާ އާއި ތަރުކާރީގެ ބާވަތްތައް
  • 2.ކެބެޖް، ކެރެޓް، ޓޮމާޓޯ އަދި މިރުސް
  • 3.ކުކިން އޮއިލް، ކައްކާ ގޭސް
  • 4.ޕާން، ބަނަސް، އަލުވި، ފިޔާ ބިސް
  • 5.ރާއްޖޭގައި ކާށިން އުފައްދާ ބާވަތްތައް
  • 6.ހަވާދު އުފައްދަން ބޭނުންކުރާ ސާމާނު
  • 7.ކުޑަކުދިންގެ ކާނާ އާއި ނެޕީ
  • 8.ސެނެޓަރީ ނެޕްކިން، ނެޕީ، ޕެޑް
ޖީއެސްޓީ ނެގުމާބެހޭ ގޮތުން "މި" ނޫހުން ލިޔުނު ރިޕޯޓެއް

ޖެހޭތަނަކުން ނުގަނެ އަގުހެޔޮ ފިހާރަ ހޯދާ

މިހާރު ބާޒާރުގައި އަގު މަތިވެފައިވާ މިންވަރުން އާއްމުންނަށް ދަތި ތަކެއް ވާނެ އެވެ. މިހާރުގެ ހާލަތުގައި އާއްމު މީހާގެ ޒިންމާއަކީ އެންމެ އަގު ހެޔޮ ފިހާރައެއް ހޯދުމެވެ. ވަންނަ ފުރަތަމަ ފިހާރަ އިން ހުރިހާ އެއްޗެއް ގަތުމުގެ ބަދަލުގައި އަގުތައް ބަލާފައި ގަތުމެވެ. އެންމެ އަގު ހެޔޮ ފިހާރަ ހޯދައިގެން ވިޔަފާރި ކުރުމެވެ. ފިހާރަތަކުގައި އަގުތައް ހުރީ ވަރަށް ތަފާތު ކޮށެވެ. ބައެއް ތަންތަނުގައި ދެ ރުފިޔާގެ ފަރަގެއް އެބަހުއްޓެވެ. އެހެންވެ ވިޔަފާރި ކުރުމުގެ ކުރީގައި އަގުތައް ރަނގަޅަށް ބަލަން މިވަނީ ޖެހިފަ އެވެ.

ތަޖުރިބާކާރުންގެ ވިދާޅުވުން - މިހާރު އަގުތައް މަތިވުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރަނީ ބޭރުގެ އަގުތަކަށް އަންނަ ބަދަލެވެ. މިކަން އިތުރަށް ގޯސް ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރުތަކުގައި ސަރުކާރުން ފައިސާ ޗާޕުކޮށް އިގްތިސޯދަށް ޕަންޕު ކުރުމުންނެވެ. އެ ފައިސާ އިގްތިސޯދުގެ ތެރޭގައި ހުރެ ޑޮލަރަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ. އަގުތައް އުފުލުގައި އެންމެ ބޮޑު ބާރެއް އަޅާ އެއް ކަމަކީ މިއީ ކަމަށް ތަޖުރބާކާރުން ގަބޫލުކުރައްވަ އެވެ.

އެހެން ގައުމުތަކަށްވުރެ ހާލަތު ރަނގަޅު

މިހާރު ޔަގީނާ ގާތަށް ފެންނަނީ ޖީއެސްޓީ މަތި ކުރުމާއެކު އަގުތައް މަތިވެގެން ދިއުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ކަމެވެ. އެކަމަކު ސަރުކާރުން ބުނަނީ އަގު ތަކަށް މައިގަނޑު ގޮތެއްގައި އަންނާނީ ނިސްބަތުން ކުޑަ މަތިވުމެކެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ ފަސް ޕަސެންޓުގަ އެވެ. ސްޓެޓިސްޓިކް ބިއުރޯއިން ނެރުނު ބާޒާރުގެ ތަކެތީގެ އަގުތަކަށް އައި ބަދަލުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 2021 އާ އަޅާ ކިޔާނަމަ އަގުތައް އުފުލިފައި ވަނީ 2.88 ޕަސެންޓަށެވެ.

ނޮވެމްބަރު ވަކިން ބަލާނަމަ މަހަށް އައި ބަދަލު އެއްކޮށް ބަލާނަމަ އިންފްލޭޝަން އުފުލުންހުރީ 0.33 ޕަސެންޓުގަ އެވެ. ރާއްޖޭގައި މުފަލުގެ އަގު އުފުލުން ހުރި ވަރާއި ބޭރުގެ އެހެން ގައުމުތަކާ އަޅާ ކިޔާލާނަމަ ދުނިޔޭގެ ގިނަ ގައުމުތަކަށް ވުރެ ނިސްބަތުން ރާއްޖޭގައި އިންފްލޭޝަން ދަށް ކަމަށް ބުނެވިދާނެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އިންފްލޭޝަން ހުރީ 10 ޕަސެންޓުގެ އުފުލުމެއްގަ އެވެ. ދުނިޔޭގެ މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކް އާއި އައިއެމްއެފުން ވެސް ފާހަގަކޮށްފައިވަނީ މިކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.