އެމަނިކުފާނާއެކު ރައްޔިތުންގެ އިއްތިހާދުން ބޭއްވި އެންމެ ފަހުގެ ބައްދަލު ވުމުގައިވެސް އެމްޑީއެންގެ މެންބަރުން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވިދާޅުވެފައިވާކަން ހަނދާން ކޮށްދެއްވިއެވެ.
ލާދީނީ ޖަމާއަތެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކީރިތި މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލާގައި އެ ޖަމާއަތުގެ އިސް މެންބަރުން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވަައުދާ އެއްގޮތަށް އަމަލު ކުރައްވާފައިނުވާތީ އެ ވައުދު ހަނދާންއައު ކޮށްދެއްވާ އެ މައްސަލަ ބައްލަވައިދެއްވުމަށް ރައްޔިތުންގެ އިއްތިހާދު އަނެއްކާވެސް އެދިއްޖެ އެވެ.
އެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު، މިއަދު ވަނީ އެކަން ހަނދާންކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލު ކަމަށް އެ މައްސަލަ ގެންނަވާ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އެމްޑީއެންގެ މައްސަލަ ބައްލަވާނެ ކަަމަށް ރައީސް ވިދާޅުވެފައިވާތީ އެކަން ހަނދާން ކޮށްދެއްވާފައިވެއެވެ.
އަދި އެމަނިކުފާނާއެކު ރައްޔިތުންގެ އިއްތިހާދުން ބޭއްވި އެންމެ ފަހުގެ ބައްދަލު ވުމުގައިވެސް އެމްޑީއެންގެ މެންބަރުން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވިދާޅުވެފައިވާކަން ހަނދާން ކޮށްދެއްވިއެވެ. ނަމަވެސް އެއްވެސް ބާވަތެއްގެ ތަހުގީގެއް / ގާނޫނީ ފިޔަވަޅެއް އެޅެމުންދާ މަންޒަރު ނުފެނި މައްސަލައަށް ފަސްލެވި ފޮރުވެމުންދާތީ ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
"މިއަދު އަޅުގަނޑުމެން ކަންބޮޑުވުމާއި މާޔޫސްކަން މި ފާޅު ކުރަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙުގެ ރިޔާސީ ދައުރަށް އިރުއޮއްސި އެހެން ދައުރަކަށް ކެންޕޭން ބެރުތައް ޖަހަމުންދާ ވަގުތެއްގައި ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށް ނިކުންނަވާއިރު ދިވެހި ރައްޔިތުންގެ ދީނާ ދިވެހިންގެ ވަހްދަތާއި ގުޅިފައިވާ އިސްލާމްދީނުގެ އެންމެ މަތީ ޝަހުޝިއްޔަތު ކަމުގައިވާ މާތް ރަސޫލާއަށް ފުރައްސާރަ ކުރުމުގައި ރިޕޯޓް ހެދި އެއްވެސް ފަރުދަކަަށް ގާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ އެވެ،"
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައްޓަވާގައިވާ ކެމްޕެއިންގައި ފުރަތަމަ ފަހަރަށް ރައްޔިތުންނާއި ކުރިމަތި ލައްވާއިރު ލިބެން ޖެހޭނެ އެންމެ މުހިއްމު އެއް ޖަވާބަކީ ކީރިތި މާތް ރަސޫލާއަށް ފުރައްސާރަ ކުރިކަ މަށް ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ފިޔަވަޅު ނޭޅުނު މައްސަލަ އާއި ދިވެހި މުސްލިމް ރައްޔިތުންގެ ބައިތުލް މާލުން، އެ މުޑުދާރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންނަށް މަގާމާއި މުސާރަ ދެއްވާ ދިވެހި މުސްލިމް އުއްމަތް ނިކަމެތި ކުރައްވަނީ ކީއްވެގެންތޯ ރައްޔިތުން ކުރާ ސުވާލުގެ ޖަވާބު ކަމަށްވެސް އެ ސިޓީގައިވެއެވެ.
އަދި ދެ ވަނަ ދައުރަކަށް އަލުން ނިކުންނަވާއިރު މުސްލިމުންގެ އަގީދާ އާއި ގުޅިފައިވާ މި މައްސަލައަށް ރައީސުލް ޖުމްހޫރިއްސާ ސީދާސީދާ ރައްޔިތުންގެ ކުރިފުޅުމަތީގައި ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައްޔިތުންގެ އިއްތިހާދުގެ ރައީސްގެ ހަސިއްޔަތުން ދެކޭތީ އެކަން ހަނދުމަށްކޮށް ގޮވާލާ ކަމަށްވެސް ސިޓީގައި ވެއެވެ.