އަބޯގެ ނޯޓު ފޮތުގެ ފެށުން، މަގުބޫލު ހިސާބަކަށް!

އަބޯ މިހާރު މަސައްކަތްކުރަމުންދަނީ "ހިޖާބީ ހޫރު" ގެ ނަމުގައި ރީތި ލަވައެއް ނެރޭށެވެ. އެ ލަވަ މިހާރު ރެކޯޑްކޮށް ނިމިފައިވާއިރު އެ ލަވަ ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލާނެ އެވެ.

އަބްދުﷲ ފަރީދު (އަބޯ): ޓިކްޓޮކްގައި ރަނގަޅު ކާމިޔާބީއަކާއެކު މަގުބޫލުކަން ހޯދި

ޓިކްޓޮކްގައި މިހާރު ނަން ވިދާ ލަވަކިޔުންތެރިޔާ އަބްދުﷲ ފަރީދު (އަބޯ) ގެ ވާހަކަ ފަށަން ޖެހެނީ އޭނާގެ ލަވަތަކުގެ ލިރިކްސްގެ ވާހަކައިންނެވެ. އަބޯގެ ދިރިއުޅުމުގައި ދިމާވި ހިތްދަތި އެތައް ކަމަކާ ގުޅިފައިވާ ވާހަތަކުންނެވެ. ދިމާވި ދަތި އުނދަގޫ އެތައް ކަމަކާ ހެދި އޭނާ ޑިޕްރެެޝަންގެ އަނދަވަޅަށް ވެސް ވެއްޓުނު ވާހަކަތަކެވެ.

އޭރު އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނަކީ އޭނާގެ ގަލަމާއި ނޯޓު ފޮތެވެ. އޭނާގެ ހިތުގެ އުދާސްތައް ހިއްސާކުރީ އެ ނޯޓުފޮތުގެ ގަނޑުތަކާ އެވެ. ހިތްފުރެންދެން ލިޔުނު އެ ވާހަކަތަކަކީ ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާނެ ލަވަތަކަކަށް ވާނެ ކަމަކަށް އޭނާ އޭރަކު ހިޔެއް ނުކުރެ އެވެ. އެކަމަކު އެއީ އަޑުއަހައިފި ނަމަ މާނަފުން ޅެންތަކެކެވެ. ފަހަތުގައި އެތައް ވާހަކައެއް ފޮރުވިފައިވާ ލަވަތަކެކެވެ. މީހެއްގެ ހިތުގެ އުދާސްތަކެކެވެ.

އަބޯގެ ލައިފް ސްޓޯރީގެ އެހައި ބިއްދޮށަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ވާހަތަކުގެ ފުން ހިސާބު ބާއްވަން ބޭނުން ވަނީ ސިއްރެއްގެ ގޮތު އެވެ. އަބޯ ކިޔައި ދެނީ އޭނާގެ އެންމެ ލަވައެއްގެ ފަހަތުގައި ފޮރުވިފައިވާ ކުޑަ އެއް ވާހަކަ އެކެވެ. އެއީ "ލިބޭތޯ ޔާރު ޖަންނަތުން" ގެ ނަމުގައި އޭނާ ހަދައިފައިވާ ލަވައެއްގެ މާނަ އެވެ.

އަބްދުﷲ ފަރީދު (އަބޯ)

އެ ލަވައިގައި އަބޯ ކިޔައިދެނީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއަކު ގެއްލުމުން އޭނާއަށް ކުރެވުނު ހިތްދަތި އިހުސާސްތަކެވެ. އޭނާގެ ވަކިވުމާއެކު އޭނާގެ ހަނދާނަށް އުނދަގޫ ކުރަމުންދިޔަ ވާހަކަތަކެވެ. އެ ވާހަކަތައް ގަތާފައި ވަނީ ޗާލުކޮށެވެ. އަބޯ އޭނާގެ ނޯޓު ފޮތުގައި ލިޔުނެވެ:

  • ކަރުނައިގައި މަ ނިމިގެން ދަނީ، ރޮއްވަމުން އަލްވަދާއޭ ކީ!
  • އަނދިރިކަން ވޭ ވަށާ ކައުނުގައި، ނެތްވަރެއް ވެސް ހަށީގައި މަގޭ!
  • ތި ފަރިފަރި ސޫރަ ދެކިލަން އެދެން، ތި ކަމަނާ އަރިހުގައި ވާން އަލުން!
  • ކުރާމީ ހެޔޮދުއާއޭ، ލިބޭތޯ ޔާރު ޖަންނަތުން!

އެއީ އިހުސާސްތަކެއްގެ ވާހަކައެވެ. އެ ވާހަކަތައް ފުރިހަމައަށް ލިޔެވުނު ކަމަށް ގަބޫލު ނުކުރެވުނަސް އަބޯގެ މި ލަވަ ވީ ހިޓަކަށެވެ. ގިނަ ބައެއްގެ ހިތުގައި އެ ލަވައަށް ބޮޑު ލޯތްބެއް އެބައޮތެވެ.

"ބައްޔެއްގައި އެ ކުއްޖާ ނިޔާވީ، އަސްލު އޭނާގެ ހަނދާނުގައި ހަދާފައިވާ އެއްޗެއް މިއީ. ކުޑަކޮށް ބަދަލެއް ގެނެސްފައި އޭނީ. ކުޑަކޮށް ރޮމޭންޓިކް ކޮށްލައިފައި،" އަބޯ ކިޔައި ދިނެވެ.

އެއީ އަބޯގެ ހިތުން ފޮހެ ނުލެވޭނޭ ހަނދާންތަކެކެވެ. އެ ވާހަކަ ކިޔައިދިން އިރު އޭނާގެ މޫނުމަތިން ވެސް އެ މަންޒަރު ފެނުނެވެ. ކިޔައިދޭން އުނދަގޫ ވިއެވެ.

ލަވަ ކިޔުމަކީ އަބޯ ކުޑައިރުއްސުރެ ވެސް ކުރާހިތްވާ ކަމެކެވެ. އެންމެ ފުރަތަމަ ވެސް އޭނާ މަސައްކަތް ކުރީ އަމިއްލައަށް ޅެން ހެދޭތޯ އެވެ. އޭނާގެ ލަވަކިޔުމުގެ ފެށުމަކީ ޓިކްޓޮކެވެ. އެ ޕްލެޓްފޯމަށް "ހިތުގެ ގަރާރޭ" ގެ ނަމުގައި އޭނާ ދޫކޮށްލި މަދަހައަކަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ހިސާބުން، އެކި ރާގުތައް ކަމުގޮސް ލަވައިގެ ތެރެއަށް ވަދެވުނީ އެވެ.

"ހިތަށް އަރައިފި ވަރަށް ސަޅި ޕްލެޓްފޯމެކޭ. އޭގެން ވަރަށް ތަރުހީބު ލިބިއްޖެ. މިހާރު ވަރަށް ކުރާ ހިތްވާ ކަމެއް. އެކަމަކު އަނެއްހެން ހޮބީއެއް އެއީ،" އަބޯ ބުންޏެވެ.

އަބްދުﷲ ފަރީދު (އަބޯ)

އަބޯ ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަކީ ރަނގަޅު ޕްލެޓްފޯމެކެވެ؛ އެކަމަކު، ފައިސާ ހޯދަން މަސައްކަތް ކުރާކަށް އެ ދާއިރާގައި އަދިވެސް ވަރެއް ނެތެވެ. އަދި އެހާ ގިނަ ފުރުސަތުތަކެއް ވެސް ނެތެވެ. އޮތް މުއްސަނދިކަމަކީ ހުނަރުވެރި ލަވަކިޔުންތެރިންތަކެއް ތިބުމެވެ. ފުރުސަތު ނުލިބި އެތައް ބަޔަކު އެބަތިއްބެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ޓިކްޓޮކުން ބޮޑު މަގުބޫލު ކަމެއް ހޯދި އެކަކީ އަބޯ އެވެ. ފަހަތުގައިވާ ސިއްރެއް ކަމަށް އޭނާ ބުނަނީ ކޮންޓެންޓު ހެދުމުގައި ދިވެހީންގެ ޓޭސްޓަށް ބޮޑު އަހައްމިއްޔަތެއް ދިނުމެވެ. ހިންދީ ރާގުތައް ދިވެހީންނަށް ކަމުދާތީ އެ ރާގުތަކަށް ޅެން ހަދައި ލަވަ ކިޔަ އެވެ. އެކަމަކު، ކޮޕީ ރާގަށް ލަވަ ކިއުމުން ނެގެޓިވް ކޮމެންޓް ވެސް ލިބެ އެވެ.

"ދިވެހީންނަށް ކަމުދަނީ ހިންދީ ރާގު، އެކަމަކު ފާޑު ވެސް ކިޔާނެ. އަދި އެހެން އެއްޗެއް އަޑެއް ވެސް ނާހާނެ،" އަބޯ ބުންޏެވެ.

އަބޯ މިހާރު މަސައްކަތްކުރަމުންދަނީ "ހިޖާބީ ހޫރު" ގެ ނަމުގައި ރީތި ލަވައެއް ނެރޭށެވެ. އެ ލަވަ މިހާރު ރެކޯޑްކޮށް ނިމިފައިވާއިރު އެ ލަވަ ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލާނެ އެވެ. އެ ލަވައިގެ ޓީޒާ ދޫކޮށްލުމާއެކު އާންމުން ތިބީ އެ ކަމަށް ކެތްމަދުވެފަ އެވެ. އަބޯގެ އުފެއްދުންތައް އެބަހުއްޓެވެ. ކުރިޔަށެވެ.

ކޮމެންޓް

2
450
ކެބޯ
1 year ago

ކައެ ލަވަކިޔާތީ މަށަށް ކަޑަައީ

ފަރީދުގެ ދަރިވަރެެއް
1 year ago

ފަރީދުގެ ބޭފުޅަކު ލަވަ ކިޔާނެ ކަމަށް ހީކުރަނީ ކާކު ހެއްޔެވެ. އެކަމަކު ބަލާ ބަލާށެވެ. އަހަރެމެންނަށް މިއަދު މި ފެންނަނީ އެ މަންޒަރެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.