މާލެ ފަޅުން ފަސް ޓަނު ތެޔޮ ؛ ތެލުގެ އަޑީގައި ގިނަ ސުވާލުތަކެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޯޓަކުން ތެޔޮ އެޅުނުސް އެކަން ކުރި ބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރެއް ގާބިލު ކަމެއް ވެސް ރާއްޖެއަކު ނެތެވެ. ނަމަވެސް މިހެން ތެޔޮ ލީކުވާ މައްސަލަތައް ބަލައި ބޭރު ދުނިޔޭގައި ފިޔަވަޅުތައް އަޅަ އެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހު އެންމެން ޗުއްޓީ "މޫޑުގައި" ތިއްބައި ސޯޝަލް މީޑިއާ ކެކުނީ އެނބުރެން ފެށި ފޮޓޯގަނޑަކުންނެވެ. އެ ފޮޓޯ ގަނޑުގައި ފެންނަނީ އިއްޒުއްދީނު ފާލަން / ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގެ މޫދަށް ބޯކޮށް ތެޔޮ އެޅި ތަޣައްޔަރުވެފައި އޮއްވަ އެވެ. މި މަންޒަރުތަ ފެނި ބައެއް މީހުން ރާއްޖޭން ތެޔޮ ފެނިއްޖެއޭ ކިޔަމުން ދަނިކޮށް ހެނދުނު 9:00 ޖަހަން އުޅެނިކޮށް ދިވެހި ސިފައިންގެ ޓުވިޓަރު މެދުވެރިކޮށް އެންގީ ރަސްމީ ފާލަން ކައިރިން މޫދަށް ގިނަ އަދަދެއްގެ ތެޔޮ އެޅިފައިވާތީ ސިފައިިންގޭގެ އޮއިލް ޕޮލިއުޝަން ރެސްޕޯންސް ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެ ފަހުން ސިފައިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ހުރި ތެލުގެ އަންދާޒާއަކީ ގާތްގަނޑަކަށް 1،000 ލީޓަރެވެ. އޭގެފަހުން ދެން އެ ނިސްބަތް އެކި ފަހަރު ބަދަލުވަމުން ގޮސް ބަދަލުވީ 18 ފީފާގެ ތެލަށެވެ. މިއީ އަންދާޒާއަކުން ބަލާނަމަ 3،000 ލިޓަރު ތެލެވެ.

މި ހުރިހާ ވާހަކައެއް ދެއްކިޔަސް މި ހާދިސާގެ އެންމެ މުހިންމު ސިއްރުތައް އޮތީ މި ބޯ ތެޔޮ ގަނޑުގެ އަޑީގައި އޮލަވެ ފޮރުވިފަ އެވެ. ގިނަ މައުލޫމާތުތައް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ގައިމުވެސް މި ތެޔޮ އެޅުނު ގޮތެއް ވެސް އޮންނާން ވާނެ އެވެ. މިއީ ތެލަކީ އޮއިގަނޑެއްގައި ޖެހި ލެއްގި ތެލެއް ހެއްޔެވެ؟ ނޫނީ ބަޔަކު ގަސްތުގައި ބަންޑުން ޖަހާލި 18 ފީފާގެ ތެޔޮ ހެއްޔެވެ؟ އެހެންނާ މިއީ ތެޔޮ ބަރުކޮށްގެން ދެ މީހުނާއެކު ދަތުރުކުރި ތެޔޮ ބޯއްޓާ ގުޅުމެއް އޮތް ކަމެއް ކަމެއް ހެއްޔެވެ؟

ފެނުނު ތެލުގެ ކޮލީޓީއާ މެދު ސިފައިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. މިއީ އާދައިގެ ތެލެއް ނޫން ކަމަށްވާނަމަ މި ވާނީ އެންމެ ހައި ކޮލިޓީ "ހެވީ ފިއުލް" ތެލަށެވެ. އެންމެ ހެވީ ފިއުލް ނަމަ މި ތެލުގެ ބަރުދަނުގައި ފަހެއް ނުވަތަ ހަ ޓަނު ހުންނާނެ އެވެ. މި ކޮލިޓީގެ ތެޔޮ އަޅައިގެން ރާއްޖޭގެ އެތެރޭން އެއްވެސް އުޅަނދެއް ދުއްވާނެތޯ އެއީ ސުވާލެކެވެ. މި ތެޔޮ ރާއްޖޭގެ އޮޑި ފަހަރުގައި ބޭނުން ކުރޭތޯ އެއީ ވެސް އެހިދާނެ ވާހަކައެކެވެ. އަދި މި އަދަދަށް ދޯންޏެއްގައި ތެޔޮ ބަހައްޓައިގެން އުޅެފާނެ ހެއްޔެވެ؟

ދުނިޔޭގެ ބޮޑެތި ޝިޕިން ލައިންތަކުގެ ބޯޓު ފަހަރުގެ ކެޕްޓަންކަން ކުރައްވަމުން ގެންދަވާތާ 25 އަހަރުވެފައިވާ މުހައްމަދު ޝަރީފު (ކެޕްޓަން ޝަރީފު) ބުރަވެ ވަޑައިގަންނަވާ ގޮތުގައި އެއް ނަމްބަރު ފާލަން ކައިރިއަށް ލައްވައިވަނިކޮށް ފެނު ތެޔޮ ރާއްޖޭގެ އެއްވެސް އުޅަނދެއްގައި ބޭނުމެއް ނުކުރާނެ އެވެ.

ކެޕްޓަން ޝަރީފު : މެރިޓައިމް ދާއިރާގެ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

"މިއީ އާދައިގެ ގޮތަށް އަހަރެމެން މި ކިޔާ ޒާތުގެ ކަޅު ތެލެއް ނޫން. މިއީ ހެވީ ފިއުލް ސީއެސްޓީ 180 އިގެ ތެޔޮ. މި ތެޔޮ ބޭނުން ކުރާނީ އާއްމުކޮށް ބޮޑެތި [ކޮންޓެއިނާ] އުފުލާ ބޯޓްގަ... ބޮޑެތި ބޯޓު ފަހަރު ދުއްވަން. ކަޅު ތެޔޮ ހުރޭ ސީއެސްޓީ 380 ވެސް. އެކަމަކު މިއީ އެ ބާވަތުގެ ތެލެއް ނޫން. މިއީ ހެވީ ފިއުލް،" ދުނިޔޭގެ އެންމެ ބޮޑެތި ކަނޑުތަކުގައި ކޮންޓެއިނާ ބޯޓު ފަހަރު ދުއްވާތާ 38 އަހަރު ވެފައިވާ ތަޖުރިބާކާރު ކެޕްޓަން ވިދާޅުވި އެވެ.

މާލެ ވިޔަފާރި ބަނދަރުގައި ބޯޓެއް: ތެޔޮ ލީކުވި ކަމަށް ތަޖުރިބާކާރުން ބުރަވަނީ މާލެ ސަރަހައްދުގައި އޮތް ބޯޓަކުން

ފެނިގެން އުޅޭ ތެލުގެ ބޯމިނާއި ހުރި ގޮތަށް ބަލާއިރު އެހެން ތަޖުރިބާކާރު ވެސް ބުރަވާ ގޮތުގައި މި ތެޔޮ "ސީއެސްޓީ 180" ހެވީ ފިއުލަށްވުން ގާތެވެ. މި ޒާތުގެ ތެޔޮ އަޅައިގެން ދުއްވާނީ 5،000 ނޫނީ 10،000 ހޯސްޕަވަރުގެ ބިޔަ އިންޖީނު އެޅި ބޯޓު ފަހަރަށެވެ. އެއީ ކޮންޓެއިނާ އުފުލާ ބޯޓު ފަހަރާއި ބަލްކް ކެރިއަރު ތަކެވެ. އެހެންވީއިރު މި ތެޔޮ ބަނދަރަށް / މާލޭ ފަޅަށް ވަތން ގޮތެއް ވެސް އޮންނާނެ އެވެ. ތެޔޮގަނޑު މާލެ ވަށައިގެން އޮތް ޖަޕާނު ތޮށީގައި ހޭކިވެސްނުލައި ސީދާ އެއް ނަމްބަރު ފާލަމާ ކައިރިކޮށްލައި ޖަމާވީ ކިހިނެއް ހެއްޔެވެ؟

ސިފައިން ތެޔޮ ސާފު ކުރަނީ: ކަނޑަށް ތެޔޮ އެޅުން ފަދަ ކަމަކުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ -- އެމްއެންޑީއެފް

މި ތެލަކީ ރާއްޖެ އޮޑިއަކަށް ނާޅާ ތެލަކަށް ވާނަމަ ދެން އޮތް ގޮތަކީ މާލެ ސަރަހައްދު ނުވަތަ މާލެ ކައިރިން ދިޔަ ބޯޓަކުން އެޅި ނުވަތަ ލީކުވީ ތެލަކަށް ވުމެވެ. މި ތެޔޮ ބޯޓަކުން ގަސްތުގައި ރާއްޖޭގެ ކަނޑަށް ދޫކޮށްލާފައި ވުމެވެ. ނުވަތަ ޓެކްނިކަލް ކަމެއްގެ ތެރެއިން ތެޔޮ ޑިސްޗާޖުވުމެވެ. ބޯޓަކުން ތެޔޮ ޑިސްޗާޖު ވުން ނުވަތަ ލީކު ވެދާނެ ގޮތްތަކެއް ވެސް ހުރެ އެވެ.

ކެޕްޓަން ޝަރީފު ވިދާޅުވި ގޮތުގައި ތެޔޮ ބޯޓު ފަހަރުތަކުގެ ތާނގީތަކުގައި ރައްކާކޮށްފަ ހުންނަ އިރު ތެޔޮ ބޭނުން ކުރެވޭނީ ވެސް 80 ޑިގްރީ ސެލްސިއެއް އަށް ހޫނު ކޮގެންނެވެ.

ތެޔޮ އެޅިދާނެ ގޮތަކީ ކޮބާ؟ - ބޯޓަކުން ތެޔޮ ކަނޑަށް ލީކު ވެދާނެ އެއް ސިނާރިއޯއަކީ މައި ޓޭންކުން ސާވިސް ޓޭންކަށް ނުވަތަ ސެޓެލިން ޓޭންކަށް ނެގުމުގައި ތެޔޮ ލީކުވުން ނުވަތަ އޯވަ ފްލޯވުމެވެ. މި ގޮތަށް އޯވަފްލޯ ވެއްޖެނަމަ އެ ތެޔޮ ކަނޑަށް ފައިބާނެ އެވެ. އަނެއް ގޮތަކީ ސްލަޖް ޑިސްޗާޖު ކޮށްލުން ނުވަތަ ކަނޑަށް ދޫކޮށްލުމެވެ. ސްލަޖްއަކީ ތެޔޮ ބޭނުން ކުރާއިރު އޭގައި ބޭނުން ނުކުރެވި ހުންނަ 0.05 ޕަސެންޓްގެ ތެލެވެ. މި ތެޔޮ ހުންނާނީ ވަކިން ތާނގީއެއްގައި ރައްކާ ކޮށްފަ އެވެ.

ތަޖުރިބާކާރުން ބުރަވެ ވަޑައިގަންނަވާ ގޮތަކީ ފެނިފައިވާ ތެލަކީ ބޯޓަކުން ލީކުވި އެއްޗަކަށްވުމުގެ 99 ޕަސެންޓްގެ ޔަގީނަށެވެ. އެހެންވީމަ ދެން އުފެދޭނެ ސުވާލަކީ މި ތެޔޮ އެޅިފައި ވަނީ ކޮން ބޯޓަކުން ހެއްޔެވެ؟

ތެޔޮ އެޅުނު މުއްދަތުގައި މާލެ ކައިރީ ހަ ބޯޓެއް

ތެޔޮ ލީކުވި ކަމަށް ބެލެވޭ ތާރީހުގައި މާލެ ސަރަހައްދުގައި ހުރި ބޯޓު ފަހަރު

ތެޔޮގަނޑު އެއް ނަމްބަރު ފާލަމާ ހަމައަށް ދަތުރު ކުރިކަމަށް ބެލެވޭ ތާރީހަކީ ޑިސެމްބަރު 31 އިން ފެށިގެން 1، ޖެނުއަރީގެ ފަތިހުގެ ވަގުތެއްގަ އެވެ. މި ވަގުތުތަކުގައި މާލެ ސަރަހައްދުގައި ހެވީފިއުލް އަޅައިގެން ދުއްވާ ބޯޓު ފަހަރު ހުރިތޯ ޖެހެނީ ޓްރެކްކޮށްގެން ބަލާށެވެ.

މެރިޓައިމް ޓްރެކިން ޑާޓާ މެދުވެރިކޮށް "މި" ނޫހުން ބެލުމުން އެނގޭ ގޮތުގައި ތެޔޮ ލައްވި ތާރީހުގައި މާލެ ސަރަހައްދުގައި ހެވީފިއުލް އަޅައިގެން އޮޕަރޭޓް ކުރާ ހަ ބޯޓެއް އޮތެވެ. އޭގެތެރޭގައި ރާއްޖެއަށް މުދާ ހިފައިގެން އައިސްފައިވާ ބަލްކް ރެކިއަރެއް ވެސް ހިމެނެ އެވެ. ދެން އުފެދޭ ސުވާލަކީ މި ފަދަ ބޯޓަކުން ތެޔޮ ލީކުވި ނަމަވެސް މި މޫސުމުގައި އޮޔާއި ވައި ހުރި ގޮތުން ތެޔޮ ބަނދަރަށް ވައްދައިފާނެ ތޯ އޮތް ސުވާލެވެ.

އޮވެވަރުގެ ވާހަކަ ދައްކާއިރު ކަނޑުތަކުގައި އަޅާ އޮއިގެ ހަތް ވައްތަރެއް ހުރެ އެވެ. އެހެންވެ ހަމަ ސީދާ މިހާރު އޮއިވަރު ހުރި ގޮތުން ތެޔޮ ލައް ވެދާނެ އޭ ބުނަން ވެސް ބައެއް ތަޖުރިބާކާރުން ފަސް ޖެހި ވަޑައިގަންނަވަ އެވެ. އެކަމަކު މި ހާދިސާ ހިނގިކަމަށް ބެލެވޭ ވަގުތުތަކުގައި އެއް ނަމްބަރު ފާލަމާ ދިމާލުގައި އޮއެ ހުރީ ބަނދަރަށް ވައްދާ އޮއެވަރެއް ކަމަށް ބައެއް ކެޕްޓަނުންގެ ވާހަކައިން ދޭހަވެ އެވެ. އަދި އާއްމުކޮށް އެ ތަނުގައި އަޅަނީވެސް އެ އޮއެވަރެވެ. ތެޔޮ ގަނޑު ފެންމަތީގައި އެއް ނަމްބަރު ފާލަމަށް ލައްވުމުގެ ޕޮސިބިލިޓީ ހައިވީ ކަމަށް ބުނެވިދާނެ އެވެ. އަދި މި ތެޔޮ އެއް ނަމްބަރު ފާލަމުގައި ދެ ފުރާޅަށް ސަތަރިން ހިޔާކޮށްފައިވާ ބަޔަށް ޖަމާވެފައި ވަނީ އެ ސަރަހައްދުގައި އޮއިވަރު ހުއްޓިފައި ހުރުމުންނެވެ. ތެޔޮ ގަނޑު ހުއްޓިފައި ހުންނަން ބޭނުންވާ ހުރިހާ ޝަރުތެއް އެތަނުގެ މާހައުލުގައި ފުރިހަމަވެ އެވެ. އެ ސަރަހައްދުގައި ވައެއް ނެތެވެ.

ބޯޓު ހޯދާ، އެކަމަކު ރާއްޖެއަކަށް ނުވާނެ

ކަނޑަށް ތެޔޮ ލީކުވާ ބޯޓު ހޯދިދާނެ ހެއްޔެވެ؟ އެކަމުގެ ތަޖުރިބާއާ މީހުން ރާއްޖޭގައި އެބަތިބި ހެއްޔެވެ؟ އަދި އެކަން ދުނިޔޭގައި ކުރަނީ ކިހިނެއް ހެއްޔެވެ؟

ބޯޓަކުން ތެޔޮ ލީކުވެ ނުވަތަ ގަސްދުގައި ތެލާއި ކުނި ކަނޑަށް ދޫކުރި ނަމަވެސް އެކަން ބެލޭނެ މެކޭނިޒަމްތައް ބޯޓު ފަހަރުގައި ހުންނާނެ އެވެ. އެއް ގޮތަކީ ތެލުގެ ސާމަޕްލް ނަގައިގެން ބެލުމެވެ. ތެޔޮ ލީކުވީ އޯވަފްލޯ ވެގެން ނަމަ އެކަމުގެ ނިޝާން ބޯޓުން ފެންނަން ހުންނާނެ އެވެ. ރަނގަޅު ވަގުތު އިންވެސްޓިގޭޝަނަށް ގޮސް ބޯޓުގެ ވަށައިގެން ބަލާލުމުން އޮއިލް ޓްރޭސް ފައިބާފައި ހުންނަތަން ފެންނަން ހުންނާނެ އެވެ އެ ފޮހެލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ފޮހެލަން މަސައްކަތް ކުރުމަކީ ވެސް އިންޓަނޭޝަނަލީ މަނާ ކަމެކެވެ.

ކޮންމެ ބޯޓެއްގައި އޮއިލް ރެސްޕޯންސް ޓީމުތައް ތިބެއެވެ. އެ ޓީމުތަކުގެ އިކްއިޕްމަންޓް ތަކުން ވެސް އެނގޭނެ އެވެ. އަދި ބޯޓުގައި އޮއިލް ރެކޯޑު ފޮތެއްވެސް އޮންނާނެ އެވެ. އެއިން ބޯޓަށް ނެގި ތެލުގެ އަދަދު އެނގޭނެ އެވެ. ތެޔޮ ބޭނުންކުރި ގޮތްވެސް އެނގެން އޮންނާނެ އެވެ. ތެލުގެ ބާކީ ސްލަޖް އަށް ހެދި ގޮތް ވެސް ލިޔުމުން ބުނެދޭނެ މަޖުބޫރު ކުރެ އެވެ.

އައިއެމްއޯގެ މާޕޯލް ރެގިއުލޭޝަން: މި ރެގިއުލޭޝަނާ ގުޅުންހުރި ގަވައިދެއް ރާއްޖެއަކު ނެތް

މައްސަލަ ބެލުމުގެ ކުޅަދާނެކަން ރާއްޖެއަކު ނެތް

ތެޔޮ ލީކުވީ ނަމަވެސް ރާއްޖެއަކަށް ކުރެވޭނެ ކަމެއް ނެތެވެ. އެޅޭނެ ފިޔަވަޅެއް ވެސް ނެތެވެ. އަދި ރާއްޖޭގައި އެކަން ބެލޭނެ ބަޔަކު ވެސް ނެތެވެ. އެ ކުޅަދާނަކަން ލިބިފައި ވެސް ތިބީ މަދު ބައެކެވެ. ރާއްޖެއަށް މިފަދަ މައްސަލަތަކުގައި ފިޔަވަޅު ނޭޅޭނެ ސަބަބަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) އިން ހަދާފައިވާ "މާޕޯލް ރެގިއުލޭޝަން" އަށް ބާރު ލިބިގެން ރާއްޖޭގައި ހަދަން ޖެހޭ "މާޗެންޓް ޝިޕިން އެކްޓެއް" ނެތުމެވެ. އެހެންވެ ރާއްޖެއަކަށް މިފަދަ މައްސަލަތަކުގައި ދެވޭނެ އަދަބެއް ނޯވެ އެވެ. އެހެންވެ އައިއެމްއޯ ގަވާއިދު ތަންފީޒު ކުރުމުގެ ބާރެއް ރާއްޖެ އަކު ނެތެވެ.

މި ފަދަ ގާނޫނީ ބާރެއް ނެތުމުން ރާއްޖެ އަންނަ ޝިޕިން ލައިން ތަކުން ބޯޓު ދޮވެލާ ލޮނާ ހަޑި ލޮނު ގަނޑާއި ކުނިބުނި ރާއްޖޭގެ ގަނޑަށް ދޫކޮށްލުމަކީ އާއްމު ކަމެކެވެ. ނަމަވެސް މި ފަދަ ގާނޫނުތައް ހުރި ގައުމުތަކުގައި ބޯޓަކުން ތެޔޮ ނުވަތަ އެހެންވެސް މަނާ އެއްޗެއް ކަނޑަށް ދޫކޮށްފިނަމަ ޖިނާއީ ބޮޑެތި ދައުވާތައްކޮށް ކެޕްޓަނުންނާއި ޗީފް އިންޖިނިއަރުން އަދި ބޯޓާއި އޯނަރު ވެސް ބޮޑެތި އަދަދު ތަކުން ޖޫރިމަނާކޮށް ޖަލަށް ލަ އެވެ.

މިފަހަރު ރާއްޖޭގައި ހިނގި މި ހާދިސާއަކީ ރާއްޖެއަށް އިބުރަތެކެވެ. ރާއްޖެ ހުރަސްކޮށް ބޮޑެތި ބޯޓު ފަހަރު ކޮންމެ ދުވަހަކު ހުރަސް ކުރާއިރު އިންޓަނޭޝަނަލީ މިކަންކަން ކުރާ ގޮތް ބަލައި ހޯދަން ޖެހެ އެވެ. އެކަމުގެ ގާބިލްކަން އިތުރު ކުރަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.