މި މަޝްރޫއަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިމަހުގެ 19 ގެ ނިޔަލަށް އެޗްޑީސީ އިން ވަނީ ހުޅުވާލާފަ އެވެ.
ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކުރިއަށް ގެންދާ "އާބަން އައިލްސް" މަޝްރޫއުގައި ހިމެނޭ 15 ގެސްޓްހައުސް އަޅަން ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލެ ހިޔާއަވަށް ދެވަނަ ފިޔަވަހީގެ އެންމެ އުތުރުކޮޅުގައި ފުލްމޫން ރިސޯޓާ ވީކޮޅުގައި އަޅަން ހުޅުވާލި ބިންތަކުގައި ހިމެނޜ ގެސްޓް ހައުސް ހަދަން ހުޅުވާލި 21 ޕްލޮޓެވެ. މި ގެސްޓްހައުސްތަކުގެ ތެރޭން މިފަހަރު އިއުލާނު ކުރީ 15 ބިމެކެވެ.
މި ގެސްޓްހައުސް ތަރައްގީ ކުރަން 103،421 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފަ އެވެ. މި ކަމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޗްޑީސީ އިން ހުޅުވާލި އެކި ފަންތީގެ ޓޫރިޒަމް ވިޔަފާރިއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއަށް ހާއްސަކޮށް 23 ހެކްޓަރުގެ ބިން ހާއްސަ ކޮށްފައިވެ އެވެ.
އާބަން އައިލް" ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ދެބައިކޮށްލައި ބްރިޖަކުން ގުޅާލާއިގެން ހިންގާ މި މަޝްރޫއުގެ ދަށުން އެކި ފަންތީގެ ވިލާތަކާއި ޓޫރިޒަމް ޕްރޮޕަޓީތައް މިތަނުގައި ހުންނާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެ އެވެ.
މި މަޝްރޫއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ތަފާތު ބިޒްނަސް މޮޑެލްތަކުގައި އިންވެސްޓް ކުރަން ފުރުސަތު ދީފަ އެވެ. މި ތަންތަން އިންވެސްޓް ކުރާ ފަރާތްތަކުން ލީސް މޮޑެލް އާއި ފިކްސްޑް ލީސް މޮޑެލް އަދި ޖޮއިންޓް ވެންޗާ (ޖޭވީ) ހަދައިގެން ވެސް ތަރައްގީ ކުރެވޭނެ އެވެ. މި ތަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ ސިޔާސތުތަކާ އެއްގޮތަށް ދިގު މުއްދަތަކަށް ތިބޭ މީހުންނަށް ވެސް މި ޕްރޮޕަޓީތައް ނެގޭ ގޮތަށެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑުގެ ޓޫރިޒަމް ވަސީލްތައް އެއާޕޯޓް ކައިރީގައި ހުރުމުން ޓްރާންސިޓްގެ ބޭނުމުގައި ކުރު މުއްދަތަކަށް ތިބުމަށް ވެސް ބޭނުން ކުރެވިދާނެ އެވެ.
މި މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ހިންގިއިރު ދެވަނަ ފިޔަވަހީގެ ސޯޝަލް ހައުސިން މަޝްރޫއު ފީޒިބަލް ކުރަން ބޭނުންކުރި އެންމެ ބޮޑު ބިޒްނަސް މޮޑެލްގައި ހިމެނޭ މަޝްރޫއެކެވެ.