ގައުމީ ގުރުއާން މުބާރާތް ނިމި ދެދުވަހެއް ފަހުން ޔޫތު މިނިސްޓަރީގެ އިސް ނެގުމަށް އިސްލާމިކް މިނިސްޓަރީ ނުކުމެ އަމިއްލަ ޓީވީ ޗެނަލް، ރާއްޖެ ޓީވީއާ ގުޅިގެން މިހާތަނަށް ބާއްވާ އަގުގެ ގޮތުން އެންމެ ބޮޑު ގުރުއާން މުބާރާތް ވަނީ ލޯންޗްކޮށްފަ އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ނިމުނީ މީގެ ތިން ދުވަސް ކުރީން މިދިޔަ އަހަރުގެ އެންމެ ފަހު ދުވަސް ކަމުގައިވި ޑިސެންބަރު 31 ގައެވެ. އެ މުބާރާތުގައި 1،116 ދަރިވަރުން ކިޔެވި އެވެ. އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ދިވެހިރާއްޖޭގެ ގައުމީ މުބާރާތެވެ. އިހުއްސުރެ އެއީ ވަރަށް ބޮޑު އިސްކަމެއް ދީފައި އޮންނަމ އެންމެ ބޮޑު، އަދި އެންމެ ހާއްސަ ވެސް މުބާރާތެވެ. ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއް ދެ އެވެ. މުބާރާތުގައި ބައިވެރިވާ ކުދީންގެ އަދަދު އަހަރުން އަހަރަށް އިތުރުވެ ވާދަވެރިކަން ބޮޑުވެއެވެ. މުބާރާތް އިތުރަށް ކުލަގަދަ ކޮށް / ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ސީދާ ރައީސް ކައިރިން ބައްލަވާ މުބާރާތެކެވެ.
ނަމަވެސް ނިމިދިޔަ ދެ ތީން އަހަރުގެ ތެރޭގައި އެ މަސައްކަތް ފެނުނީ ވަރަށް ބޮޑަށް ނިކަމެތިކޮށް ފަނޑުކޮށްލާފައިވާތީ އެވެ. ކޮވިޑާއި ގުޅިގެން އެއް އަހަރު މުބާރާތް އޮތީ އޮންލައިން ކޮށެވެ. މުބާރާތުން އެއްވަނައަށް ދާ ދަރިވަރަކަށް / މީހަކަށް އޮންނަނީ ހަތްހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެއްވަނަ މުއައްސަސާއަކަށް ވެސް އެ އަދަދަށް ފައިސާ އެވެ.
މުބާރާތުގެ ހުރިހާ ކަމަކަށް 4.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި އޮތަސް މި ފަހުން ބޭއްވި ކޮންމެ މުބާރާތަކާ މެދު ބެލެނިވެރީންނާއި މުއައްސަސާތަކުގެ ޝަކުވާ ވަރަށް ބޮޑެވެ. ބެލެނިވެރީންނަށް އިށީނދެލައިގެން ތިބެ މުބާރާތުގެ ކިޔެވުން އަޑުއަހާލެވޭނެ ގޮތެއްވެސް ފަސޭހައިން ހަމަޖައްސާފައެއް ނުހުރެއެވެ. ގައުމީ ޓީވީން މުބާރާތުގެ ކިޔެވުން ދުރަށް ފޮނުވާ މަންޒަރެއް ނުފެނެ އެވެ. ގައުމީ ގުރުއާން މުބާރާތަކީ ކަމަކަށް ކަމެއް ކޮށްލާ އުސޫލުން "އަމާ ބުނީތީ ފަހަރަށް ދާހެން" ކޮށްލާ ކަމެކެވެ. ގައިމުވެސް ކުރީން ގައުމީ ގުރުއާން މުބާރާތުގައި ހުރި އަޑެއް ނެތެވެ. މުބާރާތެއް ފަށައި ނިމޭއިރުވެސް ދެނެހުރި މީހަކު ނޫޅެ އެވެ. އެންވީ މުބާރާތާމެދު ސަރުކާރު އިހުމާލު ވެގެނެވެ. ކުލަ ގަދަކޮށް ހައިބަތު ބޮޑު ކުރުން ހުއްޓާލުމުންނެވެ.
ގައުމީ ގުރުއާން މުބާރާތް ނިމި ދެ ދުވަހެއް ފަހުން ޔޫތު މިނިސްޓަރީގެ އިސް ނެގުމަކަށް އިސްލާމިކް މިނިސްޓަރީ ނުކުމެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ރާއްޖެ ޓީވީއާ ގުޅިގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އަގުގެ ގޮތުން އެންމެ ބޮޑު ގުރުއާން މުބާރާތް ވަނީ އިއުލާނު ކޮށްފަ އެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ބައިވެރި އަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެ އެވެ.
"ރަންތާޖު" ގެ ނަމުގައި ބާއްވާ އެ މުބާރާތަކީ ސަރުކާރުގެ މީޑިއާ ހައުސް ޕީއެސްއެމް އިން މީގެ ކުރީން ބާއްވަމުން އައި "އެންމެ އަލިގަދަ ތަރި" މުބާރާތަށް ވުރެވެސް ދެ ގުނަ އަގު ބޮޑު މުބާރާތެކެވެ. އެ މުބާރާތުން އެއްވަނައަށް އައި ބައިވެރިންނަށް ދީފައިވަނީ އެއް ލައްކަ ރުފިޔާ އެވެ.
"ރަންތާޖު" މުބާރާތް ވަރަށް ރަނގަޅެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ގައުމީ ގުރުއާން މުބާރާތުގެ އަލި ފަނޑުކޮށް އެ މުބާރާތަށް މާބޮޑު އިސްކަމެއް ނުދީ ވަނިކޮށް އަދި ސަރުކާ މިޑިއާގެ "އެންމެ އަލިގަދަ ތަރި" މި ސަރުކާރާއެކު ހުއްޓާލާފައި އޮވެ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު، އަދި އަގުގެ ގޮތުން ވެސް އެންމެ ބޮޑު، ފުރިހަމަ މުބާރާތަށް "ރަންތާޖު" ވާނެ ކަމަށް އިއުލާނުކޮށް ދިވެހި ސަރުކާރުން އެކަން ހާމަ ކުރުމުން ސުވާލު އުފެދެ އެވެ.
ފުރަތަމަ ކަމަކަށް ކީިރިތި ގުރުއާނާ ގުޅުން ހުރި މިފަދަ ގައުމީ މުބާރާތްތައް ބޭއްވުމުގެ މެންޑޭޓް އޮތީ ގުރުއާނާބެހޭ މަރުކަޒަށެވެ. އެ މަރުކަޒުން ގައުމީ ގުރުއާން މުބާރާތެއް ވަރަށް ހާލުގައި ބާއްވަމުން ދަނިކޮށް އެ މުބާރާތް، އޭގެ އަސްލު ހައިބަތުގައި ބާއްވައި ދޭން ސަމާލު ކަމެއް ނުދީ ސަރުކާރުގެ އިދާރާއަކުން މިފަދަ މުބާރާތެއް ޕްރައިވެޓް ޓީވީ ޗެނަލާއެލު ބާއްވަން ނިންމީ ކީއް ވެގެން ހެއްޔެވެ؟
ގުރުއާނާ ބެހޭ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓަރީ އާއި އިސްލާމިކް މިނިސްޓަރީން މާ އަގު ބޮޑު ގުރުއާން މުބާރާތެއް ބާއްވާން އުޅޭކަން އެނގުނީ އިއްޔެ އެވެ. އެވެސް މީޑިއާ އިންނެވެ. ގުރުއާނާ ބެހޭ މަރުކަޒަށް މުބާރާތާބެހޭ އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތެވެ.
ސަރުކާރު ޓީވީ، ޕީއެސްއެމް / ޓީވީއެމް އާއި "މުންނާރު" ހިމެނޭ ގޮތަށް އެ ތާނގެ ދީނީ ޗެނަލްތައް ވެސް ހުއްޓާ ސަރުކާރު ދެ މިނިސްޓަރީއެއް އެކުވެލައި އަމިއްލަ ޗެނަލަކާއެކު މިފަދަ މުބާރާތެއް ބާއްވަން ނިންމި ސަބަބެއް ވެސް ހާމަ ކޮށްފައެއް ނުވެއެވެ. "ރާންތާޖު" މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ޓީވީ އިހްތިޔާރު ކޮށްފައިވަނީ ކޮން ގޮތަކަށް ބެލުމަށް ފަހު ކަމެއް ހާމައެއް ނުކުރެ އެވެ. ފަހަރުގައި އެއީ ރާއްޖެ ޓީވީގެ މުބާރާތެއް ކަމަށް ވެދާނެ އެވެ. އެ މުބާރާތުގެ ތެރެއަށް ދެމިނިސްޓަރީމް ވަދެގަތީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޓީވީ ހަމަޖެއްސުމުން އެ ޓީވީއަށް ފަހިކޮށްދޭން ޖެހެނީ ކޮން ކަމެއް ކަމެއް ނުބުނެއެވެ. މުބާރާތުގެ މަންޒަރުތައް ވީޑިއޯކޮށް ޓީވީ މެދުވެރިކޮށް ދެއްކުމަށް ކުރަނީ ކިހާ ހޭދައެއް ކަމެއް ހާމައެއް ނުކުރެއެވެ. މިއެއް އެނގޭނީ ސާފުކޮށް ބުނީމަ އެވެ.
ސަރުކާރުގެ އިދާރާތަކުން މިފަދަަ މުބާރާތެއް ބާއްވާއިރު މިއީ ޖަވާބު ލިބެން ޖެހޭ ސުވާލުތަަކެވެ. މިއީ ސުވާލު ކުރުމުގެ ކުރީން ސާފު ކޮށްދޭން ޖެހޭ ވެސް ކަންކަމެވެ. އޭގެ ބަދަލުގައި ދެ މިނިސްޓްރީން ރާއްޖެ ޓީވީއާ އެކުވެ އެއްބަސްވުމުގައި ސޮއިކޮށް މިއީ އެންމެ އަގު ބޮޑު / އެންމެ ފުރިހަމަ މުބާރާތަށް ވާނެ ކަމަށް ބުނެ ނިންމާލީ އެވެ. އަދި މުބާރާތުގައި ބައިވެރިވާން ހުޅުވާލީ އެވެ.
ދައުލަތުގެ މިޑިއާގެ ހައިސިއްޔަތުން ސަރުކާރުން ހިންގާ މިފަދަ ކޮންމެ މުބާރާތެއްގައި އެހީތެރި ވެދިނުމަކީ ޕީއެސްއެމްގެ ޗެނަލްތަކަށް ލާޒިމު ކަމެކެވެ. އެކަން މިހާތަނަށް އެ ދަނީ ކުރަމުންނެވެ. ކޮށް ދެމުންނެވެ. އެހެން ކަމަށްވީއިރު އެ ފުރުސަތު ދޫކޮށް އަމިއްލަ ޓީވީ ޗެނަލަކާއެކު މިވަރުގެ މުބާރާތެއް ރާވާ ހިންގަން ޖެހޭ ސަބަބެއް ސާފުކޮށް ދޭން ޖެހޭނެ އެވެ. އަދި އެ ސަބަބެއް އެއީ އެންމެނަށް ގަބޫލު ކުރެވޭ ސަބަބަކަށް ވާންވެސް ލާޒިމެވެ.
އަނެއްކޮޅުން ގުރުއާނާ ބެހޭ މިފަދަ ގައުމީ ކޮންމެ މަސައްކަތެއްގައި މުބާރާތަކަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އެހީތެރިކަން ލިބޭނެ އެވެ. ނަމަވެސް "އެންމެ ޝަރަފުވެރި މުބާރާތް" ބާއްވަން ސަރުކާރުން މި ނިންމީ އެކަމުގެ އެއްވެސް މަޝްވަރާއެއް ގުރުއާނާ ބެހޭ މަރުކަޒާއެކު ކުރުމަކާ ނުލަ އެވެ. ގުރުއާނާ ބެހޭ މަރުކަޒަކީ އިސްލާމިކް މިނިސްޓަރީގެ ދަށުގައި އޮތް އިދާރާއެއް ނަމަވެސް މުބާރާތުގެ އެއްވެސް ކަމެއް އަދި އެ އިދާރާއަށް އަންގާފައެއް ނެތެވެ.
ޔޫތު މިނިސްްޓަރީން އިއުލާނު ކުރި މުބާރާތާއެކު ބައެއް އިލްމުވެރީން ވެސް ވަނީ ގައުމީ ގުރުއާން މުބާރާތުގެ ހައިބަތު ގެއްލުވާލާ މުޅީން އެހެން މުބާރާތެއް އިއުލާނުު ކުރި ކުރުމާމެދު ސުވާލު އުފައްދާފަ އެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ގައުމީ ގުރުއާން މުބާރާތް "އަމާ ބުނީތީ ފަރަށް ދާ އުސޫލުން" ބޭއްވުމަށް ފަހު އަގު ބޮޑު އިނާމުތަކެއް ހިމެނޭހެން އިތުރު މުބާރާތެއް އިއުލާނު ކުރުމުން ކުރައްވަނީ ކީއްތޯ އައްސަވާފަ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ގައުމީ ފެންވަރުގެ އެފަދަ ގުރުއާން މުބާރާތްތައް އިންތިޒާމު ކުރަން ޖެހޭ ދައުލަތުގެ މަސްއޫލުވެރި އިދާރާއަކީ ގުރުއާނާ ބެހޭ މަރުކަޒެވެ. އޭނާ އަދި އައްސަވަ އެވެ: "މަސައްކަތް ތަކުރާރު ކުރަނީ ކީއްވެ؟"
ޝައިހް ހުސައިން އަންސާރު ވެސް ވަނީ ސަރުކާރުގެ ވުޒާރާތައް ގުޅިގެން ބާއްވަން ޖެހޭ އެންމެ ބޮޑު، އެންމެ ފުރިހަމަ މުބާރާތަކަށް ވާން ޖެހޭނީ ގައުމީ ގުރުއާން މުބާރާތް ކަަމަށް ވިދާޅުވެފައެވެ. މި ސަރުކާރުގައި ހިމެނޭ އަދާލަަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަދި މި ސަރުކާރު ދިފާއުކޮށްދޭ އިލްމުވެރީންގެ ތެރޭގައި ވެސް ހިމެނި ވަޑައިގަންނަވާ އަންސާރު ވިދާޅުވި ގޮތުގަައި މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި ވެސް އެތައް ބައެއްގެ ޝަކުވާއާ ކަންބޮޑުވުން އޮތެވެ. މުބާރާތުގެ ބައެއް އިންތިޒާމްތައް ހުރީ ވަރަށް ދޯދިޔާކޮށެވެ. ބެލެނިވެރިން ކޮށްޅަށް ތިބެން ޖެހުން ފަދަ އެތައް ކަމެއް ހުއްޓެވެ.
"ގައުމީ ގުރުއާން މުބާރާތާ މެދު އެހާ ބޮޑު ފަރުވާތެރިކަމެއް ނެތި. ޔޫތު މިނިސްޓަރީ އިން ތިޔަފަދަ މުބާރާތެއް އިޝްތިހާރު ކުރަނީ ކުރަމުންދާ ވިޔާނުދާ މުންކަރާތްތަކާއި ފާހިޝް ކަންތަކުގައި ފަސްއަޅައި ފޮރުވަންތޯ؟"
ހަމީދެވެ މިއޮތީ ފިތުނަ އުފައްދަން ލިޔެފައެވެ. ތި ކަމު ނުދެއެވެ. މުބާރާތަކީ ރާއްޖެޓީވީން ބާއްވާ މުބާރާތެކެވެ. މިނިސްޓްރީން ދެނީ އެހީތެރިކަމެވެ. ރާއްޖެޓީވީއަށް ގުޅާލިނަމަވެސް ތިކަން ސާފުވީއެވެ.